ވެކްސިން ހަމަ ބަރާބަރު، ބިރުނުގަނެ ޖަހަންވީ: އެމްޔޫ މަނިކު
ވެކްސިން ހަމަ ބަރާބަރު، ބިރުނުގަނެ ޖަހަންވީ: އެމްޔޫ މަނިކު

ކޮވިޑް-19އާ ދެކޮޅަށް ރާއްޖޭގައި މިއަދު ދޭން ފެށީ ދުނިޔޭގައި މިހާތަނަށް އުފެއްދި އެންމެ ރަނގަޅު އެއް ވެކްސިން ކަމަށާއި ބިރުނުގަނެ އެންމެން ވެސް ވެކްސިން ޖަހަން ޔުނިވާސަލްގެ ޗެއާމަން މުހައްމަދު އުމަރު މަނިކް (އެމްޔޫ މަނިކް) މިއަދު އެދިވަޑައިގެންފި އެވެ.

ވެކްސިން ހަމަ ބަރާބަރު، ބިރުނުގަނެ ޖަހަންވީ: އެމްޔޫ މަނިކު
ވެކްސިން ހަމަ ބަރާބަރު، ބިރުނުގަނެ ޖަހަންވީ: އެމްޔޫ މަނިކު

ރާއްޖޭގެ ޓޫރިޒަމްގެ އެއް ބާނީ، އެމްޔޫ މަނިކު ހިމެނިވަޑައިގަތީ މިއަދު ފެށި "ކޮވިޑް-19 ދިފާއު" ޕްރޮގްރާމްގެ ވެކްސިންގެ ރައްކާތެރިކަމާއި ޔަގީންކަން ރައްޔިތުންނަށް ދެއްވަން އެންމެ ފުރަތަމަ ވެކްސިން ޖެއްސެވި ބޭފުޅުންގެ ތެރޭގަ އެވެ. ވެކްސިން ޖެއްސެވުމަށް ފަހު އެއްވެސް އުނދަގުލެއް ކުރިމަތިވޭތޯ ބައްލަވަން ހެލްތު އޮފިޝަލުންނާ އެކު އޭނާ ވެސް 15 މިނެޓް މަޑުކުރެއްވި އެވެ.

ވެކްސިންގެ ތަޖުރިބާއާ ގުޅޭ ގޮތުން މަނިކު "މިހާރު"އަށް ވިދާޅުވީ ވެކްސިނާ މެދު ބައެއް މީހުން ސުވާލު އުފައްދަމުން ދިޔަސް ރާއްޖޭގައި ޖަހާ ވެކްސިނަށް އޭނާގެ ފުރިހަމަ އިތުބާރު އެބަ އޮތް ކަމަށެވެ. އެއީ އޮކްސްފޯޑު ޔުނިވަސިޓީން ވަރަށް ބޮޑަށް ދިރާސާކޮށް، އެތައް ގައުމެއްގައި ޖަހަމުން އަންނަ އެއްޗެއް ކަން ވެސް ފާހަގަކުރެއްވި އެވެ.

"މިހާރު މިއުޅޭ ވެކްސިންތަކުގެ ތެރެއިން ވެސް ވަރަށް ރަނގަޅު އެއްޗެއް މިއީ،" އެމްޔޫ މަނިކު ވިދާޅުވި އެވެ.

ރާއްޖޭގައި ޖަހަނީ އިންޑިއާގެ ސީރަމް އިންސްޓިޓިއުޓްގައި ހަދާ އޮކްސްފޯޑް ވެކްސިނެވެ. އިންޑިޔާ އިން ވަނީ މީގެ އެއް ލައްކަ ޑޯޒް ހަދިޔާކޮށްފަ އެވެ. އަދި ސިންގަޕޫރުގައި ހުންނަ އެސްޓްރަޒެނެކާ ކުންފުނީގެ އޮފީހުން އިތުރު ހަތް ލައްކަ ޑޯޒް ވެކްސިން ގަންނަން ސަރުކާރުން ވަނީ އެ ކުންފުންޏާ އެކު އެއްބަސްވުމެއް ހަދައިފަ އެވެ. ކުރިއަށް އޮތް ދެ މަހެއް ތެރޭގައި އެ ވެކްސިން ވެސް ރާއްޖެއަށް ލިބޭނެ ކަމަށް އޮތީ ލަފާކޮށްފަ އެވެ.

އެމްޔޫ މަނިކު ވިދާޅުވީ ރައްކާތެރިކަން ޔަގީންވުމުގެ އިތުރުން ރާއްޖެ ކަހަލަ ގައުމެއްގައި ގެންގުޅެން ވެސް ކޮވިޝީލްޑް ފަސޭހަވާނެ އެވެ. އަދި ދެ ހަފުތާ ފަހުން ޖަހާ ކޮވިޝީލްޑުގެ ދެ ވަނަ ޑޯޒަށް ވެސް އޭނާ ތައްޔާރެވެ.

"އަޅުގަނޑު ދަންނަވާނީ ހުރިހާ ބޭފުޅުން ވެސް އެއްވެސް ބިރެއް ނުގަނެ ހަމަ ވެކްސިން ޖަހަންވީއޭ. މިއާ ދޭތެރޭގައި ޝައްކެއް އޮވެގެން ނުވާނެއޭ. އަޅުގަނޑުމެންނަށް ހަމަ އެނގޭ މި ވެކްސިން [ރަނގަޅުކަން]،" އެމްޔޫ މަނިކު ވިދާޅުވި އެވެ.

ސަރުކާރުގެ އަމާޒަކީ ކުރިއަށް އޮތް ހަ މަސް ތެރޭގައި ވެކްސިން ޕްރޮގްރާމް ނިންމުމެވެ. ރާއްޖޭގައި ދިރިއުޅޭ ބިދޭސީން ހިމެނޭ ގޮތުން އެންމެންނަށް ހިލޭ ވެކްސިން ޖަހަން ސަރުކާރުން ވަނީ ނިންމައިފަ އެވެ.