10 ފެބުރުއަރީ 2021 - 10:28

ޓޫރިޒަމް މާނަކޮށް އުޅޭ އެއްގޮތަކީ "އިންސާނުން އެކި ބޭނުންތަކުގައި އެއްތަނުން އަނެއް ތަނަށް ކުރާ ކުރު ދަތުރުތަކާ ގުޅޭގޮތުން ބޭނުން ވެދާނެ އެންމެހާ ކަންކަން ހަމަޖެހިފައި ހުންނަ ތަންތަނަށް ގޮސް ތިބޭ ތިބުމަށެވެ." މިފަދަ ދަތުރުތަކުގެ ތެރޭގައި އާންމު ގޮތެއްގައި، ތައުލީމު ހޯދުމަށާއި، ވަޒީފާ އަދާކުރުމަށާއި، ދިރިއުޅުން ބަދަލުވުމާ ގުޅިގެން ކުރާ ދަތުރުތަކެއް ނުހިމަނައެވެ.

މާކެޓިން އަކީ އަޅުގަނޑުމެން ވަރަށް ފަރިތަ ބަހެކެވެ. ޓޫރިޒަމް މާކެޓިން މާނަކުރާ އެއްގޮތަކީ، "އެކި ބޭނުންތަކުގައި އެއްތަނުން އަނެއްތަނަށް ދަތުރުކުރާ ފަރާތްތަކަށް އެންމެ އެކަށޭނަ ގޮތަށް ތައްޔާރު ކުރެވިފައި ހުންނަ ތަންތަނާއި ކަންކަމުގެ މައުލޫމާތު، ކަނޑައެޅިފައިވާ ވަކި އުސޫލަކުން ދެމެހެއްޓެނިވި ގޮތެއްގައި، ދަތުރުކުރާ ފަރާތްތަކަށް އަންގައިދީ، ކިޔައިދީ، ބުނެދީ، ހަނދާންކޮށްދީ، ދައްކުވައިދީ، ފެންނާނެގޮތް ހަދައިދިނުމުގެ ކަންކަން އަމަލީގޮތުން ކުރުމަށެވެ." މީގެ ތެރޭގައި، ދަތުރުކުރާ ފަރާތްތަކުން ބޭނުންވާ ކަންކަމާއި، ވެލިއުކުރާ ކަންކަން ހޯދާ ދެނެގަނެ އެފަދަ ކަންކަން އިޝްތިހާރު ކުރުމާއި، ވިއްކުމާއި އަދި އެ ވިއްކާ އެއްޗެއް އޭގެ އެންމެ ފުރިހަމަ ގޮތުގައި ފޯރުކޮށްދިނުން ހިމެނެއެވެ.

ފަހަކަށް އައިސް ޓޫރިޒަމް މާކެޓް ކުރުމަށް ތަފާތު އިސްތިރާޖީތައް ބޭނުންކުރެއެވެ. ހަމައެހެންމެ 'ޑެސްޓިނޭޝަން' މާކެޓް ކުރުމުގައި ބޭނުންކުރާ ތަފާތު އިސްތިރާޖީތައް ވެސް ހުރެއެވެ. ޑެސްޓިނޭޝަން މާކެޓް ކުރުމުގައި އާންމު ގޮތެއްގައި ބޭނުންކުރާ މައިގަނޑު ދެ މަސްދަރަކީ، ވާދަވެރި އެހެން މަންޒިލްތަކާ އަޅާބަލާއިރު، އެ މަންޒިލެއްގެ "ކޮމްޕެޓިޓިވް އެޑްވާންޓޭޖް" އާއި "ކޮމްޕެރަޓިވް އެޑްވާންޓޭޖް"ގެ ވާހަކަތައް ކިޔައިދިނުމެވެ. ކޮންޕެޓިޓިވް އެޑްވާންޓޭޖަކީ އެހެން ގައުމުތަކާ އަޅާކިޔާއިރު އެ މަންޒިލެއްގައި ގުދުރަތުން ލައްވާފައިވާ ފުރިހަމަ ކަމުގެ އިތުރުން، ތައާޢާރަފު ކުރެވިފައިވާ އާ ތަންތަނާއި ކަންކަން، އޭގެ އެންމެ ފުރިހަމަ ގޮތުގައި، އެ މަންޒިލެއް މާކެޓްކުރުމަށް ބޭނުންކުރުމެވެ.
