"އާޓިކަލް 15" ގެ ޑައިރެކްޓަރާ އެކު އަޔޫޝްމަނަށް "އަނޭކް"
"އާޓިކަލް 15" ގެ ޑައިރެކްޓަރާ އެކު އަޔޫޝްމަނަށް "އަނޭކް"

ދެހާސް ނަވާރައިގައި ރިލީޒްކޮށް، ކްރިޓިކުންގެ ތައުރީފު ވަރަށް ބޮޑަށް ލިބުނު ފިލްމު "އާޓިކަލް 15" އަށް ފަހު، އޭގެ ޑައިރެކްޓަރު އަނޫބަވް ސިންހާ އާއި ބަތަލު އަޔޫޝްމަން ކްރާނާ އެކީގައި މަސައްކަތްކުރާ ދެވަނަ ފިލްމުގެ ނަން އިއުލާންކޮށް، އޭގެ މަސައްކަތް ފަށައިފި އެވެ.

މިއަށް ދީފައިވާ ނަމަކީ "އަނޭކް" އެވެ. މިއީ ބުޝަން ކުމާރުގެ ޓީ ސީރީޒުން ޕްރޮޑިއުސްކުރާ ފިލްމެކެވެ.

އަނޫބަވަކީ މި ފަހުން ހަގީގީ ހާދިސާތަކަށް އަދި ހާއްސަކޮށް އިޖުތިމާއީ/ސިޔާސީ މައްސަލަތަކަށް ފިލްމު ހަދާ ޑައިރެކްޓަރަކަށްވާތީ "އަނޭކް" ގައި ވެސް ވަރަށް ޝައުގުވެރި ހަގީގީ މައްސަލަގަނޑެއް ކިޔައިދޭނެ އެވެ.

މި ފިލްމުގެ މަސައްކަތް ފެށި ނަމަވެސް މީގެ ޕްލޮޓާއި އިތުރު ކާސްޓުންނާ ބެހޭ އެއްވެސް މައުލޫމާތެއް އަދި ހާމައެއްނުކުރެ އެވެ.

"އަނޭކް" ގެ މަސައްކަތް ފެށި އިރު ޑިސެމްބަރު މަހު އަޔޫޝްމަން ވަނީ ޑައިރެކްޓަރު އަބީޝެކް ކަޕޫރްގެ "ޗަންދީގަޅް ކަރޭ އާޝިގީ" ގެ ޝޫޓިން ނިންމާލައިފަ އެވެ. އެ ފިލްމުގެ ބަތަލާ އަކީ ވާނީ ކަޕޫރެވެ.

އަބަދު ވެސް ވަރަށް ތަފާތު ކޮންޓެންޓްތަކަށް ހަދާ ފިލްމުތައް ކުޅެން މަޝްހޫރު އެކްޓަރުގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި ބަތަލާ ރަކުލް ޕްރީތު ސިންގްއާ އެކު ކުޅޭ، ޑައިރެކްޓަރު އަނޫބްތީ ކޭޝަޕްގެ "ޑޮކްޓަރު ޖީ" ހިމެނެ އެވެ.

މިދިޔަ އަހަރު އަޔޫޝްމަންގެ ދެ ފިލްމެއް ރިލީޒްވި އެވެ. އެއީ "ޝުބް މަންގަލް ޒާދާ ސާވްދާން" އާއި "ގުލާބޯ ސިތާބޯ" އެވެ.

އަނޫބަވް އެެންމެ ފަހުން ގެނެސްދިން ފިލްމަކީ ތާޕްސީ ޕައްނޫގެ 2019 ގެ "ތައްޕަޅު" އެވެ.