ވެކްސިން ދޭއިރު ދިމާވެދާނެ ކޮންމެ ހާލަތަކަށް ތައްޔާރު: ޑރ. ނަޒްލާ
ވެކްސިން ދޭއިރު ދިމާވެދާނެ ކޮންމެ ހާލަތަކަށް ތައްޔާރު: ޑރ. ނަޒްލާ

މާދާމާ ރާއްޖޭގައި ކޮވިޑް-19 ވެކްސިން ދޭން ފަށާއިރު ކޮންމެ މީހަކު ވެސް ވެކްސިންގެ ކުރިން އެ މީހެއްގެ ސިއްހީ ހާލަތު އޮޅުންފިލުވައިދޭންވާނެ ކަމަށާއި ވެކްސިން މަރުކަޒުތައް ވަނީ މައުލޫމާތު ދިނުމަށާއި ވެކްސިނާ ގުޅިގެން ދިމާވެދާނެ ކޮންމެ ހާލަތަކަށް ތައްޔާރުވެފައިވާ ކަމަށް ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއޯއީސީ) ގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު މިރޭ ވިދާޅުވެއްޖެ އެވެ.

ހދ. ކުޅުދުއްފުއްޓާއި މާލެ އާއި އައްޑޫގައި މާދަމާ ވެކްސިން ޖަހަން ފެށުމަށް ވެފައިވާ ތައްޔާރީތަކާ ބެހޭ ގޮތުން ނަޒްލާ ވިދާޅުވީ މާލޭގައި އޭޑީކޭ އާއި އައިޖީއެމްއެޗާއި ހުޅުމާލެ ހޮސްޕިޓަލާއި ވިލިމާލެ ހޮސްޕިޓަލާއި ސެނަހިޔާގައި ވެކްސިން ދޭނެ ކަމަށެވެ. ދެން ވެކްސިން ދޭނީ ހދ. ކުޅުދުއްފުށީ ހޮސްޕިޓަލްގެ އިތުރުން އައްޑޫ އިކުއުޓޯރިއަލް ހޮސްޕިޓަލްގަ އެވެ.

މާދަމާ ހެނދުނު ބާއްވާ ރަސްމިއްޔާތުގައި ބައެއް މީހުންނަށް ވެކްސިން ޖެހުމަށް ފަހު، މި ބުރުގައި ވެކްސިން ޖަހާނީ ކަނޑައަޅާފައިވާ ތަރުތީބުން ސިއްހީ ދާއިރާގައި މަސައްކަތްކުރާ މީހުންނަށް ކަމަށް ނަޒްލާ ވިދާޅުވި އެވެ.

"މާދަމާ ހަމައެކަނި ރަސްމިއްޔާތުގައި އެހެން ބައެއް ފަރާތްތަކަށް ވެކްސިން ދެވޭނެ ކަމަށް މައުލޫމާތު ލިބިފައި އޮތީ. އާންމުކޮށް ވެކްސިން ޖަހަމުން ގެންދާނީ އަޅުގަނޑުމެން އާންމު ކޮށްފައި އޮތް ވެކްސިން ޖަހާ އެލޮކޭޝަން ފްރޭމްވޯކްގެ ތެރެއިން،" ނަޒްލާ ވިދާޅުވި އެވެ.

ވެކްސިން ޖަހާއިރު ސަމާލުވާންވީ ކަންކަމާ ބެހޭ ގޮތުން މިރޭގެ ޕްރެސްގައި ނަޒްލާ ވިދާޅުވީ ކޮވިޑް-19 ގެ ވެކްސިން ފުރިހަމަ ވާނީ ވެކްސިން ދެ ޑޯޒް ފުރިހަމަވުމުން ކަމަށް ވާއިރު ދެ ޑޯޒްް ވެސް ފުރިހަމަ ކުރަން ޖެހެނީ އެއް ބާވަތެއްގެ ވެކްސިނަކުން ކަމަށެވެ. އަދި ދެ ޑޯޒް ފުރިހަމަވަންދެން ކޮވިޑުން ރައްކާތެރިވާން ފިޔަވަޅުތައް އަޅައިގެން އުޅެން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ރާއްޖޭގައި ދޭނީ ސީރަމް އިންސްޓިޓިއުޓް އޮފް އިންޑިއާގައި "ކޮވިޝީލްޑް" ގެ ނަމުގައި މާކެޓްކުރާ އޮކްސްފޯޑް-އެސްޓްރާޒެނެކާގެ ކޮވިޑް ވެކްސިނެވެ.

މީގެ އިތުރުން އެހެން ބައްޔަކަށް ވެކްސިން ޖަހާފައިވާ ނަމަ ކޮވިޑް-19 ގެ ވެކްސިން ޖެހުމުގެ ކުރިން 14 ދުވަސް ހަމަކުރަން ޖެހޭނެ ކަމަށާއި ކޮވިޑް-19 އަށް ކުރިން ޕޮޒިޓިވްވުމަށް ފަހު ރަނގަޅުވެފައިވާ މީހުން ވެސް 28 ދުވަސް ހަމަވުމަށް ފަހު އެ ވެކްސިން ޖެހޭނެ އޭނާ ވިދާޅުވި އެވެ.

