03 ފެބުރުއަރީ 2021 - 08:15

އާދިއްތަ ދުވަހާ ގުޅޭ
"އެކަމަކު އެންމެން ވެސް ޖެހޭނެ އަހަންނަށް ސެލިއުޓުނަގަން،" މަނާރަތު ބުންޏެވެ. "ވަރަށް ފައިޓްކޮށްގެން އަހަރެން މި ޕޮޒިޝަން ހޯދީ. ޔުނިޓް ތެރޭގަ ވެސް އެބަ އުޅޭ މި ޕޮޒިޝަން ބޭނުންވާ ބައިވަރު މީހުން. އަހަންނަށް އެ ކަން ނޭނގެނީކީ ނޫން. އެ ކުޅެވެނީ އަލިފާނާ. އަންދާލާނަން! މި ބުނީ އަންދާލާނަމޭ! ޕޮރެންޒިކް ޑިޕާޓުމަންޓުން ވެސް ބޭރުކޮށްލާނަން. ޔުނީފޯމު ވެސް އަތުލާނަން."
"މަނާ ވާހަކަދައްކާ ރާގުން ހީވަނީ އަހަރެންހެން ތި ޕޮޒިޝަން ބޭނުންވެގެން އުޅެނީ." ޒިޔާން ބުންޏެވެ.
އެ ވަގުތު ޗެކިން ފެށުނުކަން އިއުލާންކުރި އަޑު އިވުނެވެ. މަނާރަތު ތެދުވިއެވެ.
"ޒިޔާން އެ ކަހަލަ މޮޔަކަމެއް ނުކުރާނެ،" މަނާރަތު ޔަގީންކަމާ އެކުގައި ބުންޏެވެ. "ސަތޭކަ ޕަސަންޓް ގެރެންޓީ!"
ހަގީގީ ގާތިލު ގާނޫނުގެ ކުރިމައްޗަށް ގެނައުމުގެ މުހިންމު ޒިންމާ ޒިޔާނާ ހަވާލުކޮށްފައި މަނާރަތު ފުރިއެވެ. އެ ދުވަސްވަރު ޔުނިޓު ހިންގަން ހަވާލުކުރީ ޒިޔާނަށެވެ. އެ ނިންމުން ނިންމީ ހުދު މަނާރަތެވެ. ކީއްވެ ހެއްޔެވެ؟ ޒިޔާނަށް ކިހާ އިތުބާރުކުރާކަން ދައްކަން ހެއްޔެވެ؟ ޒިޔާނަށް އެއްޗެއް ވިސްނައިދޭން ހެއްޔެވެ؟
އިންޑިޔާއަށް ގޮސްފައި އެ ދުވަހު ވެސް މަނާރަތު ގުޅިއެވެ. ފަހަކަށް އައިސް ތަންކޮޅެއް ދުރުދުރުން އުޅޭ މަނާރަތު އިންޑިޔާއަށް ދެވުމާއެކު ޒިޔާން މަތިން އެހާ ހަނދާންވީ ކީއްވެގެންކަމެއް ޒިޔާނަކަށް ނޭނގެއެވެ.
"މިހާރު ވެސް ޒިޔާން މިސްވެއްޖެ!" މަނާރަތު ބުންޏެވެ. "ވަރަށް ވަރަށް ހަނދާންވޭ! ހިތަށްއަރާ ޒިޔާން ގޮވައިގެން އާދެވުނު ނަމައޭ. މަސައްކަތް ކިހިނެއް ދަނީ؟"
"މާލޭގަ ހުންނަ އިރު ކީއްވެ އަހަރެން ތި ވަރަށް މިސްނުވަނީ؟" ޒިޔާން އެހިއެވެ.
"ޒިޔާނަށް އަބަދުވެސް ހީވާނެ ތިހެން. އެކަމަކު ތިއެއްނު އަހަރެންގެ ހުރިހާ ވެސް މީހަކީ،" މަނާރަތު އެހެން ބުންޏަސް އޭނަގެ ރާގުން އެ ކަން ސާބިތެއް ނުވެއެވެ. "އަހަރެން ބަލާނަން ޒިޔާން މި ކޮޅަށް ގެނެވޭތޯ އިނގޭ. ރެޑީވެގެން ހުންނާތި!"
