02 ފެބުރުއަރީ 2021 - 23:24

ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު އެއް ހަފުތާ ފަހުން 100 އަށް ދަށަށް މިރޭ ވެއްޓިއްޖެ އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ދިން ބޮޑެތި ލުއިތަކަށް ފަހު، ކޮވިޑް ޖެހޭ މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. އެގޮތުން، މިދިޔަ މަހުގެ 24 ވަނަ ދުވަހުން ފެށިގެން، ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު 100 އިން މަތީގައި ހުރުމަށް ފަހު، ބަލި ޖެހުނު މީހުންގެ އަދަދު މިރޭ ވަނީ 99 އަށް ދަށްވެފަ އެވެ.
މިދިޔަ 24 ގަޑިއިރުގެ ތެރޭގައި ކޮވިޑު ޖެހިފައިވަނީ މާލެ ސަރަހައްދުން 82 މީހަކާއި އެހެން ރަށްރަށުން ފަސް މީހަކާއި ރިސޯޓުތަކުން 12 މީހެކެވެ.
މިދިޔަ މަހުގެ 24 ވަނަ ދުވަހުން ފެށިގެން ރެއާ ހަމައަށް 1،171 މީހުން ކޮވިޑަށް ޕޮޒިޓިވްވެފައި ވެ އެވެ. މި ފަހުން އެންމެ ގިނަ މީހުން ޕޮޒިޓިވްވީ އިއްޔެގަ އެވެ. އިއްޔެ 215 މީހުން ޕޮޒިޓިވްވެފައިވެ އެވެ.
އިއްޔެ ހަވީރު 6:00 ން މިއަދު ހަވީރު 6:00 އާ އަށް 3،471 ސާމްޕަލް ޓެސްޓުކުރި އެވެ. މިއީ، ފާއިތުވި 24 ގަޑިއިރާއި އޭގެ ކުރީ ދުވަސްތަކުގައި ނަގާފައިވާ ސާމްޕަލްތަކުގެ ތެރެއިން ޓެސްޓުކުރެވުނު ސާމްޕަލްގެ އަދަދެވެ.
ބަލިން 73 މީހުން ރަނގަޅުވެފައި ވެ އެވެ. އެކަމަކު، މި ވަގުތު ބައްތަށް ފަރުވާ ހޯދާ މީހުންނާއެކު ހޮސްޕިޓަލުގައި އެޑްމިޓުކޮށްގެން ފަރުވާ ދޭ މީހުންގެ އަދަދު ވެސް އިތުރުވެފައި ވެ އެވެ.
އެކްޓިވް ކޭސްތަކުގެ އަދަދު 1،833 ގައި ހުރިއިރު ހޮސްޕިޓަލުގައި އެޑްމިޓުކޮށްގެން 186 މީހަކަށް ފަރުވާ ދެ އެވެ.