03 ފެބުރުއަރީ 2021 - 07:56

އޮކްސްފޯޑް-އެސްޓްރަޒެނެކާ އިން ކޮވިޑް-19 އާ ދެކޮޅަށް އުފައްދައި މިހާރު ދެމުން އަންނަ ވެކްސިނުގެ އެންމެ ޑޯޒަކުން ވެސް، ކޮވިޑް ފެތުރުން ވަރަށް ބޮޑަށް ކޮންޓްރޯލްވާ ކަމަށް ސައިންސްވެރިން ބުނެފި އެވެ.
ރާއްޖޭގައި ކޮވިޑް ކޮންޓްރޯލްކުރުމަށް ދޭން ފަށާފައިވާ "ކޮވިޝީލްޑް" އަކީ ވެސް މި ވެކްސިނެވެ. ދުނިޔޭގެ އެންމެ ބޮޑު ވެކްސިން ފެކްޓަރީ ކަމަށްވާ ސީރަމް އިންސްޓްޓިއުޓްގައި އޮކްސްފޯޑް-އެސްޓްރަޒެނެކާގެ ވެކްސިން އުފައްދައި މާކެޓް ކުރަނި ކޮވިޝީލްޑްގެ ނަމުގަ އެވެ.
ކޮވިޑާ ދެކޮޅަށް އުފައްދާފައިވާ ވެކްސިންތަކުން، ބަލި ފެތުރުން ކޮންޓްރޯލްވަނީ ކިހާ ވަރަކަށް ކަމެއް އަދި މިހާތަނަށް ބެލިފައެއް ނެތެވެ. އެހެންވެ އޮކްސްފޯޑް ވެކްސިންގެ ދެ ވަނަ ޑޯޒް ފުރިހަމަކުރުމުގެ ކުރިން ވެސް ބަލި ފެތުރުން ކޮންޓްރޯލްކުރެވޭކަން އެނގުމަކީ ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެއްގެ ގޮތުގައި ސައިންސްވެރިން ސިފަކުރެ އެވެ. އެއީ ވެކްސިން ދިނުމުން ބަލީގެ ނުރައްކާ އެ މީހަކަށް ކުޑަވެގެން ދިއުމާއި އެ މީހެއްގެ ފަރާތުން އެހެން މީހުންނަށް ބަލި ޖެހެން އޮންނަ ފުރުސަތު ވެސް ކުޑަވެގެންދާތީ އެވެ.
އަދި ރަސްމީކޮށް ހާމަނުކޮށް އޮތް ދިރާސާއާ ހަވާލާދީ މީޑިއާ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި އޮކްސްފޯޑް ވެކްސިންގެ ފުރަތަމަ ޑޯޒް ދިނުމަށް ފަހު ތިން މަސް ދުވަސް ވަންދެން ވެސް ކޮވިޑުން ހަށިގަނޑު ދިފާއުކޮށްދިނުމުގެ ގާބިލްކަން 76 ޕަސެންޓަށް ހުރެ އެވެ.
އޮކްސްފޯޑް ޔުނިވަސިޓީން މި ދިރާސާ ހެދުމަށް، ވެކްސިން ދީފައިވާ މީހުން ކޮންމެ ހަފުތާއަކު ޓެސްޓްކުރަމުން ގެންދިޔަ އެވެ. އެއީ އެ މީހުންގެ ހަށިގަނޑުގައި ވައިރަސް ހުރި މިންވަރު ވަޒަންކުރުމަށެވެ.
އެއްކުރި މައުލޫމާތުން އެނގުނީ ދެ ޑޯޒް ވެކްސިން ދީފައިވާ މީހުންގެ ތެރެއިން ކޮވިޑް ޕޮޒިޓިވް އަދަދު ދެ ބައިކުޅަ އެއްބައި މަދުކަމެވެ.
