މެސީގެ 674 މިލިއަަން ޑޮލަރުގެ ކޮންޓްރެކްޓް ލީކުވެ ބާސެލޯނާ ރަތަށް!
މެސީގެ 674 މިލިއަަން ޑޮލަރުގެ ކޮންޓްރެކްޓް ލީކުވެ ބާސެލޯނާ ރަތަށް!

ބާސެލޯނާ (ފެބްރުއަރީ 1) - ބާސެލޯނާގެ ކެޕްޓަން ލިއޮނަލް މެސީ މީގެ ހަތަރު އަހަރު ކުރިން ސޮއިކުރި އެއްބަސްވުން މީޑިއާގައި ލީކުވުމާ އެކު އެ ކްލަބުން އެކަމާ ވަރަށް ބޮޑަށް ހިތްހަމަނުޖެހިއްޖެ އެވެ.

ބާސެލޯނާއާ އެކު 2017 ގައި މެސީ ހެދި އަދި މި އަހަރުގެ ޖޫން މަހުގެ ނިޔަލަށް ހަމަވާ އެއްބަސްވުމުގައި އޮތް ގޮތުން މި ހަތަރު އަހަރުގެ ތެރޭގައި އޭނާއަށް 674 މިލިއަން ޑޮލަރު ލިބޭނެ އެވެ. އެއީ އަހަރަކަށް ބަލާ ނަމަ 166 މިލިއަން ޑޮލަރެވެ. އެކަމަކު މިއީ ބާސެލޯނާގެ ރަސްމީ ލިޔެކިޔުންތަކުން ފެންނަ މެސީގެ މުސާރަ އަށް ވުރެ އެތައް ގުނައެއް ބޮޑު އަދަދެކެވެ.

އެލް މުންޑޯގެ ރިޕޯޓްގައިވާ ގޮތުން އުމުރުން 33 އަހަރުގެ މެސީ އަށް ވަނީ ކޮންޓްރެކްޓްގައިވާ ގޮތަށް 92 ޕަސެންޓް ފައިސާ އެއްކޮށް ލިބިފަ އެވެ. އެ ރިޕޯޓްގައި ސިފަކޮށްފައިވާ ގޮތުން މިއީ ކުޅިވަރު ތާރީހުގައި ކުޅުންތެރިއަކާއި ޓީމަކާ ދެމެދު ވީ އެންމެ އަގުބޮޑު އެއްބަސްވުމެވެ.

މިދިޔަ ހަފްތާގައި ބާސެލޯނާގެ ދަރަނި 1.4 ބިލިއަން ޑޮލަރަށް އަރާފައިވާކަމަށް އެ ކްލަބްގެ މާލީ ތަފާސްހިސާބުތަކުން ދައްކަ އެވެ. އެލް މުންޑޯގެ ރިޕޯޓްގައިވާ ގޮތުން އެ ކްލަބްގެ މާލީ ހާލަތު އެހާ ގޯސްވުމުގެ އެއް ސަބަބަކީ ވެސް މެސީގެ ކޮންޓްރެކްޓް އެވެ.

މީގެ ކުރިން ކުޅިވަރު ކުޅުންތެރިޔަކު ސޮއިކުރި އެންމެ އަަގުބޮޑު ކޮންޓްރެކްޓެއްގެ ގޮތުގައި މީޑިއާއަށް ފެނިފައި އޮތީ އެމެރިކަން ފުޓްބޯޅަ ޓީމު ކަންސަސް ސިޓީއަށް މިދިޔަ އަހަރު ގެންދިޔަ ޕެޓްރިކް މެހޯމްސްގެ އެއްބަސްވުމެވެ. ކަންސަސް އިން އޭނާގެ ސޮއި ހޯދީ 450 މިލިއަން ޑޮލަރު ލިބޭ ގޮތަށް 10 އަހަރުގެ އެއްބަސްވުމެއްގަ އެވެ.

މެސީއާ އެންމެ ވާދަވެރި ކްރިސްޓިއާނޯ ރޮނާލްޑޯ މި ވަގުތު ޔުވެންޓަސްގައި ހުރީ އަހަރަކު 36 މިލިއަން ޑޮލަރު ލިބޭ ގޮތަށެވެ.

