ޓްރާންސްފާގެ ފަހު ދުވަހު ލިވަޕޫލަށް ދެ ޑިފެންޑަރުން
ޓްރާންސްފާގެ ފަހު ދުވަހު ލިވަޕޫލަށް ދެ ޑިފެންޑަރުން

ލިވަޕޫލް (ފެބްރުއަރީ 2) - ފިނި މޫސުމުގެ ޓްރާންސްފާ މާކެޓްގެ ފަހު ދުވަހު އިނގިރޭސި ޗެމްޕިއަން ލިވަޕޫލުން ދެ ޑިފެންޑަރުން ގެނެސްފި އެވެ.

ލިވަޕޫލުން ގެނައީ އިނގިރޭސި ދެ ވަނަ ޑިވިޝަނުގެ ޕްރެސްޓަން އަށް ކުޅެމުން އަންނަ 25 އަހަރުގެ ބެން ޑޭވިސް އާއި ޖަރުމަނުގެ ޝާލްކާ އަށް ކުޅެމުން އައި ތުރުކީގެ ޒުވާން ޑިފެންޑަރު އޮޒާން ކަބަކް އެވެ. ޑޭވިސް ގެނައީ ދެ މިލިއަން ޕައުންޑް ދީފަ އެވެ. މި ސީޒަނުގެ ނިޔަލަށް ލޯން އެއްބަަސްވުމެއްގެ ދަށުން އުމުރުން 20 އަހަރުގެ ކަބަކް ގެނައީ އެއް މިލިއަންގެ ލޯން ފީ އެއް ދެއްކުމުގެ އިތުރުން ލިވަޕޫލުން ބޭނުންނަމަ މި ސީޒަނަށް ފަހު 18 މިލިއަން ޕައުންޑް ދީފައި އެއްބަސްވުން ދާއިމީ ކުރެވޭ ގޮތަށެވެ.

މި ސީޒަނުގައި ލިވަޕޫލަށް އަނިޔާގެ ގިނަ މައްސަލަތަކެއް އަންނަނީ ކުރިމަތިވަމުންނެވެ. އެ ގޮތުން މިދިޔަ ސީޒަންތަކުގައި ގަވާއިދުން ލިވަޕޫލްގެ ފުރަތަމަ އެގާރައިގައި ކުޅެމުން އައި ދެ ޑިފެންޑަރުން ކަމަށްވާ ވާޖިލް ވެން ޑައިކާއި ޖޯ ގޯމޭޒް ވަނީ ކަކުލުގެ ސީރިއަސް އަނިޔާއެއް ލިބުމުގެ ސަބަބުން ކުޅުމާ ދުރަށްދާން ޖެހިފަ އެވެ. އެ ދެ ކުޅުންތެރިންނަށް މި ސީޒަނުގައި އެނބުރި ކުޅުމަށް އާދެވޭނެ ކަމުގެ ޔަގީންކަމެއް ނެތެވެ. އަދި މިދިޔަ ހަފްތާގައި ލިވަޕޫލްގެ ތިން ވަނަ ޑިފެންޑަރު ޖޮއެލް މަޓިޕްގެ ކުޑަހުޅަށް ލިބުނު އަނިޔާގެ ސަބަބުން އޭނާ އަށް ވެސް ވަނީ ސީޒަން ނިމިފަ އެވެ.

ލިވަޕޫލުން މި ވަގުތު އަންނަނީ އެ ޓީމުގެ ދެ މިޑްފީލްޑަރުން ކަމަށްވާ ޖޯޑަން ހެންޑަސަން އާއި ފަބީނިއޯ ޑިފެންޑަރުންގެ ގޮތުގައި ބޭނުންކުރަމުންނެވެ. މީގެ ތެރެއިން ފަބީނިއޯ މި ވަގުތު ހުރީ ކޮންމެވެސް ވަރެއްގެ އަނިޔާއެއްގަ އެވެ. ލިވަޕޫލުން ޑިފެންޑަރުން ގެންނަން މި ނިންމީ އެ ޓީމުގެ ކޯޗު ޔާގެން ކްލޮޕް ތަކުރާރުކޮށް ޑިފެންސަށް ކުރިމަތިވާ މައްސަލަތަކާ ބެހޭގޮތުން ވާހަކަ ދައްކަމުން ދިޔަ ދަނޑިވަޅެއްގަ އެވެ.

ޓްރާންސްފާ ފަހު ދުވަހުގެ އެހެން ހަބަރުތަކަށް ބަލާއިރު، އާސެނަލްގެ ޝޮކްޑްރަން މުސްތާފީ ވަނީ ޝާލްކާ އަށް ބަދަލުވެފަ އެވެ. ލިވަޕޫލްގެ ޓަކޫމީ މިނަމީނޯ ލޯން އެއްބަސްވުމެއްގެ ދަށުން ސައުތެމްޓަންއާ ގުޅުނުއިރު، ޔުވެންޓަސްގެ މިޑްފީލްޑަރު ސެމީ ކެޑީރާ ވަނީ ޖަރުމަނުގެ ހާތާ ބާލިން އަށް ބަދަލުވެފަ އެވެ. ބޯންމައުތުގެ ފޯވާޑް ޖޯޝް ކިންގް އެވަޓަން އަށް ސޮއިކުރިއިރު، ވެސްޓް ބްރޮމް އިން ވަނީ އާސެނަލްގެ މެއިޓްލަންޑް-ނައިލްސް އާއި ސެލްޓާގެ އޯކޭ ޔުކުސްލޫ ގެނެސްފަ އެވެ. މީގެ ކުރިން އާސެނަލުން ވަނީ ލޯން އެއްބަަސްވުމެއްގެ ދަށުން ރެއާލް މެޑްރިޑްގެ ނޯވޭ ތަރި މާޓިން އޮޑެގާޑްގެ ސޮއި ހޯދައިފަ އެވެ.