02 ފެބުރުއަރީ 2021 - 14:58

ވެކްސިން ޖެހުމަށް ފަހު 15 މިނިޓު އެ ތަނެއްގައި މަޑުކުރަން ޖެހޭނެ. އިތުރު އެއްވެސް ރިއެކްޝަނެއް އައިތޯ ބަލަން އަޅުގަނޑުމެން ބަލަން ބޭނުންވާނެ. ކޮވިޑު ވެކްސިން ޖެހުމަށް ފަހު ވެސް ލޭ ހަދިޔާ ކުރެވޭނެ ހުން ފަދަ ކަމެއްގެ އެއްވެސް އަލާމާތެއް ނެތް ނަމަ. ލޭ ދޭން ވަކި މުއްދަތަކަށް މަޑުކުރާކަށް ނުޖެހޭނެ. ވެކްސިންގެ ދެ ޑޯޒު ފުރިހަމަވުމަށް ފަހު ދިފާއީ ނިޒާމު ފުރިހަމަ ވާނީ ދެ ހަފުތާ ފަހުން. އެހެންވީމާ ދެ ޑޯޒު ހަމަވުމަށް ފަހު ވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުން.
ޑރ. ފައިސަލް: ވެކްސިން ޖަހާނީ ހުމުގެ އެއްވެސް އަލާމާތެއް ނެތް ނަމަ. ވެކްސިން ޖަހަން ދާއިރު، އައިޑީ ކާޑު ނުވަތަ ކާކުކަން އަންގައިދޭ ކާޑެއް ގެންނަން ވާނެ. ވެކްސިން ޖަހަން ދާއިރު ދޫ ހެދުމެއް ލައިގެން ދާން އެދެން. ކަށި ފަސޭހައިން ޖެހޭނެ ގޮތަށް ހުރި ހެދުމަކަށް ވުން ވަރަށް މުހިންމު.
ޑރ. ފައިސަލް: މާދަމާ އިން ފެށިގެން ހުރިހާ ހޮސްޕިޓަލެއްގައި މާދަމާ އިން ފެށިގެން ކޮވިޑު ވެކްސިން ފަށާނެ. އަދި މާލެ ސަރަހައްދުގައި އުމުރުން 70 އަހަރުން މަތީގެ މީހުންނަށް ވެކްސިން ދޭން ފަށާނެ. ވެކްސިން ދޭނީ ރަޖިސްޓަރީ ކޮށްގެން، އެޕޮއިންޓުމަންޓުގެ އުސޫލުން. ރަޖިސްޓަރީ ކުރާ މީހުން ވެސް މައުލޫމާތު އަޕްޑޭޓު ކުރުން ވަރަށް މުހިންމު. ރަޖިސްޓަރީ ކުރާ މީހުންނަށް އެއް ދުވަސް ކުރިން ގުޅައި މައުލޫމާތު ސާފުކުރާނެ.
ބްރީފިންގައި ބައިވެރިވެވަޑައިގަންނަވަނީ ޑރ. ނަޒްލާގެ އިތުރުން ޑރ. ޝީނާ އާއި ޑރ. ފައިސަލް.
މީޑިއާ ބްރީފިން ފަށައިފި.
މިހާތަނަށް އެނގިފައިވާ ގޮތުގައި، ކޮވިޑުގެ ތިންވަނަ ރާޅާއެކު، އަޅާ ހަރުކަށި ގިނަ ފިޔަވަޅުތަކަށް އަމަލުކުރަން ފަށާނީ މާދަމާ.
އެޗުއީއޯސީގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީގު މިއަދު ވިދާޅުވެފައި ވަނީ ރާއްޖޭގައި ކޮވިޑް-19 ގެ ތިން ވަނަ ރާޅު ނަގާފައިވާ ކަމަށާއި ބަލި ޖެހޭ އަދަދު މަދުކުރަން ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ވަރަށް ބޮޑަށް ސަމާލުކަންދޭން ޖެހިފައިވާ ކަމަށް. އެޗްޕީއޭ އިން ރޭ އާއްމުކުރި 24 ގަޑިއިރުގެ ހިސާބުތަކުގައި ވަނީ 215 މީހުން ޕޮޒިޓިވްވެފައި. މި ހަފުތާގައި ޕޮޒިޓިވްވާ ރޭޓު ކޮންމެ ދުވަހަކު ވެސް 100 އިން މަތީގައި އުޅޭއިރު، މިއީ ރާއްޖޭގެ ހާލަތު މިދިޔަ އޮގަސްޓް މަހުގެ ތެރޭގައި އެންމެ ގޯސްވި އިރު ޕޮޒިޓިވި އަދަދު. ޑރ. ނަޒްލާ ވިދާޅުވެފައި ވަނީ، ކޮވިޑު ޖެހޭ މީހުންގެ އަދަދު އިތުރުވެ ސިއްހީ ދާއިރާ އަށް އަނެއްކާވެސް ބުރަ ބޮޑުވެފައިވާ ކަމަށް.
މީޑިއާ ބްރީފިން އަދިއެއް ނުފަށާ. އޮންލައިންކޮށް ބާއްވާ މި ބްރީފިންގައި ނޫސްވެރިން 4:20 އިން ފެށިގެން ވަނީ ބައިވެރިވެފައި. ބެލެވޭ ގޮތުގައި އެޗުއީއޯސީން ނިއުސް ބްރީފިންގައި ބައިވެރިވެވަޑައިގަންނަވާ އޮފިޝަލުން އަދި ތައްޔާރު ނުވާތީ ލަސްވަނީ.
ރާއްޖޭގައި ކޮވިޑު-19 ގެ ކޭސްތައް އަނެއްކާވެސް ކުއްލި ގޮތަކަށް އިތުރުވާން ފެށުމާ ގުޅިގެން، މާލެ ސަރަހައްދުގައި އަޅާ ފިޔަވަޅުތައް ހަރުކަށިކޮށް، އެކަން އިއުލާން ކުރަން ޚާއްސަ މީޑިއާ ބްރީފިންއެއް މިއަދު ހަވީރު ބާއްވަން ސަރުކާރުން ނިންމައިފި އެވެ.
އެޗުއީއޯސީން ބާއްވާ މި ބްރީފިން އޮންނާނީ ހަވީރު 4:30 ގަ އެވެ.
މިދިޔަ އާދިއްތަ ދުވަހުން އިއްޔެ ހަވީރު 6 އާ ހަމައަށް ރާއްޖެ އިން ކޮވިޑުގެ 200 އަށް ވުރެ ކޭސް ފެނިފައިވާއިރު، ހަރުކަށި ފިޔަވަޅުތައް އަޅަން ކަމާ ގުޅޭ އިދާރާތަކުން މިއަދު ބޭއްވި މަޝްވަރާ ބައްދަލުވުމުގައި ވަނީ ނިންމައިފަ އެވެ. އޭގެ ތެރޭގައި މިހާރު ރޭގަނޑުގެ ވަކި ވަގުތެއްގައި އިއުލާން ކޮށްފައިވާ ކާފިއުގެ ގަޑި އަވަސް ކުރުމާއި ވަކި ވަގުތުތަކެއް އެއްގަމު އުޅަނދު ދުއްވުން މަނާކުރުން ހިމެނޭ ކަމަށް ވެ އެވެ.
ނަމަވެސް ތަފުސީލުތައް ހާމަކުރާނީ ހަވީރުގެ ކުއްލި ޕްރެސް ބްރީފިންގަ އެވެ.