އުފާކުރަންވީ ވަގުތު، ދޮގު ފަތުރަންވީ ވަގުތެއް ނޫން
އުފާކުރަންވީ ވަގުތު، ދޮގު ފަތުރަންވީ ވަގުތެއް ނޫން

ރާއްޖޭގައި ކޮވިޑް-19 އަށް ވެކްސިން ޖަހަން ފެށީމާ އެންމެންހެން ހަމަޖެހުމުގެ ނޭވައެއް ލާނެއޭ ހީކުރުން ކުށަކަށް ވެދާނެއޭ ވިސްނޭނީ ކިހިނެއް ހެއްޔެވެ؟ އިއްޔެ ވެކްސިން ޖަހަން ފެށި އިރު 16،000 މީހުންނަށް މި ބަލި ޖެހި 52 މީހުން މަރުވެއްޖެ އެވެ. ކޮވިޑްގެ މަޖުބޫރީ ބޮޑު ބަންދާ އެކު އެތައް ބައެއްގެ ދިރިއުޅުން ފުނޑިއްޖެ އެވެ. ގައުމުގެ އިގްތިސޯދު އަނދަވަޅަކަށް ވެއްޓިއްޖެ އެވެ. ނިކަމެތި އަދި ދަތިއުނދަގޫ މި ހާލަތުން އަރައިގަތުމުގެ އެންމެ ބޮޑު އުއްމީދަކީ ވެކްސިނެވެ. އެ އިންތިޒާރު ދިވެހިންނަށް އެންމެ ފަހުން ހަގީގަތަކަށް ވާން ފެށީ އެވެ. އެކަމަކު ވެސް މަޖުބޫރު މި ވީ ސިޔާސީ ބޮޑެތި އޮޅުވާލުންތަކެއްގެ ހިޔަނި އެ އުފާވެރިކަމަށް އެޅިގެން ދިޔަ ގޮތާ މެދު ހިތާމަކުރާށެވެ.

އުފާކުރަންވީ ވަގުތު، ދޮގު ފަތުރަންވީ ވަގުތެއް ނޫން
އުފާކުރަންވީ ވަގުތު، ދޮގު ފަތުރަންވީ ވަގުތެއް ނޫން

މީހުން ވެކްސިން ޖަހަން ފަސް ޖެހުމަކީ އާ ކަމެއް ނޫނެވެ. ވެކްސިން ޖެހުމާ ދިމާ އިދިކޮޅު އަދި ވެކްސިނާ ދެކޮޅަށް އަޑުއުފުލާ މީހުން ވެސް ދުނިޔޭގައި އެބަ އުޅެ އެވެ. ދިވެހިން ވެސް ހިމެނޭ ގޮތަށެވެ. ވެކްސިނެއް ރައްކާތެރިތޯ ދެނެގަންނަން ސުވާލުކުރުމަކީ ނުލަފާ ކަމެއް ވެސް ނޫނެވެ. ވެކްސިންތަކާ ބެހޭ ގޮތުން މައުލޫމާތު ހޯދައި ކަންކަން ރަނގަޅަށް އޮޅުންފިލުވުމަކީ ކުރުން މުހިއްމު ވެސް ކަމެކެވެ. ނަމަވެސް ކޮވިޑް ވެކްސިނާ އެކު ރާއްޖޭގައި ރޯވެގެން މި އުޅޭ އަލިފާންގަނޑަކީ މި ކަންކަމާ މުޅިން ތަފާތު މައްސަލައެކެވެ. ވަކި ގައުމެއްގައި ހުރި ފެކްޓްރީއެއްގައި ބަންދުކުރީތީ އެ ވެކްސިނާ ދެކޮޅުހެދުމެވެ. އެ ގައުމުން ހަދިޔާކުރީތީ، އެއީ ނުރައްކާތެރި ވެކްސިނެއް ކަމަށް އާއްމުންނަށް ވިސްނައިދިނުމެވެ.

އެ ބޭނުމުގައި، ވެކްސިން ޖަހަން ފެށި ތަން ބަލާފައި ވެސް އެރުވީ އިތުރު އަޑުތަކެކެވެ. ހަދަހަދައިގެން ވާހަކަތަކެއް ފެތުރީ އެވެ.