ފޯނު ބޭއްވި އިރު ޒިޔާން ހުރީ އުނދަގޫވެފައެވެ. މަނާރަތު ދެކިލާ ހިތް ވެފައެވެ. އެހެން އިންދައި މާހިދު ގުޅިއެވެ. މާހިދަކީ މުޅި ފޮރެންސިކު ޑިޕާޓުމަންޓުގެ ވެރިޔާއެވެ. ޒިޔާން ވަޒީފާއަށް ވަން ފަހުން މާހިދު ވާހަކަދެއްކީ އެންމެ ފަހަރަކުއެވެ. މުވައްޒަފުންނާ އެހާ ވެސް ދުރުދުރުން އުޅޭ ވެރިޔަކު ޒިޔާނަށް ގުޅީ ކީއްވެގެންބާއޭ ޒިޔާން ހިތަށްއެރިއެވެ. ޒިޔާންގެ މަގާމު ބަދަލުވަނީބާއެވެ؟ މަނާރަތު ރާއްޖެއިން ބޭރަށް ފުރުވައިލީ ޑިޕާޓުމަންޓަށް އެ ބަދަލު ގެންނަންބާއޭ ވެސް ޒިޔާން ހިތަށްއެރިއެވެ.
"އައްސަލާމް އަލައިކުމް ސަރ!" ޒިޔާން ވަރަށް ރަސްމީކޮށް ބުންޏެވެ.
"ވައަލައިކުމް ސަލާމް!" ވަރަށް ހަމަޖެހިލައިފައި މާހިދު ބުނި އަޑު އިވުނެވެ. "މަސައްކަތް ކިހިނެއް ދަނީ؟"
"ބަރާބަރު ސަރ!" ޒިޔާން ބުންޏެވެ.
"ބަރާބަރު. އެއްވެސް ކަމަކަށް ދަތިވަންޏާ ސީދާ އަހަންނަށް ގުޅާނީ،" މާހިދު ރާގުގައި ފޮރުވިފައިވާ ނުތަނަވަސްކަމެއް ހުއްޓެވެ. "މިކޮޅަށް ޖައްސާލަބަލަ!"
"ލައްބަ ސަރ!" ޒިޔާން ޖަވާބުދިނެވެ.
ޒިޔާންގެ ހިތް އަވަސްވިއެވެ. ޒިޔާނަށް ލިބެން އުޅެނީ ޒިޔާން ކެތްތެރިކަން ކުޑަވެފައިވާ ޚަބަރެއް ހެއްޔެވެ؟ ވަގުތު ޖެހުނީ ހެއްޔެވެ؟ ދެ ފިކުރެއްގައި ހުރެގެން ޒިޔާން ގޮސް މާހިދުއާ ބައްދަލުކުރިއެވެ.
"ރަޝީދުގެ ކޭސްގެ އެއްވެސް ވާހަކައެއް އަހަރެން ނޫން އެއްވެސް މީހަކާ ޝެއަރނުކުރާތި!" މާހިދު ފުރަތަމަ އެދުނު ކަމަކީ އެއީއެވެ. "ތަނުގެ ވަރަށް ސެންސިޓިވް މައުލޫމާތު ސޯޝަލް މީޑިޔާއަށް އެބަ ލީކުވޭ!"
މާހިދު ބުނި އެއްޗަކުން ޒިޔާން ހިތުގައި އުނދަގޫ ސުވާލެއް އުފެދުނެވެ. އަމިއްލަ ސަލާމަތަށް ޓަކައި އެ ސުވާލުގެ ޖަވާބު ޒިޔާން ކޮންމެހެން ވެސް ބޭނުމެވެ.
"އަޅުގަނޑުގެ ހެޑާ ވެސް ޝެއަރ ނުކުރަންވީތޯ؟" ޒިޔާން ސުވާލުކުރިއެވެ.
"މި ވަގުތު ޒިޔާން ރިޕޯޓުކުރާނީ ސީދާ އަހަންނަށް. މިހާރު ހުރި މީހަކީ ޒިޔާން. ޒިޔާން ޖެހޭނެ ވަރަށް ރަނގަޅަށް ކަންކަން ބަލަހައްޓަން،" މާހިދު ދެވަނަ ކަމަކަށް ވެސް އެދުނެވެ. "ހާއްސަކޮށް ރަޝީދުގެ މި ކޭސް. އެނގޭނެ މީ ކިހާ ސެންސިޓިވް ކޭސްއެއްކަން. މަނާގެ ޕާފޯމަންސް އަހަންނަކަށް އެހާ ރަނގަޅެއް ނޫން. އަހަރެން އެބަ ވިސްނަން ޔުނިޓަށް ބަދަލުތަކެއް ގެންނަން."
