01 ފެބުރުއަރީ 2021 - 15:00

ރާއްޖޭގެ ކަނޑު އަޑީގެ ބިމުގެ ސަރަހައްދު ދެނެގަންނަން ހަދާ ހައިޑްރޮގްރަފީ ސާވޭއަކީ އުޅަނދުފަހަރު ފަރަށް އެރުން ފަދަ ނުރައްކާތެރި އެކްސިޑެންޓްތައް މަދުކުރެވޭނެ ކަމެއް ކަމަށް އެމްއެންޑީއެފުން އިއްޔެ ބުނެފި އެވެ.
އިންޑިއާގެ އެހީތެރިކަމާ އެކު ހައިޑްރޮގްރަފީ ސާވޭ ފަށަން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކޯސްޓް ގާޑުގެ ކޮމާންޑަންޓް ކާނަލް މުހައްމަދު ސަލީމް ވިދާޅުވީ ހައިޑްރޮގްރަފީއެއްގައި މައިގަނޑު ގޮތެއްގައި ހިމެނޭނީ ކަނޑު ދަތުރުކުރާ ފަރާތްތަކަށް ބޭނުންވާ ނެވިގޭޝަނަލް މައުލޫމާތު ކަމަށެވެ. އޭގެ ތެރޭގައި ފަރުތައް ހުރި ގޮތާއި މިހާރު ބޭނުން ކުރަމުން އަންނަ ޗާޓުތަކަށް އައިސްފައިވާ ބަދަލު ދެނެގަނެވޭނެ ކަމަށް ވެސް ވިދާޅުވި އެވެ.
"ހައިޑްރޮގްރަފީ އަކީ ހާއްސަކޮށް ޗާޓުތައް އަޕްޑޭޓްކުރުމުގެ މަސައްކަތް. އެހެންވީމާ ދަތުރުފަތުރުގެ ޗާޓުތަކަކީ އޭގެ ޒާތުގައި އެއްގަމުގައި މި ހުންނަ އޮބްޖެކްޓްތަކަށް ވެސް މި އަންނަ ބަދަލުތަކާ އެއްޗެހި ޗާޓުން ފެންނަން ހުންނަ ގޮތަކަށް ހެދޭ ޗާޓުތަކެއް،" އޭނާ ވިދާޅުވި އެވެ.
ރާއްޖޭގައި މިހާރު ބޭނުންކުރަނީ 1800ގެ އަހަރުތަކުގައި ތައްޔާރުކުރި ޗާޓެކެވެ. އެކަމަކު ސަލީމް ވިދާޅުވީ އެ ޗާޓުގައި ހިމެނޭ ބައެއް ސަރަހައްދުތައް އަޕްޑޭޓްކުރުމުގެ މަސައްކަތް އެކި ފަހަރު މަތިން ކުރި ކަމަށެވެ. އެ މަސައްކަތްތަކުގައި އިސްކަން އޭރު ދިނީ ޕޯޓުގެ ގޮތުގައި ބޭނުންކުރާ ސަރަހައްދުތަކަށެވެ. އެގޮތުން މާލެ އާއި އައްޑު އާއި އިހަވަންދިއްޕޮޅު އަދި ގޮއިދޫ ސަރަހައްދުގެ އާ ޗާޓުތައް ކުރިން ހަދާފައިވާނެ ކަމަށް ކޯސްޓް ގާޑުން ބުންޏެވެ.
އެކަމަކު އެތަނުން ބުނީ އެ ޗާޓުތަކުގައި ވެސް އެންމެ ފަހުގެ މައުލޫމާތު ނެތް ނަމަ ދަތުރުވެރިންނަށް ގޮންޖެހުން ކުރިމަތިވާނެ ކަމަށެވެ.
"މުދާ ބޭލުމުގެ ތެރޭގައި ވެސް ނޫނީ ހަމަ ދިމާވާ އެކްސިޑެންޓެއްގައި ވެސް ނޫނީ ދިމާވާ އެކި ކަހަލަ ޕްލޭންތައްކުރުމާ މިކަހަ ކަންތައްތައް ބޮޑެތި ގޮންޖެހުން އަސްލު އޮޕަރޭޓްކުރާ އިރު އޮޑިވެރިންނަށާއި އުޅަނދުފަހަރުގެ ވެރިންނަށް، އުޅަނދުފަހަރުގެ ކެޕްޓަނުންނަށް ދިމާވާ ކަމެއް،" ސަލީމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ހައިޑްރޮގްރަފީ ސާވޭގައި އެއްކުރާ މައުލޫމާތު ބޭނުންކޮށްގެން ކުރިއަށް އޮތް ތަނުގައި އިތުރު ކަންކަން ކުރަން މަގުފަހިވެގެން ދާނެ އެވެ. އޭގެ ތެރޭގައި ތިމާވެށި ރައްކާތެރިކުރާށާއި ދަތުރުފަތުރުގެ ނިޒާމް ގާއިމްކުރާ އިރު އެންމެ ރަނގަޅު ރޫޓް ކަނޑައެޅުން ފަދަ ކަންކަމުގައި ބޭނުންކުރެވޭނެ ކަމަށް ވިދާޅުވި އެވެ.
އިންޑިއާގެ ހައިޑްރޮގްރަފީ ޔުނިޓާ ގުޅިގެން ފެށި މި މަސައްކަތް އަންނަ މާޗު 15 އާ ހަމައަށް ކުރިއަށް ދާނެ އެވެ.