ވެކްސިނުން މިކަން ނިމޭނީ ކޮން އިރަކުން؟
ވެކްސިނުން މިކަން ނިމޭނީ ކޮން އިރަކުން؟

ކޮވިޑް ވެކްސިން ޖަހަން ފެށުމުން މި ހުރިހާ ބަންދުތަކާއި ކަރަންޓީނުތައް ފިލާނެ ހެއްޔެވެ؟ ކުރިން އުޅުނު ގޮތަށް އުޅެން ފެށޭނީ ކޮން އިރަކުން ހެއްޔެވެ؟ ވެކްސިނުގެ ނަތީޖާ ފެންނަން ފަށާނީ ކިހާ ހިސާބަކުން ހެއްޔެވެ؟

ހުވަފެނީ ތަސައްވުރެއް 2020 އަށް ގެންގުޅުނަސް ލަފާ ވެސް ކުރެވިފައި ނެތް ބަލިމަޑުކަމެއްގައި މުޅި އަހަރު ހޭދަކުރަން ޖެހުމުން މި އަހަރު ވެކްސިނާ އެކު މި ސުވާލުތައް ކޮންމެ މީހަކު ވެސް ކުރާނެ އެވެ. ގައިންގަޔަށް އަރާ ބަލިތަކުގެ ތަޖުރިބާކާރުން މި ސުވާލުތަކަށް ދެނީ މައިގަނޑު އެއް ޖަވާބެކެވެ؛ ހަޑް އިމިއުނިޓީ އެވެ.

ގައިންގަޔަށް އަރާ އެހެން ބަލިތައް ފަދައިން ކޮވިޑްގެ ނުރައްކާ ވެސް ނެތިގެން ދާނީ މި ބަލިން ދިފާއުވުމުގެ ބާރު އެ ތަނެއްގައި އުޅޭ ގިނަ މީހުންގެ ހަށިގަނޑުގައި އުފެދުމުންނެވެ. ވެކްސިން ދެނީ މި ބޭނުމަށެވެ. އެހެންވެ ވެކްސިނާ އެކު މި ކުރެވޭ ހުރިހާ އުންމީދެއް ގުޅިފައިވަނީ ވެކްސިނުން ހަޑް އިމިއުނިޓީ ހޯދޭނެ މުއްދަތުގެ މައްޗަށެވެ.

ވަރަށް ގިނަ ސައިންސްވެރިން ގަބޫލުކުރައްވާ ގޮތުގައި ބައްޔެއްގެ ހަޑް އިމިއުނިޓީ ލިބޭނީ އެ ތަނެއްގައި އުޅޭ މީހުންގެ 60-70 ޕަސެންޓް މީހުން އިމިއުން ވެގެންނެވެ. މާނަ އަކީ އެންމެ މަދުވެގެން އާބާދީގެ މި ނިސްބަތަށް ކޮވިޑް ވެކްސިން ދޭން ޖެހުމެވެ. ވެކްސިނާ ނުލައި، އެތައް ބަޔަކަށް ބަލި ޖެހިގެން ހަޑް އިމިއުނިޓީ ހޯދަން އުޅުމަކީ އެތައް ބައެއްގެ ފުރާނަ ނުރައްކަލަށް ހުށަހެޅުމެވެ.

ކޮވިޑް ވެކްސިން ރާއްޖޭގައި ދޭން ފެށުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވި ގޮތުގައި ރާއްޖޭން މަސައްކަތްކުރަނީ ރާއްޖޭގައި އުޅޭ އެންމެންނަށް ހަ މަސް ދުވަހުގެ ތެރޭގައި ވެކްސިން ދީ ނިންމުމަށެވެ. އަދި އެންމެންނަށް ބޭނުންވާ ވަރަށް ވެކްސިން ލިބޭނެ ކަމުގެ ޔަގީންކަން ވަނީ ދެއްވައިފަ އެވެ.

ރާއްޖެއަށް މިހާރު ލިބިފައި ހުރި 100،000 ޑޯޒްގެ ކޮވިޝީލްޑް ވެކްސިނުން ބައި ލައްކަ މީހުންނަށް ވެކްސިން ފުރިހަމަކުރެވޭނެ އެވެ. މިއީ ފުރަތަމަ ޑޯޒް ދޭތާ 4-12 ހަފުތާ ފަހުން ދެ ވަނަ ޑޯޒް ދޭން ޖެހޭ ވެކްސިނެކެވެ.

