ރެލިގޭޝަނުގައި އޮތް ލޮރިއެންޓުން ޕީއެސްޖީ ބަލިކޮށްފި
ރެލިގޭޝަނުގައި އޮތް ލޮރިއެންޓުން ޕީއެސްޖީ ބަލިކޮށްފި

ޕެރިސް (ފެބްރުއަރީ 1) - ފްރެންޗް ލީގުގެ ރެލިގޭޝަނުގައި އޮތް ލޮރިއެންޓުން ރޭ ފަހަތުން އަރައި 3-2 އިން އެންމެ ފަހުގެ ޗެމްޕިއަން ޕީއެސްޖީ ބަލިކޮށްފި އެވެ.

އާ ކޯޗު މައުރީސީއޯ ޕޮޗެޓީނޯ ހަވާލުވި ފަހުން ޕީއެސްޖީ ފުރަތަމަ ފަހަރަށް ބަލިވިއިރު، ރޭގެ ނަތީޖާއާ އެކު އެ ޓީމު ވަނީ ލީގުގެ ތިން ވަނަ އަށް ވެއްޓިފަ އެވެ. ލީގުގެ އެއް ވަނައިގައި އޮތީ ރޭ ޑިޔޯން އަތުން 1-0 އިން މޮޅުވި ލިލް އެވެ. ލިލް އަށް 22 މެޗުން 48 ޕޮއިންޓް ލިބިފައިވާއިރު، ދެ ވަނައިގައި އޮތް ލިޔޯނަށް ވަނީ 22 މެޗުން 46 ޕޮއިންޓް ލިބިފަ އެވެ. ތިން ވަނައިގައި އޮތް ޕީއެސްޖީ އަށް 22 މެޗުން ލިބިފައިވަނީ 45 ޕޮއިންޓެވެ.

ޕީއެސްޖީގެ ކޯޗު ޕޮޗެޓީނޯ ބުނީ ބަލިވި ނަމަވެސް މި މެޗުން ވެސް އޭނާ އަށް ޕޮޒިޓިވް ކަންތައްތަކެއް ފެނިގެންދިޔަ ކަމަށާއި ފޯކަސް ހުރީ އެ ކަންތައްތަކަށް ވިސްނައިގެން ދެން ހުރި މެޗުތަކަށް ތައްޔާރުވުމަށް ކަމަށެވެ.

"ފުޓްބޯޅައިގައި އެކްސިޑެންޓް ހިނގާނެ. ހުރިހާ މެޗަކުން މޮޅެއް ނުވާނެ. އަހަރެމެން 100 ޕަސެންޓް ނުދޭކަމަށްވަންޏާ ބަލިވުމުގެ ފުރުސަތު އޮންނާނެ. ދެން އޮތީ މި މެޗުން ފެނުނު ޕޮޒިޓިވް ކަންތައްތަކަށް ވިސްނައިގެން ދެން މެޗުތަކުގައި ރަނގަޅުކުރުން،" ކުރިން ޓޮޓެންހަމަށް ކޯޗުކޮށްދިން ޕޮޗެޓީނޯ ބުންޏެވެ.

ލޮރިއެންޓް ދަނޑުގައި ކުޅުނު މެޗުގެ 36 ވަނަ މިނިޓްގައި އެ ޓީމަށް ލީޑުނަގައިދިނީ ލައުރެންޓް އަބެގެލް އެވެ. ފުރަތަމަ ހާފުގެ ފަހު މިނިޓާއި ދެ ވަނަ ހާފްގެ ކުރީކޮޅުގައި ލިބުނު ދެ ޕެނަލްޓީ ވެސް ކާމިޔާބުކޮށް ނޭމާ ވަނީ ޕީއެސްޖީ ކޮޅަށް ނަތީޖާ އަނބުރާލައިފަ އެވެ. ލޮރިއެންޓް މޮޅުވީ ފަހު 10 މިނިޓް ތެރޭ ދެ ގޯލު ޖަހައިގެންނެވެ. މެޗުގެ 80 ވަނަ މިނިޓްގައި ލޮރިއެންޓަށް އެއްވަރުކޮށްދިނީ ޔޯއަން ވިއްސާ އެވެ. އިތުރު ވަގުތުގައި ލޮރިއެންޓް މޮޅުކޮށްދިން ގޯލު ޖެހީ ތެރެމް މޯފީ އެވެ.

ލޮރިއެންޓް ލީގުގެ 18 ވަނައިގައި އޮތީ 21 މެޗުން 18 ޕޮއިންޓް ހޯދައިގެންނެވެ.