09 ނޮވެމްބަރ 2016 - 06:34

މެކްސިކޯގެ ޓޮރެއޮން އިން މެކްސިކޯ ސިތީ އަށް ދަތުރުކުރި އެއޮރޯމެކްސިކޯގެ ފްލައިޓެއްގެ ތެރެއިން ވިހަގަދަ ހަރުފައެއް ފެނިއްޖެ އެވެ. މި ފްލައިޓުން ދަތުރުކުރި މީހުން ބުނެފައިވާ ގޮތުގައި ހަރުފަ ބޯޓުގެ ކެބިން ތެރެއިން ފެނުމުން ހީވީ ހޮލީވުޑް ފިލްމު "ސްނޭކްސް އޮން އަ ޕްލޭން"ގެ މަންޒަރެއް ހެންނެވެ.
ފެހި ކުލައިގެ މި ބޮޑު ހަރުފަ ނުކުތީ އޯވަހެޑް ލަގޭޖް ކޮމްޕާޓްމަންޓްތަކުގެ މަތިންނެވެ.
މި ފްލައިޓުން ދަތުރުކުރި މީހެއް ކަމަށްވާ އިންޑަލޭސިއޯ މެޑީނާ އޭނާގެ ފޯނުން ނަގާފައިވާ ވީޑިއޯއަކުން ފެންނަ ގޮތުގައި އެ ހަރުފަ ނުވެއްޓި ސަލާމަތްވީ ވެސް އޭގެ ބައެއް ތާށިވެގެން ކަމަށް ބެލެވެ އެވެ. ނަމަވެސް ފަހުން ބޯޓު ތެރެއަށް ހަރުފަ ވެއްޓުނެެވެ. އެހެންވެ ހަރުފަ ވެއްޓުނު ހިސާބު ގޮނޑިތަކުގައި ތިބި އެންމެން އެެހެން ތަނަކަށް ޖަމާވެ ތިބީ އެވެ.
އެސޯސިއޭޓެޑް ޕްރެސް އަށް މެޑީނާ ދީފައިވާ އިންޓަވިއުއެއްގައި ބުނީ އޭނާ ނޫސް ކިޔަން އިންދާ ޖެހިގެން އިން ފަސިންޖަރު ތެޅިގަތުމުން ބަލައިލި އިރު ހަރުފައިގެ އެއްބައި އޮތީ ބޭރަށް ފެންނާށެވެ. އޭތީގެ ދިގުމިނުގައި ގާތްގަނޑަކަށް މީޓަރެއް ވަރު ހުންނާނެކަމަށް ލަފާ ކުރެވޭ ކަމަށް އޭނާ ބުނެފައިވެ އެވެ.
އޭނާ ބުނި ގޮތުގައި އެއީ ވަރަށް ބިރުގަތް ވަގުތުކޮޅެކެވެ. ނަމަވެސް އެކަކުވެސް ބިރުން ހަޅޭއްލަވާ ނުހަދާ ކަމަށާއި އެންމެން ވެސް ތިބީ ވަރަށް މައިތިރިވެގެން ކަމަށް މެޑީނާ ބުންޏެވެ.
ހަރުފަ ފެނުނުތާ 10 ވަރަކަށް މިނިޓް ތެރޭގައި ބޯޓު ވަނީ ޖައްސާފަ އެވެ. ފަސިންޖަރުން ބޯޓުން ބޭލުމަށްފަހު އެނިމަލް ކޮންޓްރޯލްކުރާ މީހުން ގޮސް އެ ހަރުފަ ހޯދައިގެން ގެންދިޔައީ އެވެ.
އެއޮރޯމެކްސިކޯ އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ހަރުފައަށް މަތިންދާބޯޓަށް ވަދެވުނު ގޮތް މިހާރު ތަހުގީގުކުރަމުން އަންނަ ކަމަށާއި މިފަދަކަމެއް ތަކުރާރު ނުވޭތޯ ފިޔަވަޅުތައް އަޅާނެކަމަށެވެ.