10 ނޮވެމްބަރ 2016 - 06:20

އިންޑިއާގެ ކުޑަ އަވަށެއްގައި ދިރިއުޅޭ މެހެންދުރަ އަހިރްވާރް އަކީ ކޮންޖެނިޓަލް މަޔޯޕަތީ ކިޔާ ބައްޔެއް ޖެހިފައިވާ ކުއްޖެކެވެ. މި ބަލީގެ ސަބަބުން އެ ކުއްޖާގެ ކަނދުރާގެ މަސްތަކުގައި އެއްވެސް ވަރެއް ނުހުރެ އެވެ. އެހެންވެ އޭނާގެ ކަރު އޮންނަނީ އަބަދުވެސް އެލިފަ އެވެ. މީޑިއާގެ ސަމާލުކަމަށް މި ކުއްޖާގެ ވާހަކަ އައުމަށް ފަހު ލިބުނު އެހީގައި އޮޕަރޭޝަންކޮށް ލުއިތަކެއް ލިބުނަސް އެ ކުއްޖާ ކުއްލިއަކަށް މަރުވެއްޖެ އެވެ.

އުމުރުން 13 އަހަރުގެ މެހެންދުރަގެ ވާހަކަތައް ފުރަތަމަ ފަހަރަށް ބައިނަލްއަގުވާމީ މީޑިއާގެ ސަމާލުކަމަށް އައީ މިދިޔަ އަހަރު އެވެ. އެ ފަހަރު މެހެންދުރަ އާއި އޭނާގެ އާއިލާއިން ބުނެފައި ވަނީ މެހެންދުރަގެ އޮޕަރޭޝަނަށް ގިނަ އަދަދެއްގެ ފައިސާ ބޭނުންވާތީ އޮޕަރޭޝަން ނުކުރެވިފައިވާ ކަމަށެވެ. ކަރު އެގޮތަށް އޮންނާތީ މެހެންދުރަ އަށް ކިޔަވަން ނުދެވޭ ކަމާއި ދިރިއުޅުމަށް ވެސް ވަރަށް ތަކުލީފު އުފުލަން ޖެހޭ ކަމަށް އެމީހުން ކިޔައިދީފައިވެ އެވެ.

އިނގިރޭސި ވިލާތުގެ ލިވަޕޫލްގައި ދިރިއުޅޭ ދެ ކުދިންގެ މަންމައެއް ކަމަށްވާ ޖޫލީ ޖޯންސް އަށް މިކަން އެނގުމާ އެކު އެ ކުއްޖާ އަށް އެހީވުމަށް ފައިސާ އެއްކުރުމުގެ ހަރަކާތްތަކެއް ފެށި އެވެ. އަދި މެހެންދުރަގެ މުޅި ދިރިއުޅުން ބަދަލުކޮށްލެވޭ ވަރުގެ ބޮޑު އޮޕަރޭޝަނަށް 12،000 ޕައުންޑް ޖޫލީ އެއްކޮށްދިނެވެ.