ގަޑިއެއްހާ އިރު ވާހަކަދައްކައިފައި ޒިޔާން އެ ތަނުން ނުކުތް އިރު ޒިޔާންގެ ހިތުގައި އުފެދުނު އެތައް ސުވާލަކަށް ޖަވާބުލިބި، އެތައް ސުވާލެއް އުފެދިއްޖެއެވެ. ޑިޕާޓުމަންޓުގެ ވެރިމީހާ ޒިޔާނާ އެހާ ގިނަ ވާހަކަ ދެއްކީ ކީއްވެގެން ހެއްޔެވެ؟ މަނާރަތުގެ މަސައްކަތް ކަމުނުދާ ވާހަކަ ޒިޔާނާ ހިއްސާކުރީ ކީއްވެގެން ހެއްޔެވެ؟ ޒިޔާން ހިތަށްއެރިއެވެ. ކޮންމެވެސް ބޮޑު ކަމެއް ވާން އެބަ އުޅެއެވެ.
ދެވަނަ ފަހަރަށް ޒިޔާނާއި މަނާރަތު ދިމާވީ ވައިބާއިންނެވެ. ވީޑިޔޯ ކޯލަކުންނެވެ. ދިމާވި އިރު ވެސް މަނާރަތު ހުރީ ވަރަށް ހިތްހަމަނުޖެހިފައިހެން ޒިޔާނަށް ހީވިއެވެ. އެހެނަސް އެ ކަން އެނގުނު ކަމަކަށް ޒިޔާން ނަހަދައެވެ.
"މިއަދު ހާދަ ލޯތްބޭ!" ޒިޔާން ވަރަށް ހެވިފައި ބުންޏެވެ.
މަނާރަތަކީ ވަރަށް ޖެހިލުންކުޑަ ވެރިއެކެވެ. ކޮންމެހެން ބުނަން ބޭނުންވެއްޖެ އެއްޗެއް މަނާރަތު ބުނެލައެވެ.
"ކަލޭގެ ކަންތައް ވަރަށް ބޮޑުވެއްޖެ!" ޒިޔާން ލޯބިން ފާޅުކުރި ޝުއޫރަށް މަނާރަތު އިނގެރޭސިން ދިން ޖަވާބަކީ އެއީއެވެ. "މި ހިސާބުން ދެން ކަލޭގެ ކަންތައް ނިމުނީ!"
ދެން އިތުރަކަށް މަނާރަތު ވާހަކައެއް ނުދެއްކިއެވެ. ފޯނު ކަނޑައިލިއެވެ. ޒިޔާން ގުޅުމުން ފޯނެއް ނުނެގިއެވެ. މެސެޖު ފޮނުވުމުން ޖަވާބެއް ވެސް ނުދިނެވެ. މަނާރަތުގެ މަގާމު ޒިޔާނަށް ކަށަވަރުވެއްޖެހެން ޒިޔާނަށް ހީވީ އެ ހިސާބުންނެވެ. މަނާރަތަށް ހެޔޮއެދޭ މީހުން ވަރަށް ގިނައެވެ. އިންޑިޔާގައި ހުއްޓަސް މަނާރަތަށް ބަރާބަރަށް ޚަބަރުތައް ދާނެއެވެ.
އޮފީހުގެ ފަރާތުން ބުނަންޖެހޭ އެއްޗެއް ފިޔަވައި އެއްވެސް ވާހަކައެއް ދެއްކުން މަނާރަތު ހުއްޓައިލިއެވެ. އަނެއްކޮޅުން ރަޝީދު ވޭދަނައިގެ އެއްވެސް ވާހަކައެއް ޒިޔާން ހިއްސާއެެއް ނުކުރިއެވެ. ޒިޔާން ކަންތައް ކުރީ އަމުރު އައިސްފައިވާ ގޮތަށެވެ. މަނާރަތުގެ ނަޒަރުގައި އެއީ ޒާތީ މައްސަލައެކެވެ. ހެއްވާކަމަކީ، މަނާރަތު އެހާ ރުޅި އައި ސަބަބެއް މަނާރަތު ހިއްސާނުކުރިކަމެވެ. މަނާރަތަކީ ހަނދާންނައްތާލަން ޒިޔާނަށް އެހާ ފަސޭހަ ސަފުހާއެއް ނޫނެވެ.
