އަހަރުގެ ފުރަތަމަ މަހު 92،000 ޓޫރިސްޓުން
އަހަރުގެ ފުރަތަމަ މަހު 92،000 ޓޫރިސްޓުން

ކޮވިޑްގެ ސަބަބުން ހުއްޓުނު ޓޫރިޒަމް ދިރެން ފެށި ފަހުން އައި ފުރަތަމަ އަހަރުގެ ފުރަތަމަ މަހު ރާއްޖެއަށް 92،000 ޓޫރިސްޓުން ޒިޔާރަތްކޮށްފި އެވެ. މިއީ މިދިއަ އަހަރުގެ ޖެނުއަަރީ މަހާ އަޅާބަލާއިރު މަދު އަދަދެއް ނަމަވެސް އަދިވެސް ދުނިޔޭގައި ބާރަށް ފެތުރެމުންދާ ބަލިމަޑުކަމުގެ ތެރޭގައި ރާއްޖެއަށް އުއްމީދީ މިންވަރެކެވެ.

މިދިއަ އަހަރުގެ ޖެނުއަރީ މަހު ރާއްޖެއަށް 173،000 އަށް ވުރެ ގިނަ ޓޫރިސްޓުން ޒިޔާރަތްކުރި އެވެ. އެ ނިސްބަތުން ބަލާ ނަމަ މިދިއަ މަހުގެ އަދަދުތައް އެ ހުރީ 47 ޕަސެންޓް ދަށުގަ އެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުން މިދިޔަ މަހު އައި 92،000 ޓޫރިސްޓުންގެ ތެރެއިން 20،000 ޓޫރިސްޓުން ނިސްބަތް ވަނީ ރަޝިޔާއަށެވެ. ދެވަނަ އަށް އެންމެ ގިނަ ޓޫރިސްޓުން އައި އަވަށްޓެރި އިންޑިޔާގެ އަދަދަކީ 19،000 އެވެ.

މިދިއަ އަހަރު ނިމުނީ އޭގެ ކުރީ އަހަރު ރާއްޖެ ޒިޔާރަތްކުރި 1.7 މިލިއަން ޓޫރިސްޓުންނާ އަޅާބަލާއިރު އެންމެ 555،000 ޓޫރިސްޓުންނާ އެކު އެވެ. ނަމަވެސް ބޯޑަރު ބަންދުކޮށް ހަތަރު މަހެއްހާ ދުވަސް ހޭދަކުރުމަށް ފަހު ޖުލައި މަހު ހުޅުވާލުމުން އަހަރު ނިމުމުގެ ކުރިން 172،366 ޓޫރިސްޓުން ރާއްޖެ އަ އެވެ.

މިހާރު ދުވާލަކު އެވްރެޖްކޮށް އަންނަ ޓޫރިސްޓުންގެ އަދަދު 3،000 އާ ކައިރިކުރެ އެވެ. އަދި އިއްޔެ އައި 4،200 ޓޫރިސްޓުންނަކީ މިދިއަ މަހުގެ އެންމެ މަތީ އަދަދެވެ.

ސަރުކާރުގެ އަމާޒަކީ 1.5 މިލިއަން ޓޫރިސްޓުން ގެނައުމެވެ. އެކަމަކު އެ އަމާޒު ހާސިލްވާނީ ދުވާލަކު އެވްރެޖްކޮށް 4،000 ޓޫރިސްޓުން އައިސްގެންނެވެ. ނުވަތަ ބޭރުގެ މުހިންމު ބަންދުތަކާ ދިމާކޮށް އަންނަ ޓޫރިސްޓުންގެ އަދަދު އެއަށް ވުރެ ގިނަކޮށްގެންނެވެ.

މިދިއަ ކްރިސްމަސް އާއި އަހަރާ ދިމާކޮށް ރާއްޖެ އަށް ވަރަށް ގިނަ އަދަދެއްގެ ޓޫރިސްޓުން ޒިޔާރަތްކޮށް، އެއާޕޯޓްތައް ބިޒީކޮށްލި އެވެ. ބައެއް ދުވަސް ދުވަހު އައި މީހުންގެ އަދަދު 6،000 އަށް ވެސް އެރި އެވެ.

މިވަގުތު ރާއްޖޭގައި 144 ރިސޯޓާއި 324 ގެސްޓް ހައުސް އަންނަނީ ހިންގަމުންނެވެ.