މިތިބީ ކޮވިޑުގެ ތިން ވަނަ ރާޅުގައި: ޑރ. ނަޒްލާ
މިތިބީ ކޮވިޑުގެ ތިން ވަނަ ރާޅުގައި: ޑރ. ނަޒްލާ

ރާއްޖޭގައި ކޮވިޑް-19 ގެ ތިން ވަނަ ރާޅު ނަގާފައިވާ ކަމަށާއި ބަލި ޖެހޭ އަދަދު މަދުކުރަން ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ވަރަށް ބޮޑަށް ސަމާލުކަންދޭން ޖެހިފައިވާ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީގް މިއަދު ވިދާޅުވެއްޖެ އެވެ.

މިތިބީ ކޮވިޑުގެ ތިން ވަނަ ރާޅުގައި: ޑރ. ނަޒްލާ
މިތިބީ ކޮވިޑުގެ ތިން ވަނަ ރާޅުގައި: ޑރ. ނަޒްލާ

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން އެޅި ރައްކާތެރި ކަމުގެ ފިޔަވަޅުތަކަށް ގިނަ ބަޔަކު ތަބާވެ ކޮވިޑް-19 އަށް ޕޮޒިޓިވްވާ އަދަދު ދެ އަކުރުގައި ހިފެހެއްޓުމަށް ފަހު މިިދިޔަ މަހުގެ މެދެއްހާ ހިސާބުން ފެށިގެން ބަލި ޖެހޭ އަދަދު ވަނީ ވަރަށް މަތިވެފަ އެވެ.

އެޗްޕީއޭ އިން ރޭ އާއްމުކުރި 24 ގަޑިއިރުގެ ހިސާބުތަކުގައި ވަނީ 215 މީހުން ޕޮޒިޓިވްވެފަ އެވެ. މި ހަފުތާގައި ޕޮޒިޓިވްވާ ރޭޓު ކޮންމެ ދުވަހަކު ވެސް 100 އިން މަތީގައި އުޅޭއިރު، މިއީ ރާއްޖޭގެ ހާލަތު މިދިޔަ އޮގަސްޓް މަހުގެ ތެރޭގައި އެންމެ ގޯސްވި އިރު ޕޮޒިޓިވި އަދަދެވެ.

ބަލި ޖެހިގެން 184 މީހަކު އެޑްމިޓްކޮށްފައި އެބަތިއްބެވެ.

ޑރ. ނަޒްލާ ވިދާޅުވީ ބަލިޖެހޭ މީހުންގެ އަދަދު ގިނަވެ ސިއްހީ ދާއިރާއަށް އަނެއްކާވެސް ދަނީ ބުރަބޮޑުވަމުން ކަަމަށެވެ. ބަލި މީހުން ބައިތިއްބަން އިތުރު ޖާގަ ބޭނުންވާތީ ފަރުކޮޅުގެ ފެސިލިޓީގައި ބަލި މީހުން ބޭތިއްބޭނެ އިންތިޒާމް ވެސް ހަމަޖައްސަމުން އަންނަ ކަމަށް ވިދާޅުވި އެވެ. ކޭސްތައް ކޮންމެ ދުވަހަކު ގިނަވެ އެޑްމިޓްކުރަން ޖެހޭ އަދަދު އިތުރުވަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

"ދެން އަޅުގަނޑުމެން މިޖެހެނީ އަނެއްކާވެސް ހެލްތު ސިސްޓަމްގެ ސާވިސްތައް ޑައުންގްރޭޑްކުރަން،" ނަޒްލާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ރައްކާތެރި ކަމުގެ ފިޔަވަޅުތައް އަމަލު ނުކުރެވިއްޖެ ނަމަ ވަރަށް ގޯސް ހާލަތަކަށް ހިނގައިދާނެ އެވެ. އޭނާ އެދިވަޑައިގަންނަވަނީ އެޗްޕީއޭގެ އިރުޝާދުތަކާ އެއްގޮތަށް ގިނައިން އަތްދޮވުމާއި މާސްކް އެޅުމާއި ބަލިން ރައްކާތެރިވުމަށް ބަހައްޓަން ޖެހޭ ގައިދުރުކަން އަބަދުވެސް ބެހެއްޓުމަށް ސަމާލުކަން ދިނުމަށެވެ. އެއާއެކު ބަލީގެ އެއްވެސް އަލާމާތެއް ހުންނަ މީހުން އާއްމުންގެ ތެރެއަށް ނުކުމެ ނޫޅުމަށެވެ.

ރާއްޖޭގައި މިހާތަނަށް 16،000 އަށް ވުރެން ގިނަ މީހުންނަށް ކޮވިޑް ޖެހިފައިވާ އިރު މި ބަލީގައި 52 މީހަކު ވަނީ މަރުވެފަ އެވެ.