ފިލްމެއްގެ މަންޒަރެއް ކުޅެނިކޮށް އިންޑިއާގެ ދެ އެކްޓަރަކު ގެނބިގެން މަރުވެއްޖެ
ފިލްމެއްގެ މަންޒަރެއް ކުޅެނިކޮށް އިންޑިއާގެ ދެ އެކްޓަރަކު ގެނބިގެން މަރުވެއްޖެ

އިންޑިއާގެ ކަރްނާޓަކާގައި ކަންނާޑާ ފިލްމެއް ކަމަށްވާ "މާސްތީގުޅީ" ގެ މަންޒަރެއް ކުޅުމަށް ހެލިކޮޕްޓަރަކުން ކޯރަކަށް ފުންމާލި ދެ އެކްޓަރަކު ގެނބިގެން މަރުވެއްޖެ އެވެ.

ފިލްމެއްގެ މަންޒަރެއް ކުޅެނިކޮށް އިންޑިއާގެ ދެ އެކްޓަރަކު ގެނބިގެން މަރުވެއްޖެ
ފިލްމެއްގެ މަންޒަރެއް ކުޅެނިކޮށް އިންޑިއާގެ ދެ އެކްޓަރަކު ގެނބިގެން މަރުވެއްޖެ

ބެންގަލޫރާ 35 ކިލޯމީޓަރު ދުރުގައިވާ ކޯރެއްގައި ހޯމަ ދުވަހު މެންދުރުފަހު ހިނގި މި ހާދިސާގައި މަރުވެފައި ވަނީ އެ ފިލްމުގައި ނުބައި ބައި ކުޅޭ ދެ އެކްޓަރުން ކަމަށްވާ އަނިލް ކުމާރަންދް އާއި އުދޭ ވެންކަތޭޝް އެވެ. މި ދެ އެކްޓަރުންނާ އެކު ފިލްމުގެ ބަތަލު ދުނިޔަ ވިޖޭ ވެސް ފުންމާލި އެވެ. ނަމަވެސް އޭނާ ވަނީ ސަލާމަތްވެފަ އެވެ. އަނެއް ދެ މީހުން އަދިވެސް ނުފެނެ އެވެ.

ހަމަޖެހިފައި އޮތް ގޮތުން މި ތިން އެކްޓަރުން ކޯރަށް ފުންމާލުމާ އެކު އެމީހުން ނަގަން ލޯންޗެއް ދާން ޖެހެ އެވެ. ނަމަވެސް ލޯންޗުގެ އިންޖީނަށް މައްސަލައެއް ދިމާވެ އިންޖީނު ހިންގޭ ގޮތް ނުވީ އެވެ.

ވިޖޭ އަށް ސަލާމަތް ވެވުނީ ކޯރުގައި ކުޑަ ދޯންޏެއްގައި އުޅުނު މީހަކު އޭނާ ނެގި ކަމުންނެވެ. އެއީ އެ ދުއްވާ މީހާއާ އެކު އިތުރު އެކަކަށް އެރޭ ދޯންޏަކަށް ވުމުން އެހެން މީހަކު ސަލާމަތްކުރުމުގެ ފުރުސަތެއް ނުލިބުނެވެ. ވިޖޭ އެއްގަމަށް ބާލާފައި އެނބުރި ދިޔައިރު އަނެއް ދެ އެކްޓަރުން ގެއްލިއްޖެ އެވެ.

މި ކޯރު ބެލެހެއްޓުމާ ހަވާލުވެ ތިބި މީހުން ބުނި ގޮތުގައި ފިލްމު ކުރޫ ވަނީ އެތަނުގައި ފިލްމު ޝޫޓްކުރަން ދިން ހުއްދައާ ޚިލާފު ވެފަ އެވެ. ހުއްދަ ދީފައި ވަނީ ކޯރުގެ އައްސޭރިފަށުގައި ޝޫޓްކުރާ ގޮތަށް ކަމަށާއި އޭރިއަލް ޝޮޓްތައް ނެގުމާއި އިތުރު ތަންތަނުގައި ޝޫޓް ކުރުމަށް ހުއްދަ ނުދޭ ކަމަށް ބުންޏެވެ. އަދި ކޯރަށް އެރެން ހުއްދަ ނުދޭ ކަމަށް ވެސް ބުންޏެވެ.

ފުލުހުން ބުނީ އެއްވެސް އެކްޓަރަކު ލައިފް ޖެކެޓް ވެސް ބޭނުންކޮށްފައި ނެތް ކަމަށެވެ. ގެނބުނު ދެ މީހުންނަކީ ފަތަން ވެސް ރަނގަޅަށް އެނގޭ ބައެއް ނޫން ކަމަށް ފުލުހުން ބުންޏެވެ.

މަންޒަރު ދުށް މީހަކު ޓައިމްސް އޮފް އިންޑިއާ އަށް ކިޔައިދީފައިވާ ގޮތުގައި 40 ފޫޓު ފުން ކޯރުގެ ތެރެއަށް ތިން އެކްޓަރުން ހެލިކޮޕްޓަރުން ފުންމާލީ 60 ފޫޓެއްހާ މަތިންނެވެ. އަދި އެމީހުން ފުންމާލި ހިސާބާ އެއްގަމާ ދެމެދު 200 ވަރަކަށް ފޫޓު ހުންނާނެކަމަށް ލަފާ ކުރެވޭ ކަމަށް އެ މީހާ ބުނެފައިވެ އެވެ.

ނަގާފައިވާ މަންޒަރުތަކުން ފެންނަ ގޮތުގައި ތިން އެކްޓަރުން ވެސް ފުންމާލުމަށް ފަހު އެއްގަމާ ދިމާލަށް ފަތަން ފަށަ އެވެ. ނަމަވެސް 50 މީޓަރެއްހާ ހިސާބަށް ފެތުމަށްފަހު ގެނބުނީ އެވެ.

ފަރުވާކުޑަކޮށް ގަވާއިދުތަކާ ޚިލާފުވެފައި ވާތީ މި ފިލްމުގެ ޑައިރެކްޓަރާއި ޕްރޮޑިއުސަރުގެ މައްސަލަ ފުލުހުން މިހާރު ދަނީ ބަލަމުންނެވެ.