ބަހަކުން ޖެހި މީހަކު މަރުވުން: ދެ މިލިއަން ޑޮލަރުގެ ބަދަލަކަށް އެދުނު މައްސަލަ ބޭރުކޮށްލައިފި
ބަހަކުން ޖެހި މީހަކު މަރުވުން: ދެ މިލިއަން ޑޮލަރުގެ ބަދަލަކަށް އެދުނު މައްސަލަ ބޭރުކޮށްލައިފި

އެމްޓީސީސީގެ ބަހަކުން ޖެހި ޔޫކްރެއިންގެ މީހަކު މަރުވި މައްސަލާގައި 2.7 މިލިއަން ޑޮލަރު (41 މިލިއަން ރުފިޔާ) ގެ ބަދަލެއް ހޯދަން އޭނާގެ މަންމަ ކުރި ދައުވާ މިވަގުތު ކުރިއަށް ނުގެންދެވޭނެ ކަމަށް ސިވިލް ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ.

މެއިި، 2019 ގައި ޔޫކްރެއިންގެ އަންހެނަކު ހުޅުމާލޭގައި އެމްޓީސީސީގެ ބަހަކުން ޖެހި މަރުވި މައްސަލާގައި އޭނާގެ މަންމަ ސިވިލް ކޯޓުގައި އެމްޓީސީސީއާ ދެކޮޅަށް ދައުވާކުރީ އެ ކުންފުނީގެ މުވައްޒަފެއްގެ އިހުމާލުން އޭނާގެ ޒުވާން ދަރިފުޅު މަރުވުމުން ސީދާ އަދި ނުސީދާ ގޮތުން ލިބުނު ގެއްލުމުގެ ބަދަލެއްގެ ގޮތުން 2.7 މިލިއަން ޑޮލަރު ހޯދުމަށެވެ.

ސިވިލް ކޯޓުން އިއްޔެ ކުރި ހުކުމުގައިވަނީ އެ މަރާ ގުޅިގެން، ބަސް ދުއްވި އެމްޓީސީސީގެ މުވައްޒަފުގެ މައްޗަށް ޖިނާއީ ދެ ދައުވާއެއް ހުޅުމާލޭ ކޯޓުގައި މިހާރު އުފުލާފައިވާ ކަމަށާއި އަދި ޖިނާއީ ކުށަކާ ގުޅިގެން މަދަނީ ބަދަލު ހޯދުމުގެ މައްސަލަ ކުރިއަށް ގެންދެވޭނީ ޖިނާއީ މައްސަލަ ނިމުމުން ކަމަށް ސުޕްރީމް ކޯޓުން ކުރިން ނިންމާފައިވާ ކަމަށެވެ. ބަސް ދުއްވި މީހާގެ މައްޗަށް އުފުލާފައިވާ ޖިނާއީ ދެ ދައުވާ ނުނިމި އޮތުމުން މިވަގުތު އެ މައްސަލަ ސިވިލް ކޯޓުގައި ކުރިއަށް ނުގެންދެވޭނެ ކަމަށް ގާޒީ އަލީ ނަސީރު އިއްވެވި އެ ހުކުމުގައިވެ އެވެ.

މަރުވި މީހާގެ މަންމައަށް އެ މައްސަލާގައި ދައުވާ ކުރުމުގެ ހައްގެއް ނޯންނާނެ ކަމަށް އެމްޓީސީސީން ކޯޓުގައި ބުނެފައި ވިޔަސް، ކޯޓުގެ ހުކުމުގައިވާ ގޮތުން ދައުވާ ކުރުމުގެ ހައްގު މަންމައަށް އޮންނާނެ އެވެ. އަދި ޖިިނާއީ މައްސަލަ ނިމުމުން މަދަނީ ގެއްލުމުގެ ބަދަލު ހޯދަން އެ ދައުވާ ކުރެވޭނެ ކަމަށް އެ ހުކުމުގައިވެ އެވެ.

ބަސް ދުއްވި މީހާގެ މައްޗަށް ދައުލަތުން ކުރަނީ މީހަކު މަރުވެ ދިއުމުގެ ފަރުވާ ކުޑަ އަމަލެއް ކުރުމުގެ ދައުވާ އާއި މީހަކު މަރުވެ ދިއުމުގެ އިހުމާލުގެ އަމަލެއް ކުރުމުގެ ދައުވާ އެވެ.