02 ފެބުރުއަރީ 2021 - 12:09

ދުނިޔޭގެ އެންމެ ބޮޑު ޓްރެވަލް ޕްލެޓްފޯމް، ޓްރިޕް އެޑްވައިޒާގައި ރާއްޖެ އިޝްތިހާރުކުރަން ކެމްޕޭނެއް ފަށައިފި އެވެ.
"އެސްކޭޕް ޓު މޯލްޑިވްސް: ކާމް އެވެއިޓްސް" ގެ ނަމުގައި އެމްއެމްޕީއާރުސީން ފެށި މި ކެމްޕޭނަކީ ކޮވިޑް-19ގެ ހާލަތާއެކު ވެސް ރާއްޖެއަކީ ރައްކާތެރި މަންޒިލެއްގެ ގޮތުގައި އިޝްތިހާރުކޮށް ރާއްޖެއަށް އަންނަ ޓޫރިސްޓުން އިތުރު ކުރުމަށް ފެށި ކެމްޕޭނެކެވެ. މި ކެމްޕޭން މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ކުރިއަށްދާނެ އެވެ.
ޓްރިޕް އެޑްވައިޒާ އަކީ ދުނިޔޭގެ ހުރިހާ ޓޫރިސްޓު މަންޒިލްތައް އެއްތަނަކުން ބަލައިލެވޭ ޕްލެޓްފޯމެކެވެ. މި ޕްލެޓްފޯމުން ޓޫރިސްޓު ފެސިލިޓީތަކާއި އެ ފެސިލިޓީއަށް ޒިޔާރަތް ކުރި ޓޫރިސްޓުން އެ ތަންތަން ރޭޓްކުރި ގޮތާއި އެ މީހުންގެ ކޮމެންޓުތައް ބަލައިލެވޭނެ އެވެ. އެހެންކަމުން ގިނަ ބަޔަކު ދަތުރުތައް ރޭވުމުގެ ކުރިން ޓްރިޕް އެޑްވައިޒާގައި އެންމެ ރޭޓިން ރަނގަޅު ފެސިލިޓީތައް ބަލަ އެވެ.
މި ޕްލެޓްފޯމް އެންމެ ގިނައިން ބޭނުންކުރާ އެއްބަޔަކީ ޔޫރަޕުގެ ޓޫރިސްޓުންނެވެ. އެ ސަރަހައްދުގެ ގިނަ ގައުމުތަކުން ވަނީ ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް ދަތުރުފަތުކުރުން މަނާކޮށްފަ އެވެ. ނަމަވެސް މި ކެމްޕޭނުގެ ސަބަބުން އެ ގައުމުތަކުގައި ތިބި މީހުން، ގައުމު ހުޅުވާލުމުން ރާއްޖެއަށް އައުމަށް ބޭނުންވާނެ ކަމަށް އެމްއެމްޕީއާރުސީން ބުންޏެވެ.
މި ކެމްޕޭނގައި ރާއްޖޭގައި ކުރެވޭނެ ތަޖުރިބާތަކާއި ޓޫރިސްތުންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އަޅާފައިވާ ފިޔަވަޅުތަކާ ގުޅޭ މައުލޫމާތު ވެސް ފޯރުކޮށްދޭނެ އެވެ.