ޓުޗެލް އަށް ޗެލްސީގައި ފުރަތަމަ މޮޅު، ލިވަޕޫލް ތިން ވަނަ އަށް
ޓުޗެލް އަށް ޗެލްސީގައި ފުރަތަމަ މޮޅު، ލިވަޕޫލް ތިން ވަނަ އަށް

ލަންޑަން (ފެބްރުއަރީ 1) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ބާންލީ 2-0 އިން ބަލިކޮށް ތޯމަސް ޓުޗެލްގެ ކޯޗުކަމުގައި ޗެލްސީން ފުރަތަމަ މޮޅު ހޯދިއިރު، ރަށުންބޭރުގައި ވެސްޓް ހޭމް ޔުނައިޓެޑްގެ މައްޗަށް 3-1 އިން ކުރިހޯދައި ލިވަޕޫލް ލީގުގެ ތިން ވަނަ އަށް ޖެހިލައިފި އެވެ.

އަމިއްލަ ދަނޑުގައި 3-1 އިން ލީޑްސް ޔުނައިޓެޑް އަތުން ބަލިވެ ތިން ވަނައިގައި އޮތް ލެސްޓާ ސިޓީ ދެ ވަނަ އަށް އަރަން އޮތް ފުރުސަތު ނަގާލިއިރު، އެ ޓީމު ވަނީ ލިވަޕޫލްގެ މޮޅާ އެކު ހަތަރު ވަނަ އަށް ވެއްޓިފަ އެވެ. ލިވަޕޫލް ތިން ވަނަ އަށް އެރީ 21 މެޗުން 40 ޕޮއިންޓް ހޯދައިގެންނެވެ. ލެސްޓާ ހަތަރު ވަނައިގައި އޮތީ 21 މެޗުން 39 ޕޮއިންޓާ އެކު އެވެ.

މިދިޔަ ހަފްތާގައި ޗެލްސީގެ ކޯޗުކަމާ ހަވާލުވިތާ 24 ގަޑިއިރު ފަހުން ޓުޗެލް އެ ޓީމު ގޮވައިގެން ނުކުތް ފުރަތަމަ މެޗުގައި ވަނީ ވުލްވްސްއާ ލަނޑެއް ނުޖެހި އެއްވަރުވެފަ އެވެ. ރޭގެ މެޗުގައި ބާންލީއާ ދެކޮޅަށް ޗެލްސީގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނުނުއިރު، އެ ޓީމުގެ ލަނޑުތައް ޖެހީ ސެޒާ އަޒްޕިލިކުއޭޓާ އާއި އަލުން ޓީމުން ފުރުސަތު ދިން މާކޯސް އަލޮންސޯ އެވެ.

ޓުޗެލް ބުނީ އޭނާ ބޭނުންވާ ސްޓައިލަށް ކުޅެން ޓީމެއްގެ ގޮތުގައި ކުރި މަސައްކަަތް ފާހަަގަކުރާ ކަމަށެވެ. މި މޮޅާ އެކު ޗެލްސީ އޮތީ 21 މެޗުން 33 ޕޮއިންޓާ އެކު ލީގުގެ ހަތް ވަނައިގަ އެވެ. އެއީ އަށް ވަނައިގައި އޮތް އެވަޓަން އާއި ނުވަ ވަނައިގައި އޮތް އެސްޓަން ވިލާ އަށް ވުރެ ދެ މެޗު އިތުރަށް ކުޅެގެންނެވެ.

އަނިޔާގެ ސަބަބުން ސަޑިއޯ މާނޭ ނުލައި ލިވަޕޫލުން ރޭ ކުޅުނު މެޗަށް އެ ޓީމުން ނުކުތީ ރޮބާޓޯ ފިރްމީނޯ ވެސް ބެންޗަށް ލައިގެންނެވެ. ލިވަޕޫލުން ތިން ގޯލު ވެސް ޖެހީ ދެ ވަނަ ހާފްގަ އެވެ. ފުރަތަމަ ދެ ގޯލު ޖެހީ މުހައްމަދު ސަލާހު އެވެ. ފުރަތަަމަ ލަނޑު އޭރިއާތެރެއިން ބޯޅަ ގޯލުގެ ދުރު ކަނަށް އަމާޒުކޮށްލިއިރު، ދެ ވަނަ ގޯލު ޖެހީ ކައުންޓަ އެޓޭކެއްގައި ޒެރްޑަން ޝަގީރީ ދިން ބޯޅައަކުންނެވެ. މި ލަނޑުތަކާ އެކު ސަލާހު ވަނީ މި ސީޒަނުގެ ހުރިހާ މުބާރާތެއްގައި 20 ގޯލު ހަމަކޮށްފަ އެވެ.

ލިވަޕޫލްގެ ފަހު ގޯލު ޖެހީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ފިރްމީނޯ ދިން ބޯޅައަކުން ޖިއޮޖީނިއޯ ވައިނަލްޑަމް އެވެ. ވެސްޓް ހޭމްގެ ހަމައެކަނި ގޯލު ޖެހީ ކްރެއިގް ޑޯސަން އެވެ.

މެޗަށް ފަހު ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބުނީ އާންމު ގޮތެއްގައި ވެސްޓް ހޭމް އަކީ އަމިއްލަ ދަނޑުގައި ރަނގަޅަށް ކުޅޭ ޓީމެއް ކަމަށާއި އެހެން ނަމަވެސް ލިވަޕޫލުން މެޗުގެ ކޮންޓްރޯލް ނަގައިގެން ދެއްކި ކުޅުމަށް ބަލާއިރު މިއީ އެ ޓީމަށް ހައްގު މޮޅެއް ކަމަށެވެ.

ބްރައިޓަން އަތުން 1-0 އިން ބަލިވެ ފަސް ވަނަ އަށް އަރަން ލިބިފައި އޮތް ފުރުސަތު ޓޮޓެންހަމް އިން ވަނީ ގެއްލުވާލައިފަ އެވެ. ވެސްޓް ހޭމް ފަސް ވަނައިގައި އޮތީ 21 މެޗުން 35 ޕޮއިންޓާ އެކު އެވެ. ހަ ވަނައިގައި އޮތް ޓޮޓެންހަމަށް 20 މެޗުން ވަނީ 33 ޕޮއިންޓް ލިިބިފަ އެވެ.