03 ފެބުރުއަރީ 2021 - 08:05

ސިޔާސީ ކޮންޓެންޓްތަކާ ގުޅިގެން މިހާރު ވެސް ވަރަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވާ ފޭސްބުކްގައި ސިޔާސީ ކަންކަމާ ގުޅުން ހުރި ކޮންޓެންޓް މަދުކޮށް އެކަން ދާއިމީކުރަން ނިންމާފައިވާ ކަމަށް ބުނެފި އެވެ.

މިދިޔަ އަހަރުގެ ފަހު ކުއާޓަރުގެ އާމްދަނީގެ ރިޕޯޓާ އެކު ފޭސްބުކްގެ ވެރިޔާ މާކް ޒުކަބާގް ވިދާޅުވީ އެ ޕްލެޓްފޯމުން އޭނާ ދެކެން ބޭނުންވާ ވަރަށް ގިނަ ކޮންޓެންޓް މިހާރު ވެސް އެބަހުރި ކަމަށެވެ. އަދި އެއީ ކުންފުނީގެ އުސޫލުތަކާ އެއްގޮތަށް ހުރި ކޮންޓެންޓްތައް ކަމަށް ވިޔަސް އާންމު މަސްލަހަތަށް ބަލާ އިރު ނެތުން މާ ރަނގަޅު އެތައް ކޮންޓަންޓެއް ފޭސްބުކްގައި ހިމެނޭ ކަމަށް ވިދާޅުވި އެވެ.
"ހާއްސަކޮށް ސިޔާސީ ކަންކަމާ ގުޅުން ހުރި ކޮންޓެންޓްތައް. އަހަރެމެން މިހާރު ނިންމައިފިން ނިއުސް ފީޑްގައި ވެސް ޕޮލިޓިކަލް ކޮންޓެންޓް ވަރަށް ބޮޑަށް މަދުކުރަން،" މީގެ ކުރިން ސިޔާސީ އިޝްތިހާރުތައް މަދުކޮށްފައިވާ ޕްލެޓްފޯމާ ބެހޭ ގޮތުން ޒުކަބާގް ވިދާޅުވި އެވެ. "އަދި މިކަން ކުރާނެ އެންމެ ރަނގަޅު ގޮތްތަކަށް ކުންފުނިން އަންނަނީ މަސައްކަތް ކުރަމުން."
އޭނާ ވިދާޅުވި ގޮތުގައި މިފަދަ ފިޔަވަޅެއް އެޅި ނަމަވެސް ސިޔާސީ ގްރޫޕްތަކާއި އެ ދާއިރާގެ ޑިސްކަޝަންތައް އެފްބީން އެއްކޮށެއް ނުގެއްލޭނެ އެވެ.
"އަހަރެމެން އަބަދުވެސް ވަރަށް ބޮޑަށް އިސްކަންދޭ ކަމެއް ހިޔާލާއި ލަފަ އާއި މަޝްވަރާތައް އަޑު އެހުމަކީ. ސިޔާސީ ކަންކަމާ ހުރެ އަބަދު އަރައިރުވުންވުމަކީ ގިނަ ބަޔަކު ބޭނުންވާ ކަމެއް ވެސް ނޫން. އަދި އަހަރެމެންގެ ޕްލެޓްފޯމްގައި މި އަރައިރުން އޮންނާކަށް ވެސް ގިނަ ބަޔަކު ބޭނުމެއް ނުވޭ،" ޒުކަބާގް ވިދާޅުވި އެވެ.
އެމެރިކާގެ ކެޕިޓޮލް ހިލްގައި މިދިޔަ މަހުގެ 6 ގައި ހިންގި ހަމަނުޖެހުންތަކާ އެކު ފޭސްބުކް މެދުވެރިކޮށް އެ ހަމަނުޖެހުމަށް "ހިތްވަރު ދީފައިވާ" ކަމަށް ބުނެ ވެސް ވަރަށް ގިނަ ބައެއްގެ ފާޑުކިޔުންތައް ފޭސްބުކަށް އަމާޒުވި އެވެ. އޭގެ ތެރޭގައި ސީދާ އެ ކުންފުނީގެ މުވައްޒަފުން ވެސް ހިމެނެ އެވެ.