01 ފެބުރުއަރީ 2021 - 08:46

މެދު ރާއްޖެތެރޭގެ ރަށެއްގައި، ކޮވިޑް-19 ފެތުރުނު ގޮތް އެ ރަށުގެ މީހަކު ކިޔައިދިނެވެ. ޓޫރިސްޓުންގެ މެދުގައި މަގުބޫލު އެ ރަށުން އެންމެ ފުރަތަމަ ޕޮޒިޓިވްވީ، ރަށަށް އެރި ބިދޭސީ މެހެމާނެކެވެ. އޭގެ ދުވަސްކޮޅެއް ފަހުން ދެން އެ ރަށުން ބަލިވީ، އޭނާ ހުރި ގެސްޓްހައުސްގައި މަސައްކަތް ކުރާ މީހެއްގެ އަނބިމީހާ އެވެ. އޭނާއަށް ބަލި ޖެހުނީ ކޮން ތަނަކުން، ކިހިނެއް ކަމެއް ނޭނގެ އެވެ. މާލެ ގޮސް ދެ ދުވަސް ނުވަނީސް، ބަލިވުމުން ބައެއް މީހުން ގަބޫލުކުރީ މާލޭން ބަލި ޖެހުނީ ކަމަށެވެ. އެކަމަކު ގިނަ މީހުންނަށް ބެލެވުނީ އޭނާ ރަށުން ދިޔަ އިރު ވެސް ބަލި ހުރީ ކަމަށެވެ.

އެކަމަކު ކިހިނެއް ހެއްޔެވެ؟

ޓޫރިސްޓު މީހާ ޕޮޒިޓިވްވި ކަން ރަށުގެ ގިނަ ބަޔަކަށް ނޭނގެ އެވެ. ރަށުގެ މީހުން ގަބޫލުކުރަނީ އެ މީހާއަށް ބަލި ޖެހުމުން، އޭނާ ހުރި ގެސްޓްހައުސްއިން އެކަން ސިއްރުކުރީ ކަމަށެވެ. އެ ވާހަކަ އާއްމުކޮށްފި ނަމަ، ވިޔަފާރިއަށް ބުރޫއަރައި، ހުޅުވާލިތާ އަދި މާ ގިނަ ދުވަހެއް ނުވާ ޓޫރިސްޓު ވިޔަފާރިއަށް އަނެއްކާވެސް ލޮޅުން އަރާފާނެ ކަމަށް ބެލެވުނީ އެވެ. އެކަމަކު އެކަން ސިއްރު ކުރުމުން، ނުވަތަ އާއްމުންނަށް ނޭނގުމުން، އެ ގެސްޓްހައުސްގައި ވަޒީފާ އަދާކުރާ މީހުންނަށް ވެސް ބަލަންވާ ވަރަށް ނުބެލެވުނީ އެވެ. ނަތީޖާއަކީ އާއްމުންގެ ތެރެއަށް ބަލި ނުކުތުމެވެ.

މި ފަހުން ކޮވިޑް ޖެހޭ މީހުންގެ އަދަދު މަދުވެ، ބަލިމަޑުކަމުން އަރައިގަނެވުނީ ކަމަށް ނިންމައިގެން ތިއްބާ، އަނެއްކާވެސް މިވަނީ ހާލަތު ގޯސްވެފަ އެވެ. ކުރިން ހަމައެކަނި ބަލި އިތުރުވީ މާލޭ ސަރަހައްދުންނެވެ. މިހާރު ހަމަ ގާތްގަނޑަކަށް އެ އަދަދުން އެބަ ރިސޯޓުތަކުން މީހުން ޕޮޒިިޓިވްވެ އެވެ. ބަލި ފެތުރު ގޮތެއް ނޭނގި، ރަށްރަށުން ވެސް ބަލި ދަނީ ފެންނަމުންނެވެ.