ޒިޔާންގެ ހިތްހަމަނުޖެހުން ޒިޔާނަކަށް ނުފޮރުވެއެވެ. ބަސް މަދުވުމާއި ފިކުރުކުރަން ޒިޔާނަށް އިނދެވޭ މަންޒަރު ދީމާއަށް ފެންނަން ފެށިއެވެ. ދަރިޔަކު ކޮށްލާ ސަމާސައަކުން ވެސް ޒިޔާނަށް ރުޅިއާދެވެން ފެށިއެވެ. އެއީ ޒިޔާން ކުރިން އުޅުނު ގޮތެއް ނޫނެވެ. ދީމާ ކުރި ހުރިހާ ސުވާލަކުން ޒިޔާން ރެކުނެވެ. ކަމެއް ވެގެން އުޅޭ ކަމަކަށް އެއްބަހެއް ނުވިއެވެ.
"ޒިޔާނަށް އެނގޭނެ ކޮންމެ ކަމެއް ވެސް ޒިޔާނަށް އަހަންނާ ޝެއަރކުރެވޭނެކަން." ދީމާ ބުންޏެވެ.
"ކަމެއް ނުވަންޏާ ކޮން ކަމެއް ޝެއަރކުރާނީ؟" ރުންކުރު ގޮތަކަށް ޒިޔާނަށް ބުނެވުނެވެ. "ނުލާހިކު ބުރަކޮށް އޮފީހުގަ އުޅެފަ އައިސް ގެއަށް ވަންނަތަނާ ދީމާ ހީވަނީ ތަހުގީގެއް ފަށާހެން. ދީމާއަށް އެނގެއެއްނު މާލެތެރޭގަ ކަންތައްގަނޑެއް އެބަ ހިނގާކަން. އަހަރެން ކިހިނެއް އެ ވާހަކަތައް ދީމާއާ ޝެއަރކުރާނީ. އަހަންނަށް އަންގާފަ އޮތީ އެއްވެސް މީހަކާ ޝެއަރނުކުރަން. އެހެންވެ ޕްލީޒް! މި ދުވަސްކޮޅު އަހަންނާ އެއްވެސް ސުވާލެއް ނުކުރޭ!"
ހަތަރު ދުވަސް ވަންދެން އިންޑިޔާގައި ހުރެފައި މާލެ އައި އިރު ވެސް މަނާރަތު ވާހަކައެއް ނުދައްކައެވެ. ޒިޔާން ފެނުނަސް ފެންނަ ކަމަކަށް ވެސް ނަހަދައެވެ. ފުރަތަމަ ކޮޅު ސަބަބު ހޯދަން ޒިޔާން ވަރަށް މަސައްކަތް ކުރިއެވެ. ސީދާސީދާކޮށާއި، ޗެޓުންނާއި، ފޯނު ކޮށްގެން ވެސް ވާހަކަދައްކަން މަސައްކަތް ކުރިއެވެ. މަނާރަތުގެ ފަރާތުން އެއްވެސް އިޝާރާތެއް ނުލިބުނެވެ. ވަކި ހިސާބަކުން ޒިޔާން ވެސް ދެން އެ މަސައްކަތް ހުއްޓައިލިއެވެ. އެކަމަކު އެއް ޔުނިޓެއްގައި މަސައްކަތް ކުރަން ޖެހުމާއި، މަނާރަތަކީ ޒިޔާންގެ ވެރިޔަކަށް ހުރި މީހާ ކަމުގައި ވުމުން ޒިޔާނަށް ކުރިމަތިވީ އުނދަގޫ ދުވަސްތަކެކެވެ. ޒިޔާންގެ ނަޒަރުގައި މަނާރަތު އެހާ ރުޅިއަންނަޖެހޭ ވަރުގެ ކަމެއް ޒިޔާން ނުކުރެއެވެ.