މިގޮތުން "ވަން އައިލެންޑް ވަން ރިސޯޓް" ކޮންސެޕްޓަކީ ރާއްޖެ އަށް ލިބިގެންވާ މިފަދަ އެންމެ ފުރިހަމަ ކޮމްޕެޓިޓިވް އަދި ކޮމްޕެރަޓިވް އެޑްވާންޓޭޖެކެވެ. ދުނިޔޭގެ ފުރަތަމަ ކަނޑުއަޑީގެ "ވިލާ" ހުންނަނީ ރާއްޖޭގައި ކަމަށްވިޔަސް އެފަދަ ތަންތަނަކީ ވާދަވެރި ގައުމުތަކަށް އުފެއްދިދާނެ ތަންތަނެވެ. ރާއްޖެ ކަހަލަ ވަކިން ހުންނަ ރަށްތައް ލިބިގެންވާ އެހެން ގައުމުތައް ވެސް ދުނިޔޭގައި އެބަހުއްޓެވެ. ބައެއް ގައުމުތަކުގެ އައްސޭރި ފަށުގައި، ހިއްކައިގެން ރަށްތައް އުފައްދާ ގައުމުތައް ވެސް ދުނިޔޭގައި އެބަހުއްޓެވެ. އެހެނަސް އެފަދަ ތަންތާގެ އައްސޭރި ފަށާއި، ގޮނޑުދޮށާއި މޫދާއި، ފަރު، ރާއްޖެ އާއި އަޅާބަލާއިރު ތަފާތުވުމީ ރާއްޖެ އަށް ލިބިގެންވާ ކޮންޕެރަޓިވް އެޑްވާންޓޭޖެކެވެ. އެހެންކަމުން ރާއްޖެ މާކެޓް ކުރުމުގައި މިފަދަ ކަންކަމުގެ ވާހަކަ ކިޔައިދިނުން އިތުރުކުރަން ޖެހެއެވެ.
ޑެސްޓިނޭޝަނެއް މާކެޓްކުރާއިރު ބަލަންޖެހޭ އެހެން އެތައް ކަމެއް ހުރެއެވެ. އޭގެތެރޭގައި އެ މަންޒިލަކާ މެދު ޓޫރިސްޓުން ދެކޭގޮތް ދެނެގަނެ، ދެކޭގޮތް ރަނގަޅުކުރުމަށް މަސައްކަތް ކުރުން ހިމެނެއެވެ. ޑެސްޓިނޭޝަނަކީ 'ބްރޭންޑެއް' ކަމަށް ބަލައި އެ ބްރޭންޑް އިމޭޖް ރަގަޅުކުރުމަށް ކުރެވިދާނެ ކަންކަން ތަކުރާރުކޮށް ކުރުން ވަރަށް މުހިންމެވެ. މިގޮތުން އެ ޑެސްޓިނޭޝަނަކަށް ޝައުގުވެރި ކަސްޓަމަރުންތަކެއް އުފެއްދުމަށް، ޑެސްޓިނޭޝަން 'ބްރޭންޑް އިމޭޖް' އާ އެއްވަރަށް ޑެސްޓިނޭޝަން 'ބްރޭންޑް ޕާސަނަލިޓީ' ވެސް މުހިންމު ދައުރެއް އަދާކުރެއެވެ.