ޕީޕީއެމް/ޕީއެންސީ ތަމްސީލްކުރާ އެކި ފެންވަރުގެ މީހުން ކޮވިޝީލްޑާ ދޭތެރޭ އުފައްދާ ސުވާލުތަކާއި ފަތުރާ ވަހުމްތަކާއި ބުހުތާނުތަކުން އާއްމުންނަށް ކުރާނެ ފައިދާއެއް ނެތެވެ. އޮތީ ގެއްލުމެވެ. އިދިކޮޅު ޕާޓީއެއްގެ ޒިންމާ އަދާކުރަނީއޭ ބުންޏަސް ހަގީގަތުގައި އެއަކުން ސަރުކާރު ޒިންމާދާރުކުރުމެއް ނުވަތަ ޖަވާބުދާރީކުރުމެއް ހާސިލެއް ނުވެ އެވެ. އެއިން ފެންނަނީ ސިޔާސީ މަންފާއެއް ނެގުމުގެ މަގްސަދެވެ. އެކަމަކު އެ މަންފާ ނަގަން އެ އުޅެނީ އާއްމު ސިއްހަތު ހިމެނޭ ގޮތުން ރައްޔިތުންގެ އަސާސީ އެތައް މަސްލަހަތެއް ނަގާލައިފަ އެވެ. އެއިން ނުކުންނާނެ ހަމައެކަނި ނަތީޖާއަކީ އެ ދެ ޕާޓީގެ ސަޕޯޓަރުންނާއި އެ ނޫން ވެސް ބައެއް އާއްމުންގެ ހިތުގައި ޝައްކާއި ބިރުވެރިކަން އުފެދި ވެކްސިން ޖަހަން އިންކާރުކުރުމެވެ.

ރާއްޖެ އަށް ގެނައި ފުރަތަމަ ވެކްސިނަކީ ކޮވިޝީލްޑެވެ. އޭގެ 100،000 ޑޯޒު އެބަ ހުއްޓެވެ. އެއީ 50،000 މީހުންނަށް ވާ ވަރު ވެކްސިނެވެ. ސިއްހީ އަދި އިޖުތިމާއީ ހިދުމަތުގެ އިސް ސަފުގައި އުޅޭ މީހުންނަށް ޖަހައި ނިމުނީމާ އުމުރުން 50 އަހަރުން މަތީގެ މީހުންނަށާއި ބޮޑެތި ބަލިތައް ހުންނަ މީހުންނަށް ވެކްސިން ދޭން ބަލާ އިރު ވެކްސިން ޖަހަން ބޭނުންވާ މީހުން މަދުވެއްޖެ ނަމަ ހިތާމަކުރަން ޖެހޭނެ އެވެ. ކޮވިޑްގެ ސަބަބުން ހާލު ދެރަވުމުގެ ފުރުސަތު ބޮޑު ބަޔަކު، ލިބެން އޮތް ރައްކާތެރިކަމުން މަހުރޫމްވެގެންދާނެތީ އެވެ. ބަލި ފެތުރުމުގެ ނުރައްކާ ބޮޑުވާނެތީ އެވެ.

ރާއްޖޭގައި ކޮވިޑް ކޭސްތައް އަނެއްކާވެސް ސަތޭކައިން، ދުއިސައްތައިން މައްޗަށް އަރަމުންދާ އިރު ވެކްސިން ލިބެން އޮވެ، ބޭނުން ނުކޮށް ހޭދަކުރާ ކޮންމެ ދުވަހަކީ އެތައް ބަޔަކު ބައްޔަށް ހުށަހެޅެން ލިބޭ ފުރުސަތެކެވެ. ފުރަތަމަ ވެކްސިން ޖަހަން ލިސްޓުގައި ހިމެނޭ ގިނަ ބަޔަކު ވެކްސިން ޖަހަން އިންކާރުކުރާ ހާލަތު ނާންނާނެއެކޭ ބުނެވޭކަށް ނެތެވެ. ކޮވިޝީލްޑާ ދޭތެރޭ ޝައްކު އުފައްދައި ރެ އާއި ދުވާލު މި ފަތުރަމުން ގެންދާ ވާހަކަތަކުގެ އަސަރު ފޯރާނެތީ އެވެ.