އަދި އޭގެ ފަހުން "ދަ ބޯއި ހޫ ސީޒް އަޕްސައިޑް ޑައުން" ކިޔާ ޑޮކިއުމެންޓްރީއެއް މެހެންދުރައާ ބެހޭ ގޮތުން ތައްޔާރުކޮށް މިދިޔަ މޭ މަހު ޗެނަލް 5 އިން ދައްކާފައިވެ އެވެ. މި ޑޮކިއުމެންޓްރީގައި މެހެންދުރަގެ ދިރިއުޅުމުގެ ހާލަތު ހުރި ގޮތާއި އޭނާގެ 10 ގަޑިއިރަށް ދެމިގެން ދިޔަ އޮޕަރޭޝަންގައި އޭނާގެ ކަރުގެ ޑިސްކްތައް ނެގުމަށް ފަހު ބޯން ގްރާފްޓް ހެދި ގޮތާއި އޭގެ ފަހުން އޭނާގެ ކަރު ސީދާކުރުމަށް މެޓަލް ޕްލޭޓެއް ލެއްވި ގޮތް ކިޔައިދީފައިވެ އެވެ.
ފެބްރުއަރީ މަހު ކުރި އޮޕަރޭޝަން ކާމިޔާބުވެ މެހެންދުރަގެ ކަރު ސީދަލަށް ބެހެއްޓެން ފެށި އެވެ. އަދި މެހެންދުރަ ސްކޫލަށް ގޮސް ކިޔަވަން ވެސް ފެށި އެވެ. ނަމަވެސް މި ހަފުތާ ތެރޭގައި މެހެންދުރަ މަރުވީ ކުއްލިގޮތަކަށް ކަމަށް އާއިލާއިން ބުންޏެވެ.
މެހެންދުރަގެ އޮޕަރޭޝަން ކޮށްދެއްވި ޑރ. ރާޖަގޯޕާލަން ކްރިޝްނަން ލަފާ ކުރައްވަނީ މެހެންދުރަގެ މޭމަތީގެ ކަށިތައް ހުރިގޮތުން ހިތަށް ބާރުބޮޑުވެގެން ކުއްލިއަކަށް ހިތް ހުއްޓުނީ ކަމަށެވެ.
"އަހަންނަށް ހީވަނީ މަޔޮޕަތީ އާއި މޭމަތީގެ މަސްތަކުގެ ވަރުދެރަކަމުން ވީގޮތެއްހެން. މަހެންދުރަ އަކީ އާދަޔާޚިލާފު ހިތްވަރުގަދަ ކުއްޖެއް،" އޭނާ ވިދާޅުވި އެވެ.
މެހެންދުރަގެ މަންމަ އާއި ބައްޕަ ވެސް ވަނީ ދަރިފުޅު ކުއްލިއަކަށް މަރުވުމުން ވަރަށް ބޮޑު ހިތާމައެއްގަ އެވެ. އެމީހުން ބުނި ގޮތުގައި ދަރިފުޅާ މެދު އެމީހުން ވަރަށް ފޮނި ހުވަފެންތަކެއް ދުއްޓެވެ. ދަރިފުޅު ބޭނުންވީ ފިހާރައެއް ހުޅުވައިގެން އެ ފިހާރައިގައި ވިޔަފާރިކުރަން ކަމަށާއި ދަރިފުޅުގެ އެ ހުވަފެން ހަގީގަތަކަށް ހެދުމަށް އެމީހުން ރާވަމުންދިޔަ ކަމަށް މެހެންދުރަގެ މައިންބަފައިން ބުނެފައިވެ އެވެ.
"ހެނދުނު ހޭލިގޮތަށް އޭނާ އިނީ ކުޅެން. ދެން ސައިބޮއިގެން ފެންވަރައިގެން އާދައިގެ މަތިން އޭނާގެ ފުރޮޅުލީ ގޮނޑީގައި ގޭތެރޭގައި ދުއްވާލި. އަދި މެންދުރުކައިގެން އޭނާ އޮތީ ކާޓޫނު ބަލަން. ދެ ފަހަރަކު ކެއްސާލުން ފިޔަވައި އިތުރު ކަމެއް އޭނާއަކަށް ނުވޭ. ކެއްސަން ފެށީމަ ބުނި މޭގަ ފިރުމާލަދޭށޭ. ނަމަވެސް ތިން ވަނަ ފަހަރަށް ކެއްސާ ނުލެވި މަރުވީ،" މެހެންދުރަގެ މަންމަ ކިޔައިދިނެވެ.
ޑޮކްޓަރަށް ގުޅައިގެން 15 ވަރަކަށް މިނިޓް ތެރޭ ޑޮކްޓަރު އައިއިރު ވެސް މެހެންދުރަގެ ފުރާނަ ނެތްކަމަށް އޭނާގެ މަންމަ ބުންޏެވެ.
މެހެންދުރަގެ މަރަކީ އޮޕަރޭޝަނާ ގުޅުން ހުރި ކަމެއް ނޫންކަމަށް އޭނާ އޮޕަރޭޝަން ކުރި ޑޮކްޓަރު ވިދާޅުވި އެވެ. އަދި އޮޕަރޭޝަންގެ ސަބަބުން މެހެންދުރަ އަށް އިތުރު މައްސަލައެއް ކުރިމަތިނުވާކަން އޭނާ ވަނީ ފާހަގަ ކުރައްވާފަ އެވެ.