މޯލްޑިވް ގޭސްގެ ޑީއެމްޑީ އިކްރާމް މުވައްޒަފަކަށް ޖިންސީ ފުރައްސާރަކުރި ކަމަށް ހުށަހެޅި މައްސަލަ ބަލަނީ
މޯލްޑިވް ގޭސްގެ ޑީއެމްޑީ އިކްރާމް މުވައްޒަފަކަށް ޖިންސީ ފުރައްސާރަކުރި ކަމަށް ހުށަހެޅި މައްސަލަ ބަލަނީ

މޯލްޑިވް ގޭސްގެ އަންހެން މުވައްޒަފަކަށް އެ ތަނުގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު (ޑީއެމްޑީ) އަލީ އިކްރާމް ޖިންސީ ފުރައްސާރަކުރި ކަމުގެ ތުހުމަތުތަކާ އެކު ހުށަހެޅި މައްސަލަ ބަލަން ފަށައިފި އެވެ.

އެސްޓީއޯގެ ބެލުމުގެ ދަށުގައި އޮންނަ ކުންފުނި ހިންގެވުމާ ވަގުތީ ގޮތުން ހަވާލުވެ ހުންނެވި އިކްރާމް، ތަކުރާރުކޮށް މުވައްޒަފަކަށް ފުރައްސާރަކުރި މައްސަލަ ހުށަހެޅީ ކުންފުނީގެ ބޯޑަށެވެ. އޭނާގެ މައްސަލަ ބަލަމުން އަންނަ ކަން އެސްޓީއޯގެ އޮފިޝަލަކު މިރޭ ކަށަވަރުކޮށްދެއްވި އެވެ.

"ހުށަހަޅާފައިވާ މައްސަލަ އިންޓާނަލީ ބަލަމުން އަންނަނީ،" އޮފިޝަލް ވިދާޅުވި އެވެ.

އެނގިފައިވާ ގޮތުގައި އަންހެން މުވައްޒަފަށް އިކްރާމް ފުރައްސާރަ ކުރަމުން ދިޔަ މައްސަލަ ހުށަހެޅީ ހެއްކެއްގެ ގޮތުގައި އޭނާ މުވައްޒަފަށް ފޮނުވި މެސެޖުތަކާ އެކުގަ އެވެ.

އިކްރާމަށް ކުރާ ތުހުމަތާ ގުޅިގެން "މިހާރު"ން ސުވާލުކުރުމުން ވިދާޅުވީ ޗެޓް ލޮގަކާ އެކު އޭނާއާ ދެކޮޅަށް މައްސަލައެއް ހުށަހަޅާފައިވާ ކަމަށެވެ. ބައެއް މީޑީއާތަކުގައި އޭނާ ސަސްޕެންޑުކުރި ކަމަށް ރިޕޯޓްކުރި ވާހަކަ ދޮގު ކުރެއްވި އެވެ.

އޭނާ އަށް ކުރާ ތުހުމަތުތައް ދޮގުކުރައްވަމުން ވިދާޅުވީ ފުރައްސާރައިގެ އެއްވެސް މެސެޖެއް ނުކުރައްވާ ކަމަށެވެ.

އިކްރާމާ ދެކޮޅަށް ހުށެހެޅި މައްސަލައިގައި ބުނެފައި ވަނީ ރަސްމީ މަސައްކަތު ބައްދަލުވުމަކަށް ފަހު "ހާދަ ރީއްޗޭ،" އަދި "ވަރަށް މިސްވޭ" ވިދާޅުވެ ގިނަ މެސެޖުތަކެއް ފޮނުވާފައިވާ ކަމަށެވެ. މި ގޮތަށް މެސެޖު ކުރަމުން ގޮސް ޒާތީ ދިރިއުޅުމުގެ ވާހަކަ އޮޅުންފިލުއްވުން ފަދަ އޮފީހުގެ މަސައްކަތަށް ދަތިވާވަރަށް ފުރައްސާރައިގެ އަމަލުތަކެއް ހިންގަވާފައިވާ ކަމަށެވެ.

އޮފީހުން ދިމާވުމުން ލައިގެން ހުންނަ ހެދުމާ ގުޅުވައި ވާހަކަ ފައްޓަވައި، ފޮށި ހައްދަވާ ކަމަށް ވެސް އިކްރާމްގެ މައްޗަށް ތުހުމަތު ކޮށްފައި ވެ އެވެ. އިކްރާމް މުވައްޒަފަށް ފޮނުއްވި ކަމަށް ބުނާ މެސެޖްތައް "މިހާރު"އަށް ވަނީ ފެނިފަ އެވެ.

ކުންފުނީގެ އެކްޓިން އެމްޑީގެ ގޮތުގައި ހުންނަވައި އެގޮތަށް އަމަލު ނުކުރައްވަން އެދިވަޑައިގަތުމުން ބިރު ދެއްކެވުމުގެ ވާހަކަތަކެއް ދެއްކެވި ކަމަށް ވެ އެވެ.

ފުރައްސާރައިގެ އަމަލުތައް ނުހުއްޓައި އެ މުވައްޒަފަކަށް އިކްރާމް ބަރަހަނާ ފޮޓޯ ފޮނުއްވި ކަމަށް ވެސް ހުށަހެޅި މައްސަލައިގައި ވަނީ ތުހުމަތުކޮށްފަ އެވެ.

ކުންފުނީގައި ބަލައިދޭން އެދިފައިވާ މި މައްސަލަ ރަސްމީ އިދާރާތަކަށް ވެސް ހުށަހަޅަން މުވައްޒަފު ވަނީ ނިންމައިފަ އެވެ.