ކޮވިޝީލްޑާ ދެކޮޅު ހަދަން ޖެހޭ ސާބިތު ސަބަބެއް މިހާތަނަކަށް ނެތެވެ. އެއީ ރައްކާތެރި ނޫން ވެކްސިނެއް ކަމުގެ ހެއްކެއް ވެސް އަދި ނުފެނެ އެވެ. ވެކްސިން ތައްޔާރުކުރި އޮކްސްފަޑް ޔުނިވާސިޓީ އާއި އެސްޓްރަޒެނެކާ އަށް އޮތް އިތުބާރެކޭ އެއްގޮތަށް ވެކްސިން އުފެއްދި ސީރަމް އިންސްޓިޓިއުޓް އޮފް އިންޑާއަކީ ޑަބްލިޔުއެޗްއޯ ވެސް ހިމެނޭ ގޮތުން މުޅި ދުނިޔެ ގަބޫލުކުރާ ކުންފުންޏެކެވެ. އެއީ މުޅި ދުނިޔެ އިން ބޭނުންކުރާ އެކި ރތެއްވެކްސިން އެންމެ ގިނައިން އުފައްދާ ކުންފުންޏެވެ. ދެން އޮތީ ކޮވިޝީލްޑަށް ޑަބްލިޔުއެޗްއޯގެ ހުއްދައެއް ނެތޭ ބުނާ ވާހަކަ އެވެ. ފުރަތަމަ ކަމަކަށް، ޑަބްލިޔުއެޗްއޯގެ ހުއްދަ އޮންނާކަށް މަޖުބޫރެއް ނޫނެވެ. ދެވަނަ ކަމަކީ، ޑަބްލިޔުއެޗްއޯ އިން ކޮވިޝީލްޑާ ދޭތެރޭ މިހާތަނަށް ގޮތެއް ނުނިމި އޮތީ އެއީ ނުރަނގަޅު ނުވަތަ ނުރައްކާތެރި ވެކްސިނަކަށް ވާތީއެއް ނޫނެވެ. ޑަބްލިޔުއެޗްއޯގެ ނިންމުންތަކަށް ވަގުތު ނަގާތީ އެވެ.

އެއްވެސް ހިފެހެއްޓުމެއް ނެތި ބަލިމަޑުކަމެއް ފެތުރެމުންދާ އިރު، ވަގުތަކީ އަގުހުރި އެއްޗެކެވެ. ރާއްޖެއަކީ ޑަބްލިޔުއެޗްއޯ އިން އާނއެކޭ ބުނަންދެން ބަލަހައްޓައިގެން ނުތިބެ ކޮވިޑް ވެކްސިނެއް ޖަހަން ފެށި ހަމައެކަނި ގައުމެއް ނޫނެވެ. މިހާތަނަށް މަދުވެގެން 11 ކޮވިޑް ވެކްސިނަކަށް އެތައް ގައުމަކުން ހުއްދަދީފައިވާ އިރު ޑަބްލިޔުއެޗްއޯ އިން ރަނގަޅު ކަމަށް (އިމަޖެންސީ ބޭނުމަށް ޖަހަން) އަދި ނިންމާފައި އޮތީ އެންމެ ވެކްސިނެކެވެ.

ބަންގްލަދޭޝް އާއި ދެކުނު އެފްރިކާ ވެސް ހިމެނޭ ގޮތަށް މަދުވެގެން އަށް ގައުމަކުން ކޮވިޝީލްޑަށް މިހާތަނަށް ހުއްދަ ދީފި އެވެ. ޔޫރަޕްގައި އުފައްދާ އޮކްސްފަޑް-އެސްޓްރަޒެނެކާ ވެކްސިނަށް މަދުވެގެން 43 ގައުމަކުން ހުއްދަދީފި އެވެ. މިއީ ބަލި ކޮންޓްރޯލްކުރަން ޖެހިފައިވާލެއް ބޮޑުކަމުން، އިމަޖެންސީ ބޭނުމަށް، ކަނޑައެޅޭ ވަކި ހާލަތެއްގައި ވެކްސިން ޖަހަން ދީފައިވާ ހުއްދަތަކެވެ. ފައިޒާގެ ވެކްސިނަށް ވެސް ލިބިފައި އޮތީ ހަމަ މި ޝަރުތުގެ ހުއްދައެކެވެ.