ޑެސްޓިނޭޝަން ބްރޭންޑް އިމޭޖްގެ ތެރޭގައި ހިމެނެނީ، އާންމު ގޮތެއްގައި އެ ޑެސްޓިނޭޝަނަކާ މެދު ޒިޔާރަތްކުރާ ޓޫރިސްޓުން ދެކޭގޮތެވެ. މިގޮތުން އުފާވެރި، ހިތްހަމަޖެހޭ، ހިތްގައިމު، އިހްސާސްތައް އެ މަންޒިލަކާ މެދު ފާޅުކުރާ ފަރާތްތައް ގިނަވުމަކީ، ތަކުރާރުކޮށް އެ މަންޒިލަކަށް ދަތުރުކުރާނެ މީހުންނާއި، އަޖުމަބެލުމަށް ނުވަތަ ތަޖުރިބާ ކޮށްލުމަށް ދަތުރުކުރާނެ ފަރާތްތައް އިތުރުވާނެ ކަމެކެވެ. އެހެންކަމުން ފަތުރުވެރިންގެ މިފަދަ އުފާވެރި އިހްސާސްތައް މާކެޓިންގެ އެކި މަރުހަލާތަކުގައި ބޭނުންކުރުމަކީ ވަރަށް މުހިންމު ކަމެކެވެ.
ބްރޭންޑް ޕާސަނަލިޓީ އަކީ، އާންމު ގޮތެއްގައި އެ މަންޒިލެއްގައި ދެވޭ ޚިދުމަތްތަކާ ގުޅިފައިވާ ކަންކަމެވެ. މިގޮތުން އެ މަންޒިލަކުން ޓޫރިސްޓުންނަށް ދެވޭ ތަފާތު އެކިއެކި ޚިދުމަތްތަކާއި، އެ ޚިދުމަތް ދޭ މީހުންގެ އޯގާތެރިކަމާއި، ހިތްހެޔޮ ކަމާއި، ސާދާ މިޒާޖާއި، އާދަކާދައިގެ ސަބަބުން ޓޫރިސްޓަށް އިހްސާސްވާ ކަންކަމަކީ ބްރޭންޑް ޕާސަނަލިޓީގެ ތެރޭގައި ހިމެނޭ ކަންކަމެވެ. މިގޮތުން ބަލާއިރު ރާއްޖެއިން މި ވަގުތު ޓޫރިސްޓަށް ފޯރުކޮށްދެވެނީ ސައްތައިން ސައްތަ ދިވެހިވަންތަ އިހްސާސެއް ނޫނެވެ. ސިނާއަތުގައި މި ވަގުތު މަސައްކަތްކުރާ މީހުންގެ ފަސްދޮޅަހަކަށް ޕަސެންޓަކީ ބޭރުމީހުން ކަމަށް ވުމުންނެވެ. ރާއްޖެ ޒިޔާރަތްކުރާ ޓޫރިސްޓުންގެ 70 ޕަސެންޓަށް ވުރެ ބޮޑުބައެއް ޒިޔާރަތްކުރަނީ ރިސޯޓްތަކަށް ކަމަށްވެފައި، އަދި ގެސްޓްހައުސްތަކުގައި ވެސް މަސައްކަތްކުރާ ގިނަ މީހުންނަކީ ރާއްޖެއިން ބޭރުގެ މީހުންނަށް ވުމީ މިކަމުގެ ގެއްލުން ނުހަނު ބޮޑުކަމެކެވެ.
މި ޒަމާނުގައި ޑެސްޓިނޭޝަން މާކެޓިންއަކީ ވަރަށް ފުޅާ ދާއިރާއެއްގައި ކުރަމުން އަންނަ ކަމަކެވެ. ވަކި ޚާއްސަ ކަންތައްތަކަކަށް ބަލައިގެން އިސްކަންދޭ ވަކި ކަންތައްތަކެއް ހާސިލް ކުރުމުގެ ބޭނުމުގައި ކުރާ ކަމެކެވެ. ކަނޑައެޅިފައިވާ ވަކި ޓާގެޓް ސެގްމެންޓަކަށް އަމާޒުކޮށް އެ ސެގްމެންޓެއްގެ ކެރެކްޓެރިސްޓިކްސް އަށް ފެތޭކަހަލަ މައުލޫމާތު، އެ ސެގްމެންޓެއްގެ ބަޔަކު އެންމެ ގިނައިން ބޭނުންކުރާ ވަސީލަތްތައް މެދުވެރިކޮށް ފޯރުކޮށްދެމުން ދިއުމަށެވެ. ކަސްޓަމައިޒް ކޮށްގެން ޑެސްޓިނޭޝަން ނުވަތަ ބްރޭންޑް މާކެޓްކޮށް، އިޝްތިހާރުކޮށް، ޕްރޮމޯޓް ކުރުމަށެވެ.
