02 ފެބުރުއަރީ 2021 - 22:05

ކޮވިޑް-19 ފެތުރެމުންދާ ރަށްރަށުގައި، އެއްފަހަރާ ވީހާ ވެސް މަދު މުވައްޒަފުން އޮފީހަށް ނެރެގެން މަސައްކަތް ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު އަންގަވައިފި އެވެ.
އެ މަނިކުފާނު އެ ގޮތަށް އެންގެވީ ރާއްޖޭގައި ކޮވިޑްގެ ހާލަތު ގޯސްވަމުންދާތީ ރައްކާތެރިވުމަށް އެޅި ފިޔަވަޅެއްގެ ގޮތުންނެވެ.
އެގޮތުން، މުވައްޒަފުން ގޭގައި ތިބެގެން ކުރެވެން ހުރި މަސައްކަތްތައް ގޭގައި ކުރުމާއި މިނިސްޓަރު ނުވަތަ އިދާރާގެ އިސްވެރިޔާ ކަނޑައަޅުއްވާ ގޮތަށް އެއްފަހަރާ ވީހާ ވެސް މަދު މުވައްޒަފުން އޮފީހަށް ނެރެގެން މަސައްކަތްކުރެވޭނެ ގޮތަށް ރާވަން އަންގަވާފައި ވެ އެވެ. އޭގެ އިތުރުން، މުވައްޒަފުން ޓީމުތަކަށް ބަހާލައިގެން ހަފުތާގެ އެކި ދުވަހު އެކި ޓީމުތައް ނެރެގެން މަސައްކަތް ކުރެވެން ހުރި އިދާރާތަކުން އެ ގޮތަށް މަސައްކަތް ކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށް ވެސް އަންގާފައިވާ ކަމަށް، ރައީސް އޮފީހުން ބުންޏެވެ.
އެ ކަންކަމުގެ އިތުރުން އިދާރާއިން ދޭ ހިދުމަތަށާއި މުވައްޒަފުންގެ އަދަދަށް ބަލައި އެ އިދާރާއަކުން ދޭ ހިދުމަތްތައް، ހަފްތާގެ އެކި ދުވަސްތަކަށް ބަހާލައި އެކި ދުވަސްތަކުގައި އެކި ހިދުމަތް ދޭ ގޮތަށް ހަމަޖެއްސުމަށް ވެސް އުސޫލުގައި ކަނޑައަޅާފައި ވެ އެވެ.
ރަސްމީ މަސައްކަތު ގަޑީގެ ތެރޭގައި މަސައްކަތް ނިންމަން މުވައްޒަފުންނަށް ބާރުއެޅުމާއެކު ނުރަސްމީ ގަޑީގައި މުވައްޒަފުން މަސައްކަތްކުރަން ނުޖެހޭގޮތަށް އޮފީހުގެ މަސައްކަތްތައް ރޭވުމާއި ދަންފަޅި އުސޫލުން މަސައްކަތް ކުރާ އިދާރާތައް ފިޔަވައި، ސަރުކާރުގެ އެހެން އިދާރާތައް ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކުރުމަށްޓަކައި ނޫނީ މެންދުރުފަހު 2:00 ގެ ފަހުން ހުޅުވައިގެން މަސައްކަތް ނުކުރަން ވެސް އަންގަވާފައި ވެ އެވެ.
ކޮވިޑްގެ ސަބަބުން ސަރުކާރުގެ އިދާރާތަކުން އޮންލައިންކޮށް ދޭން ފެށީ ހިދުމަތްތައް އެގޮތަށް ގެންދިއުމާއި އޮންލައިންކޮށް ދެވެންހުރި އިތުރު ހިދުމަތްތައް ބަލައި އެ އިންތިޒާމް ހަމަޖެއްސުމަށް އެދިފައި ވެ އެވެ.
"ސަރުކާރުގެ އޮފީހަކުން ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކުރުމަށްޓަކައި، ނުރަސްމީ ގަޑީގައި އިދާރާ ހުޅުވާފައި ބަހައްޓަންޖެހޭ ހާލަތްތަކުގައި ވެސް އެންމެ ލަސްވެގެން ހަވީރު 4:00 ގެ ފަހުން އިދާރާ ހުޅުވައިފައި ނުބެހެއްޓުމަށް ވެސް މި މިންގަނޑުގައި ކަނޑައަޅުއްވާފައިވެ އެވެ،"
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ލަފަޔާ މަޝްވަރާގެ މަތިން ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ކަނޑައަޅާ ފިޔަވަޅުތައް ސަރުކާރުގެ އިދާރާތަކުން ތަންފީޒުކުރުމާއި ސަރުކާރުގެ ހަރަދުތައް ކުޑަކުރުމަށް އެޅެން ހުރި ފިޔަވަޅުތައް އެޅުމަށް ވެސް ވަނީ ސަރުކާރުގެ އިދާރާތަކަށް އަންގަވާފަ އެވެ.