"މިސާލަކަށް އިންފްލުއެންޒާ ވެކްސިން ޖަހާފައި ހުރިއްޔާ އެ ވެކްސިން ޖަހާތާ 14 ދުވަސް ފަހުން ކޮވިޑް ވެކްސިން ޖަހަން ވާނީ. އަދި ކޮވިޑް ވެކްސިން ޖެހުމަށް ފަހު 14 ދުވަސް ފަހުން އެހެން ވެކްސިނެއް ޖަހަން ވާނީ." ނަޒްލާ ވިދާޅުވި އެވެ.

ނަޒްލާ ވިދާޅުވި ގޮތުގައި ވެކްސިން ޖެހުމުން ސައިޑް އިފެކްޓްސްގެ ގޮތުގައި ރޯގާގެ ބައެއް އަލާމާތްތަކާއި ހީކެރުވުމާއި ބޯއެނބުރުމާއި ބޮލުގައި ރިއްސުމާއި ގައިގައި ރިއްސުން ފަދަ ކަންކަން ކޮންމެވެސް ވަރަކަށް ދިމާވެދާނެ އެވެ. އެކަމަކު ގައިގައި ފިތް ނެގުމާއި ނޭވާލާން އުނދަގޫވުން ފަދަ ހާލަތެއް ކުރިމަތިވެއްޖެ ނަމަ އަވަހަށް ޑޮކްޓަރަށް ދައްކަން ޖެހޭނެކަން ހަނދާންކޮށްދެއްވި އެވެ. އަދި އާދައިގެ ސައިޑް އިފެކްޓްތައް ފެންނަ ނަމަ، އެކަން އެޗްޕީއޭއަށް އަންގަން އެދިވަޑައިގަތެވެ.

"ވަރަށް ބޮޑު، ސިވިއާ އަލާމާތެއް ފެނިއްޖިއްޔާ ހޮސްޕިޓަލަށް ވަޑައިގަންނަވަން ވާނީ. އެހެން ކަހަލަ ކަންކަން ވެއްޖިއްޔާ އަޅުގަނޑުމެންނަށް ގުޅުއްވާފައި އެ މައުލޫމާތު ފޯރުކޮށް ދެއްވަން ވާނީ. އަދި ވެކްސިން ޖެހުމަށް ފަހު އެތަން ރަތްވެފައި ނުވަތަ ދުޅަވެފައި ހުއްޓަސް، އެތަނުގައި އެއްޗެހި އުނގުޅައި، ބޮނޑިތާން ކުރުން ކަހަލަ ކަމެއް ކުރުން ރަނގަޅެއް ނޫން،" ނަޒްލާ ވިދާޅުވި އެވެ.

ވެކްސިން ޖަހަން އަންނައިރު، އެހެން ބައްޔަކަށް ފަރުވާ ހޯދާ ނަމަ އެކަން އެނގޭނެ ލިޔުންތައް ގެނައުން މުހިންމު ކަމަށާއި ވެކްސިިން ޖަހާނީ ވެކްސިނާ ބެހޭ މައުލޫމާތު ދިނުމާއި ބައެއް ސުވާލުތައް ކުރުމަށް ފަހު އަދި ކޮންސެންޓް ފޯމެއްގައި ސޮއި ކުރުމަށް ފަހު ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ދިމާވެދާނެ ކޮޮންމެ ހާލަތަކަށް ފަރުވާ ދެވޭނެ ވަސީލަތްތައް ވެކްސިން ސެންޓަރުތަކުގައި ހުންނާނެ ކަމަށް ނަޒްލާ ވިދާޅުވި އެވެ.

"ވެކްސިން ޖެހުމަށް ފަހު މޮނިޓާ ކުރަން 15 މިނެޓް ބައިތިއްބާނެ. އެލާޖިކް ރިއެކްޝަން ހިސްޓްރީއެއް އޮތިއްޔާ 30 މިނެޓް ބައިތިއްބާނެ." ނަޒްލާ ވިދާޅުވި އެވެ.

ނަޒްލާ ވިދާޅުވި ގޮތުގައި 18 އަހަރުން ދަށުގެ ކުދިންނާއި މާބަނޑު މީހުންނަށް ވެކްސިން ނުޖެހުނަސް، ގާތުން ދޭ މައިންނަށް އެ ވެކްސިން ޖެހޭނެ އެވެ.

މާދަމާ ވެކްސިން ޖަހަން މި ފަށަނީ ނަޒްލާ ވިދާޅުވި ގޮތުގައި ވެކްސިން ޖެހުމަށް 560 މީހަކު ތަމްރީނުކުރުމަށް ފަހުގަ އެވެ. މުޅި ރާއްޖޭގައި ވެކްސިން ޖަހަން ފެށުމަށް އެހެން ރަށްރަށަށް ވެކްސިން ފޮނުވުމުގެ މަސައްކަތް ވެސް ކުރިއަށް ދާ ކަމަށް އޭނާ ވިދާޅުވި އެވެ.