ޗައިނާގައި ފޭކް ވެކްސިން ހަދައި ވިއްކި ބަޔަކު ހައްޔަރުކޮށްފި
ޗައިނާގައި ފޭކް ވެކްސިން ހަދައި ވިއްކި ބަޔަކު ހައްޔަރުކޮށްފި

ބެއިޖިން (ފެބްރުއަރީ 2) - ޗައިނާގައި ކޮރޯނާވައިރަހުގެ ފޭކް ވެކްސިން ހަދައި ވިއްކަމުން ދިޔަ 80 މީހުން ހައްޔަރުކޮށްފައިވާ ކަމަށް އެ ގައުމުގެ ރަސްމީ މީޑިއާ އިން ބުނެފި އެވެ.

ފޭކް ވެކްސިން ހަދަމުން ދިޔަ މީހުން ވަނީ ލޮނު ފެން ކުދި ފުޅިތަކަށް އަޅައި ކޮވިޑް ވެކްސިންގެ ގޮތުގައި ވިއްކައިފަ އެވެ. ޒިންހުއާ ނިއުސް އެޖެންސީން ބުނީ އެ މީހުން މިދިޔަ ސެޕްޓެމްބަރުން ފެށިގެން އެ ގޮތަށް ފޭކް ވެކްސިން ވިއްކާފައިވާ ކަމަށެވެ.

"ފުލުހުން ވަނީ ވެރިރަށް ބެއިޖިން އާއި އިރުމަތީގެ ޕްރޮވިންސްތައް ކަމަށްވާ ޖިއާންގްސޫ އަދި ޝަންޑޮންގެ ބައެއް ސިޓީތަކުގައި ފޭކް ވެކްސިން ހަދަމުން ދިޔަ ތަންތަނަށް ވަދެ 3،000 އަށް ވުރެ ގިނަ ފޭކް ވެކްސިން އަތުލައިގެންފައި،" ޒިންހުއާ އިން ބުންޏެވެ.

އެ މީހުން ވިއްކާފައި ވަނީ ކިތައް ފޭކް ވެކްސިން ކަމެއް ނޭނގެ އެވެ. ނަމަވެސް ވެކްސިން ގަނެފައިވާ މީހުން ފުލުހުން ވަނީ ދެނެގެންފަ އެވެ.

ޗައިނާ އިން އަމާޒު ހިފާފައި ވަނީ މި މަހު މެދުތެރޭގައި ފާހަގަކުރާ ލޫނާ އާ އަހަރުގެ ކުރިން 50 މިލިއަން މީހުންނަށް ވެކްސިން ދިނުމަށެވެ. ޗައިނީޒް އާ އަހަރުގެ ޗުއްޓީއާ ދިމާކޮށް ގިނަ ބަޔަކު އެކި ތަންތަނަށް ދަތުރު ކުރެ އެވެ. ނަމަވެސް ކަމާބެހޭ ފަރާތްތަކުން މި އަހަރު ވެސް އިލްތިމާސް ކުރަނީ ޗުއްޓީ އަށް ތަންތަނަށް ދިއުމުގެ ބަދަލުގައި ގޭގައި ތިބުމަށެވެ.

ޗައިނާގައި ވެކްސިން ދިނުމުގެ ޕްރޮގްރާމް ފަށާފައިވާ އިރު ކަމާބެހޭ ފަރާތްތަކުން ދަނީ ވެކްސިންގެ ރައްކާތެރިކަން ޔަގީންކޮށްދިނުމުގެ މަސައްކަތް ކުރަމުންނެވެ. ސަރުކާރުގެ ކުންފުނި ސިނޮފާމުގެ ވެކްސިން އަށް ޑިސެމްބަރު މަހު ވަނީ ޗައިނާ އިން ހުއްދަ ދީފަ އެވެ.

ކޮރޯނާވައިރަސް ޑިސެމްބަރު 2019 ގައި ޗައިނާގެ ވޫހާން ސިޓީން އެންމެ ފުރަތަމަ ފެނުނު ނަމަވެސް އެ ގައުމުގައި ވަނީ ބަލި ކޮންޓްރޯލްކޮށްފަ އެވެ.

ޗައިނާގައި މީގެ ކުރިން ވެސް ވަނީ ފޭކް ވެކްސިން ވިއްކި ބަޔަކު ޖޫރިމަނާކޮށްފަ އެވެ. ވެކްސިން އުފެއްދުމަށް މަޝްހޫރު ޗައިނާގެ ޗަންޝެންގް ބަޔޯ-ޓެކްނޮލޮޖީން 2018 ވަނަ އަހަރު އުފެއްދި ވެކްސިން ފެންވަރު ދަށްވެގެން އެ ކުންފުނި ވަނީ 1.3 ބިލިއަން ޑޮލަރުން ޖޫރިމަނާކޮށްފަ އެވެ. އެ ކަންތައްގަނޑު ފަޅާއެރުމުން އެ ދުވަސްވަރު ވަނީ ވެކްސިންއާ ދެމެދު އާއްމުންގެ އިތުބާރު ވަރަށް ބޮޑަށް ގެއްލިފަ އެވެ.