މެޓާގެ ރަހަ ބެލުމުގެ ވަޒީފާއެއް!
މެޓާގެ ރަހަ ބެލުމުގެ ވަޒީފާއެއް!

ކެނެޑާގެ ކުންފުންޏަކުން އުފައްދާ މެޓަ އާއި ޗޮކްލެޓްގެ ބާވަތްތައް ބާޒާރަށް ނެރުމުގެ ކުރިން އޭގެ ރަހަތައް ބަލައި ރޭޓްކޮށްދޭނެ ބަޔަކު ހޯދަން އިއުލާންކޮށްފި އެވެ.

ކޭންޑީ ފަންހައުސް ހުޅުވައިލި މި ފުރުސަތުގެ ބޭނުން ހިފަން ޝައުގުވެރިވާ މީހުންނަށް ފުލްޓައިމްކޮށާއި ޕާޓް-ޓައިމް ވަޒީފާއެއްގެ ގޮތުގައި ވެސް ކުރިމަތިލެވޭނެ އެވެ. މެޓާގެ ރަހަ ބަލައި، އެއްޗެހި ރޭޓްކޮށްދޭން ހޯދަން އިއުލާންކުރި މަގާމުތައް ކުންފުނިން ސިފަކުރަނީ "ކޭންޑިއަލޮޖިސްޓް" ގެ ގޮތުގަ އެވެ. މި ވަޒީފާގައި ގަޑިއަކަށް 30 ޑޮލަރު (462ރ.) ލިބޭނެ އެވެ. އެގޮތުން ޕާޓް-ޓައިމްކޮށް ރަހަ ބަލައިދޭ މީހުން މަސައްކަތް ކުރަން ޖެހޭނީ ހަފުތާ އަކު 15 ގަޑިއިރަށެވެ. ފުލް ޓައިމް މީހުން މަސައްކަތްކުރަން ޖެހޭނީ ހަމަ އެއް އަގަކަށް ހަފުތާ އަކު 40 ގަޑިއިރަށެވެ. އަދި ރިމޯޓްކޮށް މަސައްކަތްކުރެވޭނެ އެވެ.

ކޭންޑީ ފަންހައުސް އިން ބުނި ގޮތުގައި "ކޭންޑިއަލޮޖިސްޓް" ގެ މަގާމަށް ކުރިމަތިލާ މީހުންގެ މައިގަނޑު ޝަރުތަކީ ފޮނިއެއްޗިއްސަށް ޝައުގުވެރިވާ މީހަކަށްވުމެވެ.

"އަހަރެމެންގެ އުފެއްދުންތަކުގެ ރަހަތައް ވަރަށް އޮނެސްޓްކޮށް ރޭޓްކޮށްދޭނެ ބަޔަކު މި ހޯދަނީ. އެހެންވީމަ މިއީ ކޭންޑީ ކަހަލަ ފޮނި އެއްޗިއްސަށް ލޯބިކުރާ މީހުންނަށް އާމްދަނީއެއް ހޯދަން ވެސް ވަރަށް ރަނގަޅު ފުރުސަތަކަށް ވާނެ." ކުންފުނިން ބުންޏެވެ.

ކޭންޑީ ފަންހައުސް އިން ބުނި ގޮތުގައި ކުންފުނިން އަލަށް ބާޒާރަށް ނެރެން ތައްޔާރަށް ހުރި މެޓާގެ ވައްތަރުތައް 3،000 އަށް އަރަ އެވެ.

އެ ކުންފުނިން ބުނީ އާންމުންގެ ބަޔަކު ރޭޓްކޮށްދީގެން ބޭނުން ވަނީ އެންމެ މަގުބޫލު ރަހަ ކޭންޑީ ފަންހައުސްގެ ފުރަތަމަ ބްރޭންޑްގެ ގޮތުގައި ބާޒާރަށް ނެރުމަށެވެ.