"ގާބިލް" ގައި ރިތިކްގެ ފުރިހަމަ ހުނަރު
"ގާބިލް" ގައި ރިތިކްގެ ފުރިހަމަ ހުނަރު

"ގާބިލް" ގައި ރިތިކް ރޯޝަން ކުޅެފައިވާ، ލޮލަށް ނޭނގޭ މީހެއްގެ ބައި އެ ފިލްމުގެ ޓްރެއިލާ ދައްކަން ފެށުމާ އެކު ގިނަ ބަޔަކަށް ވަރަށް ކަމުދިޔަ އެވެ.

ރިތިކަކީ އަބަދުވެސް އެ ކުޅޭ ކެރެކްޓާއަކަށް ވަރަށް ބޮޑަށް ވަދެފައި ހުންނަ މީހެކެވެ. އެގޮތުން "ގާބިލް" ގައި އޭނާ އަދާކުރާ ރޯލަށް ވެސް ރިތިކް ވަނީ ވަރަށް ބޮޑަށް ތައްޔާރުވެފަ އެވެ. އެގޮތުން ލޮލަށް ނޭނގޭ މީހުންތަކެއް ކައިރީގައި ވަރަށް ގިނަ ވަގުތު ހޭދަކޮށް އެމީހުން އުޅޭ ގޮތާއި ހަރަކާތްތައް ހުންނަ ގޮތް އަދި އެމީހުންގެ ދިރިއުޅުން ރިތިކް ވަނީ ވަރަށް ރަނގަޅަށް ދަސްކޮށްފަ އެވެ.

މި ރޯލަށް ތައްޔާރުވި ގޮތާ ބެހޭ ގޮތުން ރިތިކް ބުނީ ލޯ މަރާލުމަށް ފަހު ތިމާގެ ވަށައިގެންވާ ދުނިޔެ ސިކުނޑިން ބަލަން ފެށުމުން އެމީހެއްގެ އެހެން ހިއްސުތަކުގެ މަސައްކަތް އިތުރުވެގެންދާކަން އިހްސާސް ވާނެ ކަމަށެވެ. މި ރޯލަށް ރިތިކް ތައްޔާރުވިލެއް ފުރިހަމަކަމުން، ކަނު ބަނދެފައި ގޭތެރެއަށް ދޫކޮށްލިޔަސް އެއްވެސް އެއްޗެއްގައި އަޅައިނުގަނެ ހިނގޭ ވަރު ވި އެވެ.

އަންނަ ޖެނުއަރީ 26 ގައި ރިލީޒްކުރަން ހަމަޖެހިފައިވާ "ގާބިލް"ގައި ބަތަލާގެ ރޯލު އަދާކުރަނީ ޔާމީ ގޯތަމް އެވެ. ޔާމީ ވެސް މި ފިލްމުގައި ކުޅެނީ ލޮލަށް ނޭނގޭ މީހެއްގެ ރޯލެވެ.

ފިލްމު ރިލީޒްކުރުމުގެ މާކުރިން މި ފިލްމުގެ ޑޮމެސްޓިކް އަދި އޯވަސީސް ރައިޓްސް ވަނީ 65 ކްރޯޑު (650 މިލިއަން ރުޕީސް) އަށް ވިއްކާލައިފަ އެވެ. އެހެންކަމުން ސިނަމާތަކުން އެންމެ 100 ކްރޯޑު (1000 މިލިއަން) ލިބުނަސް ފިލްމަށް ބޮޑު ކާމިޔާބެއް ލިބޭނެ އެވެ.

ސަންޖޭ ގުޕްތާ ޑައިރެކްޓްކޮށްފައިވާ "ގާބިލް" ބޮކްސް އޮފީހުގައި ކުރިމަތިލާނީ ޝާހްރުކް ޚާން ގެ "ރައީސް" އާ އެވެ. އެންމެ ފަހުން ނުކުތް ރިތިކްގެ "މޯހެންޖޯ ދަރޯ" އަށް ވީ ގޮތް "ގާބިލް" އަށް ނުވާނެކަމަށް ރިތިކްގެ ބައްޕަ އަދި ފިލްމުގެ ޕްރޮޑިއުސަރު ރާކޭޝް ރޯޝަން ބުނެފައިވެ އެވެ.

މިދިޔަ އޮގަސްޓްމަހު އަކްޝޭ ކުމާރުގެ "ރުސްތުމް" އާ ވާދަކޮށް "މޮހެންޖޯ ދަރޯ" ވަނީ ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާފަ އެވެ