ހެލްތު މިނިސްޓަރު އަހްމަދު ނަސީމް ވިދާޅުވި ގޮތުގައި ރާއްޖޭގެ އެންމެންނަށް ވާ ވަރަށް ދެ މަހެއްހާ ދުވަސް ތެރޭ ވެކްސިން ލިބޭނެ އެވެ. އެއީ ކޮވެކްސް ފެސިލިޓީގެ ދަށުން ޑަބްލިޔުއެޗްއޯ އިން ރާއްޖެއަށް ދޭ ވެކްސިނާއި ރާއްޖޭން ގަންނަ 700،000 ޑޯޒް ވެކްސިނެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި އާންމުކޮށް ވެކްސިން ދޭން ފެށުމުން ކޮންމެ ދުވަހަކު 10،000 މީހުންނަށް ވެކްސިން ދިނުމަކީ ކަނޑައަޅާފައިވާ އަމާޒެވެ. އެހެން ކަމަށްވާ ނަމަ އާބާދީ އަކީ 500،000 ކަމަށް ބެލި ކަމުގައި ވިޔަސް 60-70 ޕަސެންޓް ކަމަށްވާ 300،000-350،000 މީހުންނަށް ދޮޅު މަހެއްހާ ދުވަހުގެ ތެރޭ ފުރަތަމަ ޑޯޒް ދީ ނިންމޭނެ އެވެ.

ވެކްސިނާ ބެހޭ ގޮތުން ހޭލުންތެރިކަން އުފައްދުމަށް އެޗްޕީއޭ އިން އާންމުކޮށްފައިވާ ވީޑިއޯއެއްގައި ބުނާ ގޮތުން ގައިންގަޔަށް އަރާ ބައްޔެއްގެ ނުރައްލުން މުޖުތަމައު ސަލާމަތްވާނީ އާބާދީގެ 98 ޕަސެންޓް މީހުން އިމިއުން ވެގެންނެވެ. އެހެންވެ މި އަމާޒަށް މަސައްކަތްކުރި ކަމުގައި ވިޔަސް، ހަ މަސް ދުވަހުން އެކަން ފުރިހަމަކުރެވިދާނެ އެވެ.

ވެކްސިން ދޭން ކަނޑައަޅާފައިވާ ތަރުތީބުގައި އެންމެ ފުރަތަމަ އޮތީ ސިއްހީ ހިދުމަތްތެރިންނާއި ފްރަންޓްލައިންގައި މަސައްކަތްކުރާ މީހުންނެވެ. ރާއްޖޭގައި އިއްޔެ ވެކްސިން ޕްރޮގްރާމް ފެށީ މާލޭގެ އިތުރުން ހދ. ކުޅުދުއްފުއްޓާއި އައްޑޫގައި ކަމަށް ވާތީ ފުރަތަމަ ދުވަހު ވެކްސިން ދިނީ 282 މީހަކަށެވެ. އެއީ މާލޭގެ ހަ މަރުކަޒަކުންނާއި ކުޅުދުއްފުށި އަދި އައްޑޫގެ ދެ މަރުކަޒަކުން ދިން އަދަދެވެ.

މި ދުވަހެއް ކަނޑައެޅިގެން އެނގޭ ނަމަ ކިތަންމެހާ ވެސް ރަނގަޅެވެ. ގިނަ ބަޔަކަށް ވެކްސިން ދީ އިމިއުނިޓީ ލިބެން ފެށުމުން އެކެއްގެ ފަރާތުން އަނެކަކަށް ބަލި ޖެހޭ ރޭޓް ދަށްވާ މިންވަރަށް ބަލައިގެން ދުވަހެއް ލަފާކޮށްލެވިދާނެ އެވެ.

ހެލްތުލައިން ވެބްސައިޓަށް ވާހަކަ ދެއްކެވި، އެމެރިކާގެ ކޭސް އިންޓަގްރޭޓިވް ހެލްތުގެ ފިޒީޝަން ޑރ. ކޭސީ ކެލީ ވިދާޅުވީ ހާލަތު ރަނގަޅުވާން ފަށާނީ އާބާދީގެ ބޮޑު ބަޔަކަށް ވެކްސިން ދެވުމުން ކަމަށެވެ. އެހާ ހިސާބަށް ދިއުމުގެ ކުރިން އަދިވެސް ހާލަތު ގޯސްވެދާނެކަމުގެ އިންޒާރު ދެއްވަމުން އޭނާ ވިދާޅުވީ ވެކްސިނާ އެކު ދެން ބަލަން ޖެހޭނީ "އާރް-ނޯޓް" އަށް ކަމަށެވެ. އެއީ ބައްޔެއް ގައިން ގަޔަށް އަރާ ފަސޭކަން ނުވަތަ ރޭޓް އަންގައިދޭ މިންގަނޑެކެވެ.

"އާރް-ނޯޓް 2ގެ މާނަ އަކީ ކޮވިޑް-19 ޖެހޭ މީހެއްގެ ފަރާތުން އިތުރު ދެ މީހަކަށް އެ ބަލި ޖެހުން،" އޭނާ ތަފްސީލް ދެއްވި އެވެ.

