02 ފެބުރުއަރީ 2021 - 14:51

ވޮޝިންޓަން (ފެބްރުއަރީ 2) - މިއަންމާގެ މަދަނީ ސަރުކާރުގެ އިސްވެރިން ހައްޔަރުކޮށް ބަޣާވާތް ކުރި ސިފައިންނާ ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އެމެރިކާ އިން ދީފި އެވެ.
މިއަންމާގެ ޑިމޮކްރެޓިކް ލީޑަރު އަން ސަން ސޫކީ ހައްޔަރުކޮށް ވެރިކަމުގެ ބާރުތަކުގެ މައްޗަށް ސިފައިން ގަދަވެގެންފައި ވަނީ ނޮވެމްބަރު މަހު ބޭއްވި އިންތިޚާބުގެ ނަތީޖާ ގަބޫލް ކުރަން ދެކޮޅު ހެދުމަށް ފަހު އެވެ. އެ އިންތިޚާބުން ސޫކީގެ ޕާޓީ ވަނީ ބޮޑު ކާމިޔާބެއް ހޯދައިފަ އެވެ. ސިފައިން ބުނެފައި ވަނީ އިންތިޚާބު އޮޅުވާލާފައިވާ ކަމަށެވެ.
އެމެރިކާގެ ރައީސް ޖޯ ބައިޑަން ވަނީ މިއަންމާއާ ދެކޮޅަށް އަލުން ދަތިކުރުމުގެ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ދެއްވައިފަ އެވެ. އަދި ރައްޔިތުންގެ ނިންމުން ސިފައިންނަށް ބަދަލު ނުކުރެވޭނެ ކަމަށް ބައިޑަން ވިދާޅުވި އެވެ.
"ދުނިޔޭގެ ކޮންމެ ތަނެެއްގައި ވެސް ޑިމޮކްރެސީ އަށް ދޭ ހަމަލާތަކާ ދެކޮޅަށް އެމެރިކާ ތެދުވާނެ،" ބައިޑަން ނެރުއްވި ބަޔާނުގައި ވިދާޅުވި އެވެ.
ބަޣާވާތް ގެނައުމަށް ފަހު ސިފައިން ވަނީ ސޫކީ ހައްޔަރުކޮށްފަ އެވެ. އޭގެ ފަހުން އެކަމަނާގެ ޚަބަރެއް ނުވެ އެވެ. ނަމަވެސް ސޫކީގެ ނޭޝަނަލް ލީގު ފޯ ޑިމޮކްރެސީ (އެންއެލްޑީ) ބުނީ ސޫކީ އާއި ރައީސް ވިން މިންޓް ވަނީ ގޭބަންދުކޮށްފައި ކަމަށެވެ.
މިއަންމާގެ ބަޣާވާތް ކުށްވެރިކޮށް ޔޫރަޕިއަން ޔޫނިއަން އާއި އިނގިރޭސި ވިލާތް އަދި އދ. އިން ވެސް ވަނީ ބަޔާން ނެރެފަ އެވެ.
މިއަންމާ ސިފައިން ބުނެފައި ވަނީ އެއް އަހަރު ދުވަހުގެ މުއްދަތަށް ހިންގާފައިވާ ކުއްލި ނުރައްކަލުގެ ހާލަތު ނިމުމުން އާ އިންތިޚާބެއް ބާއްވާނެ ކަމަށެވެ.