"މި މައުލޫމާތުން އެނގުނީ ބަލި ޖެހޭ މީހުންގެ އަދަދު މަދުކޮށް ބަލި ކޮންޓްރޯލްކުރުމަށް ވެކްސިންގެ ދައުރު ވަރަށް މުހިންމުކަން،" ރިޕޯޓްގައިވެ އެވެ.
ވެކްސިންގެ އެންމެ ޑޯޒަކުން ލިބޭ ރައްކާތެރިކަން ބެލުން މުހިންމުވެފައިވަނީ ކޮވިޑް ޖެހޭ މީހުންގެ އަދަދު ވަރަށް ބޮޑަށް މައްޗަށް ގޮސްފައި ވާތީ އާއި ކޮންމެ މީހަކަށް ދެ ޑޯޒް ވެކްސިން ދިނުމުގެ ކުރިން ބަލީގެ ހާލަތު އިތުރަށް ގޯސްވެ އެތައް ބައެއްގެ ފުރާނަ ގެއްލުމުގެ ބިރު އޮތުމުންނެވެ. އެހެންވެ ވީ އެންމެ އަވަހަކަށް އެންމެންނަށް އެއް ޑޯޒް ދިނުން މުހިންމު ކަމަށް ބައެއް ސައިންސްވެރިން ބުނެ އެވެ. އެކަމަކު އެއް ޑޯޒް ދިނުމަށް ފަހު ތިން މަސް ދުވަސް ފަހުން ދެ ވަނަ ޑޯޒް ދޭތީ މިއީ ބަހުސް އުފެދިފައި އޮތް ކަމެކެވެ.
އިނގިރޭސި ވިލާތާއި ސައުތު އެފްރިކާ އާއި ބްރެޒިލްގައި 17،000 މީހަކު ބައިވެރިކޮށްގެން ހެދި ދިރާސާ އިން އެނގުނު ގޮތުގައި އޮކްސްފޯޑް ވެކްސިންގެ ފުރަތަމަ ޑޯޒް ދިނުމަށް ފަހު ތިން މަސް ވާއިރު ވެސް ކޮވިޑުން ދިފާއުވުމުގެ ގާބިލްކަން 76 ޕަސެންޓަށް ހުރެ އެވެ. އަދި މި މުއްދަތަށް ފަހު ދެ ވަނަ ޑޯޒް ދިނުމުން ބަލިން ދިފާއުވުމުގެ ގާބިލްކަން 82 ޕަސެންޓަށް އަރަ އެވެ.
އޮކްސްފޯޑް ވެކްސިން ޓްރަޔަލްގައި ބައިވެރިވެ ވަޑައިގެންނެވި ޕްރޮފެސަ އެންޑްރޯ ޕޮލާޑް ވިދާޅުވީ އިމަޖެންސީ ހާލަތުގައި މި ވެކްސިނަށް ހުއްދަ ދިނުމުގައި ބޭނުންކުރި މައުލޫމާތުގެ ސައްހަކަން އާ ދިރާސާ އިން އިތުރަށް ކަށަވަރުވެއްޖެ ކަމަށެވެ.
މި ދިރާސާއާ ބެހޭ ގޮތުން އިނގިރޭސި ވިލާތުގެ ހެލްތު މިނިސްޓަރު މެޓް ހެންކޮކް ވިދާޅުވީ އޮކްސްފޯޑް ވެކްސިން މަސައްކަތްކުރާ ކަމަށާއި އަދި އެއީ ވަރަށް ރަނގަޅަށް މަސައްކަތްކުރާ ވެކްސިނެއްކަން ހާމަވެއްޖެ ކަމަށެވެ. އަދި ވިދާޅުވީ އިނގިރޭސި ވިލާތުގައި މިހާތަނަށް 9.2 މިލިއަން މީހުންނަށް މި ވެކްސިން ދީފައިވާ ކަމަށާއި އިތުރު މީހުންނަށް ވީހާވެސް އަވަހަކަށް ވެކްސިން ދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.