އެލް މުންޑޯގެ ރިިޕޯޓްގައިވާ ކޮންޓްރެކްޓްގެ މައުލޫމާތު ބާސެލޯނާ އިން ދޮގެއް ނުކުރެ އެވެ. ބާސެލޯނާ އިން ނެރުނު ބަޔާނުގައި ބުނީ މިއީ މެސީ އާއި ބާސެލޯނާއާ ދެމެދު ވެވިފައިވާ ޕްރޮފެޝަނަލް އެއްބަސްވުމެއް ކަމަށާއި އޭގެ ވާހަކަތައް ތަފްސީލީ ގޮތަކަށް މީޑިއާގައި ގެނެވޭނީ ކްލަބްގެ ވެސް ހުއްދަ ހޯދައިގެން ކަމަށެވެ. އެ މައުލޫމާތު އެގޮތަށް ހާމަކުރުމުން ލިބުނު ގެއްލުންތަކާ ދެކޮޅަށް ގާނޫނީ ގޮތުން ފިޔަވަޅު އަޅަން ނިންމާފައިވާ ކަމަށް ވެސް ބާސެލޯނާ އިން ބުންޏެވެ.

ބާސެލޯނާ އިން ބުނީ މެސީ އަށް ކްލަބްގެ ފުރިހަމަ ސަޕޯޓް އެބަ އޮތް ކަމަށެވެ. އަދި ކޮންޓްރެކްޓްގެ މައުލޫމާތު ލީކުވީ ކްލަބްގެ ތެރެއިން ނޫންކަން ކަށަވަރު ކަމަށް ވެސް ބުންޏެވެ.

މެސީގެ ކޮންޓްރެކްޓް ލީކުވި ގޮތާ މެދު ބާސެލޯނާގެ ކޯޗު ރޮނާލްޑް ކޫމަން ވަނީ ވަރަށް ބޮޑަށް ހިތްހަމަނުޖެހިފަ އެވެ. ކޫމަން ބުނީ މެސީ އާއި ބާސެލޯނާގެ ގުޅުން ގޯސްކުރަން މަސައްކަތްކުރާ ބަޔަކު އެބަތިބި ކަމަށާއި މިއީ އެ މީހުން އަޑީގައި ތިބެގެން ކުރި ކަމެއް ކަމަށެވެ.

ސްޕެއިނުގެ ބައެއް ނޫސްތަކުން ރިޕޯޓްކުރާ ގޮތުގައި މެސީގެ ކޮންޓްރެކްޓްގެ މައުލޫމާތު ލީކުކޮށްލުމުގެ ފަހަތުގައި މިހާރު އެ ކްލަބްގެ ވަގުތީ ލީޑަޝިޕްގެ ބައިވެރިވުމެއް އެބަ އޮތެވެ. އެކަމަށް ބާރު ލިބޭ އެންމެ ބޮޑު ސަބަބަކީ މިދިޔަ މަހު ދިން އިންޓަވިއުއެއްގައި ބާސެލޯނާގެ ވަގުތީ ރައީސް ކާލެސް ޓަސްކުއެޓްސް ދެއްކެވި ވާހަކަތަކެވެ. އޭނާ ވިދާޅުވީ މެސީ ވިއްކާލި ނަމަ އެއީ މާލީ ގޮތުން ބަލާއިރު ބާސެލޯނާ އަށް ގޯސް ނިންމުމެއް ކަމަށް ނުބެލެވޭނެ ކަމަށެވެ.

ބާސެލޯނާގެ އާ ރައީސަކު ހޮވާ އިންތިހާބު އޮންނާނީ އަންނަ މަހު ހަތެއްގަ އެވެ. އިންތިހާބުގައި ވާދަކުރާ ގިނަ ކެންޑިޑޭޓުން އަންނަނީ މެސީ އެ ޓީމުގައި މަޑުކުރުވަން ބޭނުން ކަމަށް ބުނަމުންނެވެ.

މި ސީޒަން ފެށުމުގެ ކުރިން މެސީ ވަނީ ބާސެލޯނާ ދޫކޮށްލަން ބޭނުންވާ ކަމަށް ބުނެފަ އެވެ. އެކަމަކު ފަހު ވަގުތު އެ ނިންމުން ބަދަލުކޮށް ބާސެލޯނާގައި މަޑުކުރަން ނިންމީ ހަމަނުޖެހުމެއްގެ ތެރެއިން ކްލަބް ދޫކޮށްލަން ބޭނުންނުވެގެންނެވެ.