ދިރާސާތަކުން ދައްކާގޮތުން ރާއްޖެ ޒިޔާރަތްކުރާ ޓޫރިސްޓުންގެ 50 ޕަސެންޓަށްވުރެ ބޮޑުބަޔަކީ ޒުވާނުންނެވެ. އުމުރުން 35 އަހަރަށް ވުރެ ދަށު އުމުރުފުރައިގެ މީހުންނެވެ. ރާއްޖެ އަންނަ މީހުންގެ 90 ޕަސެންޓަކީ 45 އަހަރަށްވުރެ ދަށުގެ މީހުންނެވެ. އެހެންކަމުން މި އުމުރުފުރައިގެ މީހުންގެ ޝައުގުވެރިކަން އިތުރު ކުރުމަށް ނުވަތަ ހޭދަކުރާ މިންވަރު އިތުރު ކުރުމަށް، ނުވަތަ ރާއްޖޭގައި މަޑުކުރާ ދުވަހުގެ އަދަދު އިތުރު ކުރުމަށް ކުރެވެނީ ކޮންކަމެއް ހެއްޔެވެ؟ ކަމެއް ކުރެވޭނަމަ، އެކަމެއް މި އުމުރުފުރަޔަށް އަންގައި ދިނުމަށް ކުރެވެނީ ކޮންކަމެއް ހެއްޔެވެ؟
ޝައްކެއްނެތް ގޮތުގައި ޑެސްޓިނޭޝަނަކާ މެދު ގިނަބައެއްގެ ޝައުގު އުފެއްދުމަކީ ޑެސްޓިނޭޝަން މާކެޓުކުރާ ފަރާތުގެ ޒިންމާއެކެވެ. ޑެސްޓިނޭޝަންގައި އިންވެސްޓް ކޮށްގެން ތިބޭ ބްރޭންޑްތަކުގެ މަސައްކަތަކަށް ވާނީ ޑެސްޓިނޭޝަނާ މެދު ޝައުގު ވެރިވާ ފަރާތްތަކުގެ ތެރެއިން އެ ބްރޭންޑެއްގެ ހިއްސާ އިތުރު ކުރުމެވެ. މިގޮތުން ގައުމުގައި އިންވެސްޓް ކޮށްފައިވާ އެއް ބްރޭންޑް އަނެއް ބްރޭންޑާ ވާދަކުރަމުން ދާއިރު ޑެސްޓިނޭޝަން ވާދަކުރަމުން ދާނީ ވާދަވެރި ދުނިޔޭގެ އެހެން ގައުމުތަކާ އެވެ.
އެޑިޓަރުގެ ނޯޓް: ޑރ. ހާރިސް މުހަންމަދަކީ މާކެޓިން ދާއިރާއިން ލިޔުއްވަމުން ގެންދަވާ ބޭފުޅެކެވެ. އޭނާ ވަނީ ރާއްޖެ ޓޫރިޒަމް ޑެސްޓިނޭޝަނެއްގެ ގޮތުގައި މާކެޓް ކުރުމުގައި ތިން އަހަރަށް ވުރެ ގިނަ ދުވަހު އެންމެ އިސްކޮށް މަސައްކަތް ކުރައްވައިފަ އެވެ. މިހާރު މާކެޓިން ދާއިރާ އިން ޑޮކްކަރޭޓް ޑިގްރީ ހާސިލް ކުރެއްވުމުގެ އިތުރުން އޭނާ އަކީ ޗާޓަޑް އިންސްޓިޓިއުޓް އޮފް މާކެޓިން (ޔޫކޭ)ގެ ފެލޯއެކެވެ. އަދި ޗާޓަޑް މެނޭޖްމަންޓް އިންސްޓިޓިއުޓް (ޔޫކޭ)ގެ ފެލޯއެއް ވެސް މެއެކެވެ.