"މި ނަންބަރު ބިނާވާ ކިތަންމެ ކަމެއް ހުންނާނެ. އެކަމަކު މައިގަނޑު ގޮތެއްގައި އާރް-ނޯޓް 1 އަށް ވުރެ މަތި ނަމަ މާނަ އަކީ ވައިރަސް އިތުރުވަމުން ދިއުން. އާރް-ނޯޓް 1 ގައި ހުންނަ ނަމަ މާނަ އަކީ ވައިރަސްގެ ހާލަތު އެއްވަރެއްގައި ހުރުން. އެކަކަށް ވުރެ ދަށް ނަމަ މާނަ އަކީ ވައިރަސް މަދުވަމުން ދިއުން. އެއް ސަރަހައްދެއްގައި ގިނަ ބަޔަކަށް ވެކްސިން ދީފި ނަމަ އާރް-ނޯޓް ހަމަ ކުއްލިއަކަށް ވަރަށް ބޮޑަށް ދަށަށް ދާން ފަށާނެ."

ތަޖުރިބާކާރުން ވިދާޅުވަނީ އާންމު ހާލަތަށް ދިއުމަކީ ކުއްލިއަކަށް ވާނެ ކަމެއް ނޫން ކަމަށެވެ. ހާލަތު ބަދަލުވުން ބިނާވަނީ އިމިއުނިޓީގެ މައްޗަށް ކަމަށް ވާއިރު ކުރީގެ ހާލަތަށް ދާނީ މުޅި ދުނިޔޭގައި ވެސް ގިނަ ބަޔަކަށް ވެކްސިން ދެވިގެންނެވެ. ރާއްޖެ އަށް ބަލައިފި ނަމަ، ވެކްސިން ފުރިހަމަކޮށް ރާއްޖޭގައި އާންމު ހާލަތަކަށް ދިޔަ ނަމަވެސް އެހެން ގައުމުތަކުގެ ހާލަތު ރަނގަޅު ނުވާ ނަމަ އެހެން ގައުމުތަކަށް ގޮސް އުޅުމުގައި އަދިވެސް ހުރަސްތައް ހުންނާނެ އެވެ. އެހެންވެ ހާލަތު އަވަހަށް ބަދަލުކުރެވެން މި ވަގުތަށް އޮތް ހަމައެކަނި ގޮތަކީ ވީހާ ވެސް ގިނަ ބަޔަކު ވެކްސިން ޖެހުމެވެ.

ރާއްޖެ އާއި ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް ފެތުރުނު ނުރައްކާތެރި އެތައް ބައްޔެއްގެ ބިރު ނައްތާލެވުނީ އެންމެންހެން ވެކްސިން ޖަހައިގެންނެވެ. އެހެންވެ ދެން ވެސް ކުރަން އޮތީ އެކަމެވެ.

ކޮންމެ ގައުމެއްގައި ވެސް އެ އަންނަނީ މި އިންޒާރު ދެމުންނެވެ. ވެކްސިން ދޭން ފެށިޔަސް ރައްކާތެރިކަމުގެ ފިޔަވަޅުތައް ދޫކޮށްލާފައި ކުރިން އުޅުނު ގޮތަށް އަދި އުޅެގެން ނުވާނެ ކަމުގެ އިންޒާރެވެ.

މާސްކް އެޅުމާއި އަތް ދޮވުމާއި ގައިދުރުކަން ބެހެއްޓުމުން ކޮވިޑް ކޮންޓްރޯލްކުރެވޭކަން އެންމެންނަށް ވެސް މިހާރު އެނގެ އެވެ. އަދި އެގޮތަށް އުޅެން މި ވަނީ ދަސް ވެސް ވެފަ އެވެ. އެހެންވެ ވެކްސިން ދެމުން އައި ނަމަވެސް މި އާދަތައް ހިފަހައްޓަން ޖެހޭނެ އެވެ. އެއީ، ވެކްސިންގެ ޑޯޒް ފުރިހަމަވުމުގެ ކުރިން ބަލި ޖެހުމަށް އޮންނަ ފުރުސަތު އެހާ ކުޑަ ނުވުމާއި އެ މީހުންނަކީ ވެސް ބަލި ޖެހިއްޖެ ނަމަ އެ މީހުންގެ ފަރާތުން އެހެން މީހުންނަށް ބަލި ޖެހޭނެ ސަބަބަކަށް ވާނެތީ އެވެ. ކޮވިޑްގައި ނުރައްކާވާ ހާލަތުގެ މީހުން އަދިވެސް ޖެހޭނީ ހަމަ އެންމެ ރަނގަޅަށް ރައްކާތެރިވެގެން އުޅޭށެވެ.