"ޑޮކްޓަރު ޖީ" ގައި އަޔޫޝްމަނާ އެކު ރަކުލް
"ޑޮކްޓަރު ޖީ" ގައި އަޔޫޝްމަނާ އެކު ރަކުލް

ދާދި ފަހުން އިއުލާންކުރި އަޔޫޝްމަން ކްރާނާގެ އާ ފިލްމު "ޑޮކްޓަރު ޖީ" ގެ ބަތަލާއަކަށް ރަކުލް ޕްރީތު ސިންގް ސޮއިކޮށްފި އެވެ.

މި ފިލްމަކީ މި ދެ ތަރިންގެ ޖޯޑު ސްކްރީނުން ފެންނާނެ ފުރަތަމަ ފިލްމެވެ. ރަކުލް އަކީ މި ފަހުން ބޮލީވުޑުން އެންމެ ގިނަ ހުށަހެޅުންތައް ލިބޭ އެއް ބަތަލާ އެވެ. ހިންދީ ފިލްމުތަކުގެ އިތުރުން އިންޑިއާގައި އެހެން ބަހުރުވަތަކުން ފިލްމު ހަދާ ދެކުނު ފިލްމު އިންޑަސްޓްރީގައި ވެސް މަސައްކަތްކުރާ އުންމީދީ ބަތަލާގެ ކުރިއަށް ހުރި ހިންދީ ފިލްމުތަކުގެ ތެރޭގައި އަރުޖުން ކަޕޫރާ އެކު ކުޅޭ "ސަރުދާރު އެންޑް ގްރޭންޑްސަން" އާއި ޖޯން އަބްރަހަމާ އެކު ކުޅޭ "އެޓޭކް" އާއި އަޖޭ ދޭވްގަނާ އެކު ކުޅޭ "މޭޑޭ" ގެ އިތުރުން "ތޭންކް ގޯޑް" ހިމެނެ އެވެ.

ދެހާސް ސާދައިގެ "ޔާރިޔާން" އިން ބޮލީވުޑަށް ނުކުތް ރަކުލް، 30، ކުޅުނު ބައެއް ހިންދީ ފިލްމުތަކުގެ ތެރޭގައި "މަރުޖާވާ" އާއި "އައްޔާރީ" އާއި "ދޭ ދޭ ޕިޔާރު ދޭ" ގެ އިތުރުން "ޝިމްލާ މިރްޗް" ހިމެނެ އެވެ.

އަޔޫޝްމަން އަންހެނުންގެ ޑޮކްޓަރެއްގެ ރޯލު ކުޅޭ "ޑޮކްޓަރު ޖީ" އަކީ އަލަށް ޑައިރެކްޝަނަށް ނުކުތް އަނޫބުތީ ކޭޝަޕް ޑައިރެކްޓްކުރާ ކޭމްޕަސް ކޮމެޑީ ޑްރާމާއެކެވެ.

މި ފިލްމުގެ ޝޫޓިން ފެށުމުގެ ތައްޔާރީތައް މިހާރު ވަމުން އަންނަ އިރު އަޔޫޝްމަން ވަނީ ޑިސެމްބަރު މަހުގެ ކުރީކޮޅު ޑައިރެކްޓަރު އަބީޝެކް ކަޕޫރްގެ "ޗަންދީގަޅް ކަރޭ އާޝިގީ" ގެ ޝޫޓިން ވެސް ނިންމާލައިފަ އެވެ. އެ ފިލްމުގައި އޭނާގެ ބަތަލާ އަކީ ވާނީ ކަޕޫރެވެ.

"ޑޮކްޓަރު ޖީ" ގެ ބަތަލާގެ ރޯލަށް ރަކުލް ހަމަޖައްސާފައި މި ވަނީ އެ ފިލްމުގެ ބަތަލާގެ ރޯލު ސާރާ އަލީ ޚާނާއި މުރްނާލް ތާކޫރަށް ވެސް ހުށަހެޅި ކަމަށް އަޑުތައް އަރާފައި ވަނިކޮށެވެ.