20 ގައުމަކުން ސައުދީ އަށް މީހުން ދަތުރުކުރުން މަނާ!
20 ގައުމަކުން ސައުދީ އަށް މީހުން ދަތުރުކުރުން މަނާ!

ރިޔާޒް (ފެބްރުއަރީ 3) - ކޮރޯނާވައިރަސް ކޮންޓްރޯލް ކުރަން އަޅާ ފިޔަވަޅެއްގެ ގޮތުން ދުނިޔޭގެ 20 ގައުމަކުން ސައުދީ އަރަބިއާ އަށް މީހުން ދަތުރު ކުރުން މަނާކޮށްފި އެވެ.

ސައުދީ އަށް މީހުން ދަތުރު ކުރުން މަނާކުރި ގައުމުތަކުގެ ތެރޭގައި އަވަށްޓެރި ގައުމުތަކުން ފެށިގެން އެމެރިކާ ވެސް ހިމެނެ އެވެ.

ދާޚިލީ ވުޒާރާ އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ 20 ގައުމަކުން ސައުދީ އަށް ދަތުރުކުރާ މީހުން އެ ގައުމަށް އެތެރެވުން މަނާވާނީ ބުދަ ދުވަހުގެ ރޭ ސައުދީ ގަޑިން 9 އިން ފެށިގެން ކަމަށެވެ.

* މިސްރު

* ޔުނައިޓެޑް އަރަބް އެމިރޭޓްސް

* ލުބުނާން

* ތުރުކީ

* އިނގިރޭސިވިލާތް

* ފްރާންސް

* ޖާމަނީ

* އަޔަލޭންޑް

* އިޓަލީ

* ޕޯޗުގަލް

* ސްވިޑަން

* ސްވިޒަލޭންޑް

* އެމެރިކާ

* އާޖެންޓީނާ

* ބްރެޒިލް

* ޕާކިސްތާން

* އިންޑިއާ

* އިންޑޮނީޝިއާ

* ޖަޕާން

* ސައުތު އެފްރިކާ

މަނާކުރި ގައުމުތަކުން ދަތުރުކުރާ ސައުދީގެ ރައްޔިތުންނާއި ޑިޕްލޮމެޓުން އަދި ހެލްތު ވޯކަރުން ސައުދީ އަށް އެތެރެވުމުގެ ހުއްދަ ދޭނެ ކަމަށް ދާޚިލީ ވުޒާރާ އިން ބުނެ އެވެ.

ސައުދީން މި ފިޔަވަޅު އެޅިއިރު އެ ގައުމުގެ ހެލްތު މިނިސްޓަރު ތައުފީގު އަލް ރާބިއާ ވަނީ ސިއްހީ ގައިޑްލައިންތަކަށް ރައްޔިތުން އަމަލު ނުކުރާ ނަމަ ފިޔަވަޅުތައް އިތުރަށް ހަރުކަށި ކުރާނެ ކަމުގެ އިންޒާރު އާދިއްތަ ދުވަހު ދެއްވައިފަ އެވެ.

ސައުދީ އަރަބިއާ އިން މިހާތަނަށް ވަނީ 368،000 އަށް ވުރެ ގިނަ މީހުން ކޮވިޑަށް ޕޮޒިޓިވްވެ 6،400 މީހުން މަރުވެފަ އެވެ. ދުވާލަކު ޕޮޒިޓިވްވާ މީހުންގެ އަދަދު ޖެނުއަރީ މަހު ކުރީކޮޅު 100 އިން ދަށްވުމަށް ފަހު މިހާރު ވަނީ އަނެއްކާވެސް އަދަދުތައް މައްޗަށް ޖެހެން ފަށައިފަ އެވެ. ހެލްތު މިނިސްޓްރީގެ ހިސާބުތައް ދައްކާ ގޮތުން އަންގާރަ ދުވަހު ވަނީ 310 މީހުން ޕޮޒިޓިވްވެފަ އެވެ. ސައުދީގައި ބަލި ޕީކަށް ދިޔަ އިރު މިދިޔަ ޖޫން މަހު، ވަނީ ދުވާލަކު 5،000 އަށް ވުރެ ގިނަ މީހުން ޕޮޒިޓިވްވެފަ އެވެ.

ސައުދީގައި ޑިސެމްބަރު 17 ގައި ވަނީ ވެކްސިން ދޭން ފަށައިފަ އެވެ. ތިން ފިޔަވައްސަކަށް ބަހާލައިގެން ފައިޒާ ވެކްސިން ދިނުމުގެ ޕްރޮގްރާމް ކުރިއަށް ގެންދާއިރު ފުރަތަމަ ވެކްސިން ދޭނީ އުމުރުން 65 އަހަރުން މަތީގެ މީހުންނަށެވެ. ހެލްތު މިނިސްޓްރީން ބުނީ ވެކްސިން ލިބުން ދަތިވުމުން ޕްރޮގްރާމަށް ލަސްތަކެއް ކުރިމަތިވާނެ ކަމަށެވެ.