މީހަކާ އިނދެގެން ހުރެ އެހެން މީހަކާ ގުޅުމެއް އުފެއްދުމަކީ ރަނގަޅު ކަމެއް ނޫންކަން ޒިޔާނަށް އެނގެއެވެ. އަނބިމީހާއަށް ބޭވަފާތެރިވުމަކީ ޒިޔާނަށް ލިބުނު ފަޚުރެއް ނޫނެވެ. އުފަލެއް ވެސް ނޫނެވެ. މައްސަލައަކީ ހިތެވެ. ދެމަފިރިންގެ ތެރެއިން އެކަކު ކުށެއް ނުކުރިޔަސް، ކިތަންމެ ވަފާތެރި ވިޔަސް، އަނެކަކު އެހެން ގުޅުމެއް ފަށައިފާނެއެވެ. ޒިޔާންގެ ނަޒަރުގައި އެއީ އަޖައިބުވާން ޖެހޭ ކަމެއް ނޫނެވެ. ލޯތްބަކީ އެކަކު ދެކެ ވާ އިރަށް ގުރުޑުވާ މަލެއް ނޫނެވެ. މޫތަކަށް ކާނާ ލިބޭ ކަމަށް ވަންޏާ، ސިމެންތި ތަޅުންގަނޑެއްގައި ހުންނަ ރެނދުގެ ތެރެއިން ވެސް ލޯބީގެ ކުރި އަރާނެއެވެ. ގަސް ފޯދި އެ ގަހުގައި މާ އަޅާނެއެވެ. މަނާރަތު ދެކެ ވެސް ޒިޔާނަށް ވެވުނީ ލޯތްބެވެ. ޒިޔާން އެ ގުޅުން ދެމެހެއްޓީ މުޑުދާރު ނިޔަތެއްގައި ކަރުހިއްކުން ފިލުވުމަކަށް ނޫނެވެ. މަނާރަތު ކުއްލިއަކަށް އެ ގުޅުން ކަނޑައިލުމުން ޒިޔާންގެ ހިތަށް ތަދުވަނީ އެހެންވެއެވެ. ކުޑަމިނުން ޒިޔާނަށް ކުރެވުނު ކުށެއް މަނާރަތު ބުނި ނަމަވެސް މަނާރަތު މަތިން ހަނދާންނައްތާލަން ޒިޔާނަށް ފަސޭހަވީހެވެ.
ޒިޔާންގެ ދަރިންނަށާއި އަނބިމީހާއަށް ވަގުތު ނުދެވި ދުވަސްތައް މާޒީވަމުން ދިޔައެވެ. ގެއަށް އަތުވެއްޖެއްޔާ ޒިޔާންގެ ކަމަކީ އެނދުގައި އޮށޯވެލައިގެން ވިސްނަން އޮތުމެވެ. ޒިޔާނަށް ކުރެވުނީ ކޮން ކުށެއް ހެއްޔެވެ؟ ރައްޓެއްސަކު އިސްތިހާރާ ނަމާދު ކުރުމުގެ ހިޔާލު ދިނެވެ. ޒިޔާން އެ ދެ ރަކުއަތް ނަމާދު ކުރިއެވެ. ޒިޔާންގެ ދިރިއުޅުމަށް މަނާރަތު އައުން އެއީ ރަނގަޅު ކަމެއް ކަމުގައި ވަންޏާ އެ ކަމުގައި މަގެއް ދެއްކެވުމަށެވެ. ގޯސްކަމެއް ކަމުގައި ވަންޏާ އެ މަގު ބަންދު ކުރެއްވުމަށެވެ.
އިސްތިހާރާ ނަމާދު ކުރިތާ ހަފުތާއެއް ފަހުން ފުލުހުންގެ އެޗުއާރު ޑިޕާޓުމަންޓަށް އަންނަން ޒިޔާނަށް އެންގިއެވެ. ފުރަތަމަ ވެސް ޒިޔާން ހިތަށްއެރިއެވެ. މަނާރަތު އެއްކޮށް ގެއްލުނީއެވެ. ދެން ހިތަށްއެރިއެވެ. ޒިޔާންގެ ވަޒީފާ ބަދަލުވީއެވެ. އެޗުއާރު ޑިޕާޓުމަންޓުގައި ބޮޑު ކޮމިޓީއެއް އޮވެއެވެ. ޒިޔާން ވަން އިރު އެ ތަނުގައި ކޮމެޓީގެ އެންމެން ތިއްބެވެ. އެއީ ކީއްވެބާއޭ ޒިޔާން ހިތަށްއެރިއެވެ. ޒިޔާން ވަނުމުން ދިއްކޮށްލީ ކަރުދާސްގަނޑެކެވެ. ޒިޔާން ބަލައިލި އިރު އެއީ ކޯޓުއަމުރެކެވެ.
ނުނިމޭ