100 ކޭޝް އޭޖެންޓުނާއެކު ބީއެމްއެލްގެ ހިދުމަތް ފުޅާކުރަނީ
100 ކޭޝް އޭޖެންޓުނާއެކު ބީއެމްއެލްގެ ހިދުމަތް ފުޅާކުރަނީ

ބީއެމްއެލް އިން 100 ކޭޝް އޭޖެންޓުންނާއެކު، ފައިސާ ޖަމާކުރުމާއި ފައިސާ ދެއްކުމުގެ ހިދުމަތް ފުޅާކުރަން ނިންމާފައިވާ ކަމަށް ބުނެފި އެވެ.

ބޭންކުން ބުނީ މުޅި ރާއްޖެއަށް ބޭންކިން ހިދުމަތް ފުޅާކުރުމަށްޓަކައި އެ ބޭންކުން ކުރަމުން އަންނަ މަސައްކަތުގެ ދަށުން މިއަހަރު ތެރޭ 100 ކޭޝް އޭޖެންޓުން މެދުވެރިކޮށް ހިދުމަތް ފެށޭނެ ކަމަށެވެ.

ބީއެމްއެލްގެ ކޭޝް އޭޖެންޓުން މެދުވެރިކޮށް ކަސްޓަމަރުންނަށް އެކައުންޓުން ފައިސާ ނެގުމުގެ އިތުރުން އެކައުންޓަށް ފައިސާ ޖަމާކުރުމާއި، ކްރެޑިޓް ކާޑާއި ލޯނަށް ފައިސާ ދެއްކުމުގެ ހިދުމަތް ލިބެ އެވެ. މިއީ އެއްވެސް ފީއަކާ ނުލައި ބޭންކުން ފޯރުކޮށްދެމުން އަންނަ ހިދުމަތެކެވެ.

އެ ބޭންކުން ބުނީ މި ހިދުމަތް ފެށުމާއެކު ގިނަ ބައެއްގެ މެދުގައި މި ހިދުމަތް މަގުބޫލުވެފައިވާ ކަމަށެވެ. އެގޮތުން، ރާއްޖޭގެ އެކި ހިސާބުތަކުގައި ގާއިމްކޮށްފައިވާ 41 ޑިޕޮސިޓް ކޭޝް އޭޖެންޓުން މެދުވެރިކޮށް މިދިޔަ އަހަރު 180 މިލިއަން ރުފިޔާ ޖަމާކޮށްފައިވާ ކަމަށް ވެސް ބީއެމްއެލުން ބުންޏެވެ.

ކޭޝް އޭޖެންޓުންގެ ހިދުމަތަކީ ބްރާންޗް ނުވަތަ އޭޓީއެމް ސެންޓަރެއް ގާއިމްކޮށްފައިވާ ރަށަކަށް ދަރުތު ކުރުމުގެ ބަދަލުގައި އަމިއްލަ ރަށުގައި ތިބެގެން އަސާސީ ބޭންކިންް ހިދުމަތް ހޯދުމުގެ ފުރުސަތު ދޭން 2014 ވަނަ އަހަރު ބީއެމްއެލުން ތައާރަފުކުރި ހިދުމަތެކެވެ. މިހާރުވެސް 200 އަށްވުރެ ގިނަ ކޭޝް އެޖެންޓުން މެދުވެރިކޮށް ބީއެމްއެލުން އަންނަނީ ފައިސާ ނެގުމުގެ ހިދުމަތް ފޯރޮކޮށްދެމުންނެވެ.