ސީރަމް އިންސްޓިޓިއުޓްގެ އެތައް ވެކްސިނެއް މީގެ ކުރިން ވެސް އެތައް ދިވެހިންގެ ގަޔަށް ޖަހައިފި އެވެ. އިންޑިއާގައި އުފައްދާ އެތައް ބޭހެއް ދިވެހިން ކައިފި އެވެ. ދަނީ ކަމުންނެވެ. މިއީ އެތައް ޒަމާނަކަށް ކަން ހިނގަމުން އައިސްފައިވާ ގޮތެވެ. މިހާރު އައިސްގެން އުޅޭ ހަމައެކަނި ބަދަލަކީ މިހާރު އޮތް ސަރުކާރާއި ވެރިކަންކުރާ އެމްޑީޕީން އިންޑިއާއާ މާ ގާތް ގުޅުމެއް ބޭއްވުމާއި އެއީ އިދިކޮޅު ފަރާތްތައް ނުރުހޭ ގުޅުމަކަށް ވުމެވެ. އާއްމުންގެ ވެސް ހުރިހާ އެންމެންނަކަށް އެ ގުޅުމުގެ ގަދަ ބަދަހިކަން ބަލައެއް ނުގަނެވެ އެވެ. އެކަމަކު އަމިއްލަ އެދުމެއް ނެތި ހަމަ ބުއްދިން ވިސްނާ ކޮންމެ މީހަކު ވެސް، ރޮނގު ދަމާލަން ޖެހޭ ހިސާބު އެބަ ގަބޫލުކުރެ އެވެ. ބަލިމަޑުކަމަކުން އަރައިގަންނަން ލިބިފައި ހުރި ވެކްސިނަކީ އެ ހިސާބެވެ. ދެރައީ އެ އިން ފަހަނަޅައިދިޔުން ސިޔާސީ އިދިކޮޅު ފަރާތްތަކަށް ވަރިހަމަވީމަ އެވެ.

ދިވެހި ޑޮކްޓަރުންނާއި ނަރުހުން ހިމެނޭ ގޮތުން އިއްޔެ އެތައް ބަޔަކު ކޮވިޝީލްޑް އެ ޖެހީ އެ ވެކްސިނަށާއި ރާއްޖޭގެ ސިއްހީ ދާއިރާ އިން އެ ވެކްސިނަށް ދިން ހުއްދަ އަށް އިތުބާރުކުރާކަން ހާމަކޮށްދެމުންނެވެ. ބަލީގެ ނުރައްކަލަށް ހުށަހެޅި ތިބެގެން އަހަރެމެން ސަލާމަތްކުރުމުގައި ވަރުބަލިވެ އަވަދިވަމުންދާ ހިދުމަތްތެރިންނަށް، ފުރަތަމަ ޑޯޒާ އެކު ރައްކާތެރިކަމުގެ ދަތުރު އެ ފަށައިގަނެވުނީ އެވެ. މިއީ އެކަމާ އުފާކުރަންވީ ވަގުތެވެ. ފަހަރުގައި އެއް ބަޔަކަށް އެ ގޮތަށް އިހުސާސް ނުކުރެވެނީ އެވެ. އެހެން ވިޔަސް، އެ މީހުން އެ ޖެހި ވެކްސިނާ ބެހޭ ގޮތުން ސާބިތު ނުހިފޭ ދޮގު ވާހަކަ ނުފަތުރާ ތިބުން ރަނގަޅުވާނެ އެވެ.

މި ފެންނަނީ ސިޔާސީ ގޮތުން ޒިންމާދާރުވުމެއް ނޫނެވެ. ގަސްތުގައި ރައްޔިތުންނަށް ދެރަ ދިނުމެވެ.