ކޮވިޑް ކޭސްތައް މިއަދު 200 އިން މަތީގައި!
ކޮވިޑް ކޭސްތައް މިއަދު 200 އިން މަތީގައި!

ރާއްޖޭގައި ކޮވިޑް-19 އަށް ދުވާލަކު ޕޮޒިޓިވްވި މީހުންގެ އަދަދު މިއަދު 200 އިން މައްޗަށް ހިނގައްޖެ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ އާއްމުކުރި ހިސާބުތައް ދައްކާ ގޮތުން އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް ރާއްޖޭން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދަކީ 215 އެވެ. އޭގެ ތެރެއިން 159 މީހުންނަކީ މާލެ ސަރަހައްދުގައި ތިބި މީހުންނެވެ. ރިސޯޓްތަކުގެ ގޮތުގައި ތަރައްގީކުރަމުން އަންނަ ރަށްތަކުގައި ތިބި 27 މީހަކާއި ރިސޯޓްތަކުގައި ތިބި 20 މީހުން ވެސް ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެ އެވެ. މީހުން އުޅޭ ރަށްތަކުން އެ ބައްޔަށް ޕޮޒިޓިވްވީ އަށް މީހުންނެވެ.

ރާއްޖޭގައި މިދިޔަ އޮގަސްޓް މަހު ކޮވިޑް ކޭސްތަކުގެ އަދަދު އެންމެ މައްޗަށް ދިއުމަށް ފަހު އަދަދު މަދުވާން ފެށި ފަހުން، ދުވާލަކު ފެންނަ ކޮވިޑް ކޭސްތަކުގެ އަދަދު 200 އިން މައްޗަށް ގޮސްފައި ވަނީ ވަރަށް މަދު ފަހަރަކު އެވެ.

މިދިޔަ 24 ގަޑިއިރުގެ ތެރޭގައި ކޮވިޑަށްް ޕޮޒިޓިވްވި މީހުންނާ އެކު ރާއްޖޭން އެބަލި ޖެހުުނު މީހުންގެ އަދަދަކީ މިހާރު 16،056 އެވެ. އެބަލީގައި މަރުވި މީހުންގެ އަދަދަކީ 52 އެވެ. ރާއްޖޭގައި ކޮވިޑްގެ އެކްޓިވް ކޭސްތަކުގެ އަދަދަކީ މިހާރު 1,814 އެވެ. އަދި އެބައްޔަށް ފަރުވާކުރަން ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްފައިވާ މީހުންގެ އަދަދަކީ 184 އެވެ.

ކޮވިޑްގެ ކޭސްތައް ރާއްޖޭގައި ގިނަވެފައި ވާއިރު އެ ބަލިން ދިފާއުވުމަށް، ވެކްސިން ދިނުމުގެ މަސައްކަތް މިއަދު ވަނީ ފަަށައިފަ އެވެ.