02 ފެބުރުއަރީ 2021 - 15:00

ކޮވިޑް-19 ގެ ކޭސްތައް އިތުރުވެފައި ވިޔަސް ރާއްޖޭގެ ބޯޑަރު ދެވަނަ ފަހަރަށް ބަންދު ކުރުމުގެ އެއްވެސް ވިސްނުމެއް ނުގެންގުޅުއްވާ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް މިއަދު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު މިހެން ވިދާޅުވީ ކޮވިޑް-19 އަށް ޕޮޒިޓިވްވާ އަަދަދު އިތުރުވެ ބޯޑަރު އަލުން ބަންދު ކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުން އަންނަކަމަށް އަޑުފެތުރިފައި ވަނިކޮށެވެ.
މައުސޫމް "މިހާރު" އަށް ވިދާޅުވީ ކޮވިޑުގެ އެންމެ އުނދަގޫ ދުވަސްތައް މިހާރު ހިނގައްޖެ ކަމަށެވެ. އަދި ކުރިން ގިނަ އަދަދެއްގެ ޓޫރިސްޓުން ކޮވިޑަށް ޕޮޒިޓިވްވި ނަމަވެސް މިހާރު އެ ރޭޓު ވަރަށް ބޮޑަށް ދަށްވެފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުގައި މިދިޔަ ޑިސެމްބަރު މަހު ރާއްޖެއަށް އައި ޓޫރިސްޓުންގެ ތެރެއިން ކޮންމެ 1،000 މީހުންގެ ތެރެއިން ޕޮޒިޓިވްވެފައިވަނީ އެންމެ ހަތް މީހުންނެވެ. އަދި މި އަހަރުގެ ފުރަތަމަ މަހު އައި ޓޫރިސްޓުންގެ ތެރެއިން ޕޮޒިޓީވްވެފައިވަނީ ކޮންމެ 1،000 މީހުންގެ ތެރެއިން އަށް މީހުންނެވެ.
"އަޅުގަނޑުމެން ބޯޑަރު އަލުން ހުޅުވީ ވެސް މިއަށްވުރެ އުނދަގޫ ދުވަސްވަރެއްގައި. މޫސުން ގޯސް ހިސާބު ނިމިއްޖެ. މިހާރު ޓޫރިސްޓުން ޕޮޒިޓީވްވާ ރޭޓު ދަށްވެ، ވެކްސިން ލިބި، މި ކަމުން އަލި ރާސްތާއެއް ފެނުނީމަ ބޯޑަރު ބަންދުކުރުމުގެ ސުވާލެއް ވެސް ނުއުފެދޭ،" މައުސޫމް ވިދާޅުވި އެވެ.
"ކޮވިޑާ އެކު ވެސް ރާއްޖެއަކީ ރައްކާތެރި މަންޒިލެއްގެ ގޮތުގައި ދުނިޔެ ބަލައިގެންފި. މިހާރު ހުރިހާ ގައުމަކުން ވެކްސިން ދޭން ފަށައި ރާއްޖޭގައި ވެސް ވެކްސިން ދޭން ފެށީމާ ބޯޑަރު ބަންދުކުރަން އެއްގޮތަކަށް ވެސް ނުވިސްނަން،"
މައުސޫމް ވިދާޅުވީ ފާއިތުވި އަހަރު ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް އެޗްޕީއޭ އިން އެޅި ފިޔަވަޅުތަކުގެ ސަބަބުން ރާއްޖޭގައި ބަލި ފެތުރުން ވަރަށް ބޮޑަށް ދަށްވެފައިވާ ކަމަށެވެ. އެހެންކަމުން ބޯޑަރު ބަންދުނުކޮށް ބަލި ފެތުރުން ކޮންޓްރޯލު ކުރުމަށް މަސައްކަތް ކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.