ވެކްސިނާ މެދު ބިރުވެރިކަން އުފެދޭގޮތަށް މައުލޫމާތު ނުފަތުރަން ބްރޯޑްކޮމް އިން އިލްތިމާސްކޮށްފި
ވެކްސިނާ މެދު ބިރުވެރިކަން އުފެދޭގޮތަށް މައުލޫމާތު ނުފަތުރަން ބްރޯޑްކޮމް އިން އިލްތިމާސްކޮށްފި

ކޮވިޑް ވެކްސިން ޖަހަން ފެށުމާ ގުޅޭގޮތުން އާއްމުންގެ މެދުގައި ހާސްކަމާއި ނުތަނަވަސްކަން އުފެދޭގޮތަށް މައުލޫމާތު ނުފަތުރައި ޒިންމާދާރު ނޫސްވެރިކަން ކުރިއަށް ނެރުމަށް މޯލްޑިވްސް ބްރޯޑްކާސްޓިކް ކޮމިޝަން (ބްރޯޑްކޮމް) އިން ރޭ އިލްތިމާސްކޮށްފި އެވެ.

ރާއްޖޭގައި ވެސް ހަލުއިކަމާއެކު ފެތުރެމުންދާ ބަލިން ރައްކާތެރިވުމަށް އިއްޔެ ވަނީ "ކޮވިޝީލްޑް" ވެކްސިން ޖަހަން ފަށައިފަ އެވެ. އެއާއެކު، އެ ވެކްސިންގެ ރައްކާތެރިކަމާ މެދު ބައެއް މީހުން ސުވާލު އުފައްދައި ސާބިތު ނުހިފޭ ބޮޑެތި ތުހުމަތުތައް އަންނަނީ ކުރަމުންނެވެ.

އެކަމާ ގުޅިގެން، ބްރޯޑްކޮމް އިން ނެރުނު ސާކިއުލާއެއްގައި ބުނީ ބްރޯޑްކާސްޓަރުން ގެނެސްދޭ ކޮވިޑް ވެކްސިންގެ ހަބަރާއި މައުލޫމާތު ވަރަށް ގާތުން މޮނިޓާކުރާނެ ކަމަށެވެ. އަދި އެ ގޮތަށް މޮނީޓާކުރާއިރު ސުލޫކީ މިންގަނޑާ ހިލާފަށް ބްރޯޑްކާސްޓްކުރާ ނަމަ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ވެސް ދީފައި ވެ އެވެ.

އޭގެ އިތުރުން ވެކްސިނާ ބެހޭ މައުލޫމާތު ގެނެސްދިނުމުގައި ސަމާލުކަންދޭންވީ ބައެއް ކަންކަން ހިމަނާފައި ވެ އެވެ. އޭގެ ތެރޭގައި، ކަމާބެހޭ އިދާރާތަކުން ސައްހަކަން ކަށަވަރުކުރުމަށް ފަހު މައުލޫމާތު ގެނެސްދިނުމާއި އެ ފަދަ މައުލޫމާތުތައް ސިއްހީ ދާއިިިރާގެ މާހިރުންނާއި ފަންނީ ބޭފުޅުންގެ ބައިވެރިވުމާއި ލަފާގެ މަތިން ގެނެސްދިނުމަށް އެދިފައިވެ އެވެ.

"ކޮވިޑް-19 ވެކްސިންއާ ގުޅޭ މައުލޫމާތުތައް ވީހާ ވެސް އަވަހަކަށް، ފަސޭހަކަމާއި ހަމަހަމަކަމާއެކު ހުރިހާ ބްރޯޑްކާސްޓަރުންނަށް ފޯރުކޮށްދިނުމަށް މި ފުރުސަތުގައި ކަމާބެހޭ އިދާރާތަކަށް ވެސް އިލްތިމާސްކުރަމެވެ،" ސާކިއުލާގައި ބުންޏެވެ.