ކޮވިޑް ވެކްސިން ޕްރޮގްރާމް ފަށައިފި؛ ފުރަތަމަ އައިޖީއެމްއެޗްގެ ޑރ. ޝިރާނީ އަށް
ކޮވިޑް ވެކްސިން ޕްރޮގްރާމް ފަށައިފި؛ ފުރަތަމަ އައިޖީއެމްއެޗްގެ ޑރ. ޝިރާނީ އަށް

ރާއްޖޭގައި ކޮވިޑް-19 ވެކްސިން ދިނުމުގެ ޕްރޮގްރާމް މީގެ އިރުކޮޅެއް ކުރިން ފަށައިފި އެވެ. އެންމެ ފުރަތަމަ ވެކްސިން ދިނީ އައިޖީއެމްއެޗްގެ މެޑިކަލް އޮފިސަރު ޑރ. ޝިރާނީ އަބްދުއްރަހީމަށެވެ. އޭނާ އަކީ ހުޅުމާލޭގައި ކޮވިޑަށް ހާއްސަކޮށް ހަދާފައިވާ ކޮވިޑް ފެސިލިޓީއާ އެންމެ ގިނަ ދުވަހު ހަވާލުވެ ހުންނެވި ޑޮކްޓަރެވެ.

ދެން ވެކްސިން ދޭނީ ރައީސް އިބްރާހިމް މުހަންމަދު ސޯލިހަށެވެ. އެމަނިކުފާނަށް ފަހު، ހަކުރު ބައްޔަށް ފަރުވާ ހޯދަމުން އަންނަ މީހަކަށާއި އިތުރު ބަޔަކަށް ވެކްސިން ދޭނެ އެވެ.

މީގެ އިތުރުން އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާނާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަދި ބައެއް ވަޒީރުން ވެސް ވެކްސިން ޖައްސަވާނެ އެވެ. މި ބޭފުޅުންގެ އިތުރުން ރާއްޖެ އަށް ވެކްސިން ހަދިޔާކުރި އިންޑިއާ އިން ރާއްޖޭގައި ހުންނަވާ ސަފީރު ސަންޖޭ ސުދީރު ވެސް ވެކްސިން ޖައްސަވާނެ އެވެ.

ވެކްސިން ޖަހަން ފެށުމަށް ސޯޝަލް ސެންޓަރުގައި ބޭއްވި ހަފްލާފައި ރައީސް ވަނީ މިކަމުގައި އެއްބާރުލުން ދިނުމަށް އެދިވަޑައިގެންފަ އެވެ. އުންމީދަކީ ކުރިއަށް އޮތް ހަ މަސް ދުވަސް ތެރޭ ރާއްޖެ އެންމެންނަށް ވެކްސިން ދީ ނިންމުން ކަމަށް ވިދާޅުވި އެވެ.

ޕްރޮގްރާމް ފެށުމަށް ފަހު ދެން ވެކްސިން ދޭނީ ފްރަންޓްލައިންގައި މަސައްކަތްކުރާ މީހުންނަށެވެ.