01 ފެބުރުއަރީ 2021 - 16:25

ރާއްޖޭގައި ކޮވިޑް-19 ވެކްސިން ޕްރޮގްރާމް މިއަދު ފައްޓަވައިދެއްވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ޖެއްސެވީ ފައިޒާ ވެކްސިން ކަމަށް ސޯޝަލްމީޑިއާގައި ފަތުރާ ވާހަކަ ރައީސް އޮފީހުން މިއަދު ދޮގުކޮށްފި އެވެ.

ރާއްޖެ އަށް އިންޑިއާ އިން ހަދިޔާކުރި ކޮވިޝީލްޑް ވެކްސިންގެ ރައްކާތެރިކަމާ މެދު ސުވާލު އުފައްދައި ދައްކާ ވާހަކަތަކުގައި ރައީސް ޖައްސަވަން ނިންމާފައި ވަނީ ފައިޒާ ވެކްސިން ކަަމަށް ރެއިން ފެށިގެން ތުހުމަތުތަކެއް ކުރި އެވެ. ފައިޒާއަކީ ކޮރޯނާވައިރަހަށް އެމެރިކާގެ ފައިޒާ އާއި ޖަރުމަނުގެ ބަޔޯއެންޓެކް ގުޅިގެން އުފެއްދި ވެކްސިނެވެ.

ސޯޝަލް ސެންޓަރުގައި މިއަދު ހެނދުނު އޮތް ރަސްމިއްޔާތުގައި ރައީސް ވެކްސިން ޖެއްސެވި ފަހުން ވެސް އެ މަނިކުފާނު ޖެއްސެވީ އިންޑިއާގެ ސީރަމް އިންސްޓިޓިއުޓްގައި ހަދާ ކޮވިޝީލްޑް ނޫން ކަމަށާއި ފައިޒާކަމަށް އިދިކޮޅު ފަރާތްތައް ހިމެނޭ ގޮތަށް ދަނީ ބުނަމުންނެވެ.
އޮކްސްފޯޑް ވެކްސިންގެ ރައްކާތެރިކަމުގެ ޔަގީންކަން ރައްޔިތުންނަށް ދެއްވުމުގެ ގޮތުން ރައީސް މިއަދު ކޮވިޝީލްޑްގެ ފުރަތަމަ ޑޯޒް ޖެއްސެވި އެވެ. ނޫސްވެރިންގެ ކުރިމަތީގައި އެ މަނިކުފާނަށް ޖެއްސެވި ވެކްސިން ހުރީ ކޮވިޝީލްޑުގެ ފެހި ކުލައިގެ ލޭބަލާ އެކުގަ އެވެ.
ރައީސްގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާނާއި ބައެއް ވަޒީރުންނާއި ސިއްހީ ދާއިރާ ހިމެނޭ ގޮތުން 34 މީހަކަށް އެތަނުގައި ކޮވިޝީލްޑް ވެކްސިން ޖެހި އެވެ.
ރައީސްގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ ރައީސް ކޮވިޝީލްޑް ވެކްސިން ޖެއްސެވީ ފޮރުވުމެއް ނެތި ހުރިހާ ކެމެރާތަކެއްގެ ކުރިމަތީގައި ކަމަށެވެ. ރައީސް ހިމެނިވަޑައިގަންނަވާ ގޮތަށް ދައުލަތުގެ ތިން ބާރުގެ ވެރިން މިއަދު ވެކްސިން ޖެއްސެވި ސަބަބަކީ ވެސް ކޮވިޝީލްޑްގެ ޔަގީންކަން ރައްޔިތުންނަށް ދެއްވުން ކަމަށް ވިދާޅުވި އެވެ.
"ފަރުދާއެއް ވެސް ނެތި ހުރިހާ ކެމެރާތަކެއްގެ ކުރިމަތީގައި ރައީސް ވެކްސިން ޖެއްސެވީ އެއީ ރަނގަޅު ވެކްސިނެއް ކަމުގެ ޔަގީންކަން ދެއްވަން. ހުރިހާ ރައްޔިތުން ވެސް ޖަހަން ޖެހޭތީ ރައީސް ލީޑް ނެންގެވީ،" މަބްރޫކް ވިދާޅުވި އެވެ.
ފައިޒާ ވެކްސިނަކީ މައިނަސް 60-90 ޑިގްރީސެލްސިއަލްގައި ބަހައްޓަންޖެހޭ ވެކްސިނަކަށް ވާ އިރު، ސޯޝަލް ސެންޓަރުގައި ބޭނުންކުރި ވެކްސިން ގެންގުޅުނީ އެ ފިނިމިނުގައި ނޫން ކަން ވެސް މަބްރޫކް ފާހަގަކުރެއްވި އެވެ.
ވެކްސިން ޖައްސަވައި ރައީސް ދެއްވި މެސެޖަކީ، މަބްރޫކް ވިދާޅުވި ގޮތުގައި، ކޮވިޑުގެ ވައިރަހުން އަރައިގަނެ އެންމެންގެ ރައްކާތެރިކަމަށް އޮތް ހައްލަކީ ވެކްސިން ކަމެވެ.
ރާއްޖޭގައި ޖަހާ ވެކްސިނާ މެދު ސުވާލު އުފައްދާ އިދިކޮޅު މީހުން ހިމެނޭ ގޮތަށް މަބްރޫކް ވިދާޅުވީ ރައްޔިތުންގެ ރައްކާތެރިކަމަށް ކުރަން ޖެހޭ ކަންކަމަކީ އެންމެން ގުޅިގެން ކުރަން ޖެހޭ ކަންކަން ކަމަށެވެ. އިދިކޮޅުން ވެސް މިހާރު ކުރަން ވީ ކަމަކީ ވެކްސިން ޖެހުމުގައި ބައިވެރިވުން ކަމަށް މަބްރޫކް ވިދާޅުވި އެވެ.
"އެންމެންގެ ސަލާމަތާއި ރައްކާތެރިކަމަށް ކުރާ ކަމެއް މިއީ،" އޭނާ ވިދާޅުވި އެވެ.
އިންޑިއާ އިން ރާއްޖެ އަށް ވެކްސިން ހަދިޔާކުރީ 50،000 މީހުންނަށް ޖެހޭ ވަރަށެވެ. މީގެ އިތުރުން ޑަބްލިއުއެޗްއޯ އިން ރާއްޖެއަށް ދޭ ވެކްސިނާއި ސަރުކާރުން ގަންނަ 700،000 ޑޯޒު ކުރިއަށް އޮތް ދެ މަހެއްހާ ދުވަހުގެ ތެރޭގައި ލިބޭނެ ކަމަށް ހެލްތު މިނިސްޓަރު އަހްމަދު ނަސީމް މިއަދު ވިދާޅުވި އެވެ.
ސަރުކާރުގެ އަމާޒަކީ ވީހާވެސް އަވަހަކަށް ވެކްސިން ޕްރޮގްރާމް ނިންމުމެވެ. އުއްމީދަކީ ކުރިއަށް އޮތް ހަ މަހުގެ ތެރޭގައި ރާއްޖެ އަށް މި ބަލިން އަރައިގަނެވި އާއްމު ހާލަތަށް ރުޖޫއަވުން ކަމަށް ރައީސް މިއަދު ވިދާޅުވި އެވެ.