03 ފެބުރުއަރީ 2021 - 12:40

ދެހާސް ނަވާރަ ވަނަ އަހަރު ގާއިމްކޮށްފައިވާ ޓޫރިޒަމްގެ ރެކޯޑުތައް އަންނަ ޖުލައިގެ ފަހުން މުގުރާލައި އާ ރެކޯޑުތައް ހެދޭނެ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެ އެވެ.
މައުސޫމް "މިހާރު" އަށް ވިދާޅުވީ ކޮވިޑް ވެކްސިން ރާއްޖެ އަށް ލިބުމަކީ ކުރު މުސްތަގުބަލެއްގައި ޓޫރިޒަމް ދާއިރާ އަލުން އިއާދަ ކުރެވޭނެ ކަމުގެ އުއްމީދެއް ކަމަށެވެ. އަދި ރާއްޖެ އަށް ވެކްސިން ލިބުނީ ހީކުރި ވަރަށްވުރެ އަވަހަށް ކަމަށާއި އެހެންކަމުން މިއަހަރު ވެގެންދާނީ ޓޫރިޒަމް ދާއިރާ އަށް އުޖާލާ އަހަރަކަށް ކަމަށް އޭނާ ވިދާޅުވި އެވެ.
"ވެކްސިން މި ލިބުނީ އަޅުގަނޑުމެން އުއްމީދު ކުރި ވަރަށްވުރެ އަވަހަށް. އެހެންވީމާ މިހާރު ލަފާ ކުރެވޭ ޖޫން ޖުލައިގެ ފަހުން 2019 ވަނަ އަހަރުގެ ރެކޯޑުތައް މުގުރާލެވޭނެ ކަމަށް. އެހާތާނގައި ދުނިޔޭގެ ހުރިހާ ގައުމަކުން ވެސް ވެކްސިން ޖަހާ ނިންމާލާނެ ކަމަށް އުއްމީދު މި ކުރަނީ،" މިނިސްޓަރު ވިދާޅުވި އެވެ.
ރާއްޖޭގައި ކޮވިޑް-19ގެ ވެކްސިން ޖަހަން ފަށާފައިވަނީ މިދިޔަ ހޯމަ ދުވަހުން ފެށިގެންނެވެ. ފުރަތަމަ ބުރުގައި ޓޫރިޒަމް ދާއިރާގެ މުވައްޒަފުންނަށް 10،000 ޑޯޒު ހާއްސަ ކޮށްފައިވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. ވެކްސިން ޖަހަން ބޭނުންވާ މުވައްޒަފުން ރަޖިސްޓްރީވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފަ އެވެ.
މައުސޫމް ވަނީ ޓޫރިޒަމް ދާއިރާގެ މުވައްޒަފުންގެ އިތުރުން ރާއްޖޭގެ ހުރިހާ ރައްޔިތުންގެ ވެސް ވެކްސިން ޖަހަން ރަޖިސްޓްރީވުމަށް އެދިފަ އެވެ. އޭނާ ވިދާޅުވިގޮތުގައި ގިނަ މީހުން ވެކްސިން ޖެހުމުން ރާއްޖެއަކީ މިިހާރައްވުރެ ރައްކާތެރި ގައުމެއްކަން އެހެން ގައުމުތަކަށް ކަށަވަރުކޮށްދެވޭނެ އެވެ.
ޓޫރިޒަމަކީ ރާއްޖޭގެ އިގްތިސާދުގެ އެންމެ ބޮޑު އެއް ބައިކަން ފާހަގަކުރައްވައި މައުސޫމް ވިދާޅުވީ ރާއްޖޭގެ ގިނަ މީހުން ވެކްސިން ޖެހުމުން ޓޫރިސްޓުން އަންނަވަރު އިތުރުވާނެ ކަމަށެވެ. އަދި މީގެ ސަބަބުން ރާއްޖޭގެ އިގްތިސާދު ވެސް އިއާދަ ކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.