އިންޑިއާގައި ކޮވިޑްގައި މަރުވި މީހުންގެ ހަނދާނުގައި ވެބްސައިޓެއް ލޯންޗްކޮށްފި
އިންޑިއާގައި ކޮވިޑްގައި މަރުވި މީހުންގެ ހަނދާނުގައި ވެބްސައިޓެއް ލޯންޗްކޮށްފި

އިންޑިއާގައި ކޮވިޑް-19 ޖެހިގެން މަރުވާ މީހުންގެ ހަނދާންތައް އާކޮށް އެ މީހުންނާ ބެހޭ މައުލޫމާތު ގެނެސްދޭ ވެބްސައިޓެއް ލޯންޗްކޮށްފި އެވެ.

އިންޑިއާގައި ކޮވިޑްގައި މަރުވި މީހުންގެ ހަނދާނުގައި ވެބްސައިޓެއް ލޯންޗްކޮށްފި
އިންޑިއާގައި ކޮވިޑްގައި މަރުވި މީހުންގެ ހަނދާނުގައި ވެބްސައިޓެއް ލޯންޗްކޮށްފި

ޑޮކްޓަރުންނާއި ސިއްހި އެހީތެރިންނާއި ނޫސްވެރިންގެ އެހީއާ އެކު ހިންގާ މެމޯރިއަލް ސައިޓްގެ ނަމަކީ ނެޝަނަލްކޮވިޑްމެމޯރިއަލް.އިން އެވެ. މި ސައިޓްގައި މިހާރު ވެސް ވަނީ ކޮވިޑްގައި މަރުވި ބައެއް މީހުންގެ ފޮޓޯތަކާއި އެ މީހުންނާ ބެހޭ މައުލޫމާތުތައް ހިމަނައިފަ އެވެ.

ކަލްކަތާގެ ޑޮކްޓަރުންގެ ޓީމެއްގެ އިސް ނެގުމަށް މެމޯރިއަލް ސައިޓް ހެދީ އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ ކޮވިޑް ކެއާ ނެޓްވޯކުންނެވެ. ސައިޓް ފަރުމާކޮށްފައި ވަނީ ކޮވިޑްގައި އިންޑިއާ އިން މަރުވާ މީހުންގެ މައުލޫމާތު ހޮސްޕިޓަލްތަކާއި އާއިލާގެ މީހުންނަށް ވެސް ހުށަހެޅޭ ގޮތަށެވެ. އާއިލާ އިން އެފަދަ މީހެއްގެ ނަން ހުށަހަޅާ އިރު މަރު ކަށަވަރުކޮށްދޭ ސެޓްފިކަޓާއި މައުލޫމާތު އިތުރަށް ކަށަވަރުކުރަން އާއިލާގެ މީހަކާ ގުޅޭނެ ނަމްބަރެއް ހިމަނަން ޖެހެ އެވެ.

ނެޝަނަލްކޮވިޑްމެމޯރިއަލް.އިންގައި ހިމަނާ މީހުންގެ ހަނދާންތައް އާކުރަން އާއިލާގެ މީހުންނާއި ގާތް ރައްޓެހިންނަށް ވެސް އެ މީހަކާ ބެހޭ ވާހަކަތައް ސައިޓްގައި ހިއްސާ ވެސް ކުރެވޭނެ އެވެ.

މެމޯރިއަލް ސައިޓާ ބެހޭ ގޮތުން ކޮވިޑް ކެއާ ނެޓްވޯކްގެ ބާނީންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ޑރ. އަބިޖީތު ޗައުދަރީ ވިދާޅުވީ މީގެ ބޭނުމަކީ ކޮވިޑް ފަދަ ބޮޑު ބަލިމަޑުކަމަކާ އެކު ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ފުރާނަ ގެއްލިގެން ދިޔަ އެތައް ބައެއްގެ ހަނދާންތައް އަބަދު އާކުރެވޭނެ ގޮތެއް ހެދުމެވެ.

"އެހެންވީމާ އަހަރެމެންގެ ސައިޓަކީ ހުޅުވާލެވިފައި އޮތް ދޮރެއް. ލޯބިވާ މީހަކު އެ ބަލީގައި ވަކިވެގެން ގޮސްފައިވާ ނަމަ ސައިޓްގައި އެ މީހެއްގެ ވާހަކަ ހިމެނުނަކީ ހަނދާނަށްޓަކައި ކުރެވޭ ވަރަށް މުހިއްމު ކަމަކަށް ވާނެ،" އޭނާ ވިދާޅުވި އެވެ.

ކޮވިޑް-19 ގައި އިންޑިއާ އިން މަރުވި މީހުންގެ އަދަދު 154،000 އަށް ވުރެ ގިނަ އެވެ. މިދިޔަ އަހަރު ބަލީގެ ހާލަތު އެންމެ ގޯސްވި ދުވަސްވަރު އިންޑިއާ އަކީ ވަރަށް ގިނަ އަދަދަކަށް މީހުންނަށް ބަލި ޖެހުނު ގައުމެކެވެ. ނަމަވެސް ދުނިޔޭގައި ދެވަނަ އަށް އެންމެ އާބާދީ ބޮޑު ގައުމުގައި ބަލި މިހާރު އޮތީ ވަރަށް ބޮޑަށް ކޮންޓްރޯލްކުރެވިފަ އެވެ.

އިންޑިއާގެ ކޮވިޑް މެމޯރިއަލް ސައިޓް//www.nationalcovidmemorial.in/memorial-list އަށް މި ލިންކުން ވަދެވޭނެ އެވެ.