ގއ. ދެއްވަދޫން ޕޮޒިޓިވްވި މީހުން 80 އަށް ވުރެ މައްޗެވެ. އެ ރަށުގައި ބަލި ފެތުރުނީ ކިހިނެއް ކަމެއް ނޭނގެ އެވެ. މާލޭން ގޮސް ހޯމް ކަރަންޓީނުގައި ހުރި ތުއްތު ކުއްޖަކު ޕޮޒިޓިވްވުމުން، އާއްމުންގެ ސަމާލުކަން އެކަމަށް ލިބުނު ނަމަވެސް، ފަހުން އެނގުނު ގޮތުގައި މާ ކުރިއްސުރެ އެ ރަށުގައި ދިޔައީ ބަލި ފެތުރެމުންނެވެ. ރަށުން މާލެ ދިޔަ މީހަކަށް ބަލި ޖެހުމުން، މ. ކޮޅުފުށިން ވެސް ނެގީ ރެންޑަމް ސާމްޕަލެކެވެ. ސަތޭކައަށް ވުރެ ގިނަ މީހުން ޓެސްޓު ކުރި އިރު، ނުވަ މީހަކު ޕޮޒިޓިވްވި އެވެ. އެ ރަށަށް ވެސް ބަލި ދިޔަ ގޮތެއް ނޭނގެ އެވެ. ގިނަ ބަޔަކު ޕޮޒިޓިވްވުމުން، އެ ރަށުގައި ވެސް ބަލިމަޑުކަން އުޅޭތާ ދުވަސްކޮޅެއް ވެދާނެ ކަމަށް ގަބޫލުކުރެވެ އެވެ.
ބަލި ފެތުރުނީ ކިހިނެއްކަން ނޭނގުނަސް، ގަބޫލުކުރަން ޖެހޭ ހަގީގަތަކީ، ރަށެއްގައި ބަލި ފެތުރިދާނެ ގިނަ ސަބަބުތަކެއް ހުރިކަމެވެ. މާލެ އާއި ރަށްރަށުގައި ބަލި ފެތުރުނަ ނުދިނުމަށް ހަރުކަށި ގަވައިދުތަކެއް ހުރި ނަމަވެސް، އެކަންކަން މިހާރު ބާވެއްޖެ އެވެ. މާލޭންނާއި ރިސޯޓުތަކުން ރަށްރަށަށް ދާ މީހުން ދިހަ ދުވަހުގެ ކަރަންޓީން ފުރިހަމަ ކުރަން ޖެހުނު ނަމަވެސް، އެ ގަވައިދަށް ބޯ ނުލަނބައި، ބައެއް މީހުން މަގުމައްޗަށް ނުކުމެ އެވެ. ނޫނީ، އާއިލާގެ މީހުންނާއި ރަހުމަތްތެރިން ގޮސް، ރައްކާތެރިކަމުގެ ދުރުމިން ނުބަލައި އެ މީހުންނާ ބައްދަލުކުރެ އެވެ. ހަދިޔާބަދިޔާ ބަދަލުކުރެ އެވެ. ހޯމް ކަރަންޓީނު ނިންމައި، ޓެސްޓު ހަދާއިރު އެއިން މީހަކު ޕޮޒިޓިވް ވެއްޖެ ނަމަ، ގިނަ ބަޔަކު ތިބެނީ ބައްޔަށް ހުށަހެޅިފަ އެވެ.
ހޯމް ކަރަންޓީނުގެ އުސޫލާ ހިލާފުވެގެން، ބައެއް ރަށްރަށުގައި މީހުން ޕޮޒިޓިވްވެފައި ވެ އެވެ. މިހާރު މޮނިޓަރިންއަށް ލާފައިވާ އއ. މަތިވެރީގައި ވެސް އިއްޔެ ކުޑަކުދިންނަށް ބަލި ޖެހުނު އިރު، އެ ކުދިންނަށް ބަލި އެރީ، އެ ގޭގައި ތިބި އެ މީހުންގެ ކާފަ އާއި މާމަގެ ފަރާތުން ކަމަށް ވެ އެވެ. މާލޭގައި ތިބުމަށް ފަހު، ހޯމް ކަރަންޓީނު ވެގެން އެ ދެމަފިރިން ތިބީ ވެސް ހަމަ އެ ގޭގަ އެވެ.
ރަށެއްގައި ދިރިއުޅޭ ރަހުމަތްތެރިއަކަށް ފެނުނު މަންޒަރެކެވެ. ކައިރި ރިސޯޓަކުން، ޑޮކްޓަރަށް ދައްކަން ދިޔަ ޒުވާނަކު ޗުވިންގަމެއް ގަންނަން، ރަށު ތެރޭގައި ހުރި ފިހާރައަކަށް ވަން އިރު މާސްކެއް ނެތެވެ. ރިސޯޓުން ޑޮކްޓަރަށް ދައްކަން ދިޔަ މީހަކު، އާއްމުންގެ ތެރެއަށް ނުކުމެ އުޅޭތީ ސުވާލު އުފައްދަމުން، ފިހާރައިން ނުކުތްއިރު ކުރިމަތީގައި ހުރި ގޭގައި، ހޯމް ކަރަންޓީނުވެގެން ހުރި އަންހެން މީހާ ހުއްޓިގެން ހުރީ ބޭރު ދޮރު ކައިރީގަ އެވެ. ބޭންކަށް ޖަމާކޮށްދިނުމަށް އެދި އޭނާގެ ބޭބެއަށް ފައިސާތަކެއް ހަވާލުކުރި އިރު، އެ ދެމެދުގައި ރައްކާތެރިކަމުގެ އެއްވެސް ދުރުމިނެއް ނެތެވެ.
"ދެން ވިސްނާލާ ބަލި ކޮންޓްރޯލް ކުރާނީ ކިހިނެއް؟ މާދަމާ ވެސް އެއިން މީހަކު ޕޮޒިޓިވްކަން އެނގޭއިރު ގިނަ ބަޔަކަށް އޮންނާނީ ޖެހިފައެއްނު؟،" ވަރަށް ހިތްހަމަނުޖެހި ހުރެ އޭނާ ޝަކުވާކުރި އެވެ.
މާލޭގައި ދިރިއުޅޭ މީހުން އެނބުރި ރަށަށް ދާން ޖެހެނީ، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ހާއްސަ ހުއްދައެއްގެ ދަށުން ދުވަސްތަކަކަށް ގޭގައި ކަރަންޓީނު ވާން ޖެހޭ ގޮތަށެވެ. މިއަދާ ހަމައަށް ވެސް، ރަށްރަށުގައި ހަލުއިކަމާ އެކު ބަލި ނުފެތުރުމުގެ އެއް ސަބަބަކީ، ގިނަ ބަޔަކަށް ތަކުލީފު ބޮޑު އެ ގަވައިދެވެ. އެކަމަކު މާލެ ދަތުރުކުރާ އުޅަނދުފަހަރާއި މަސްވެެރިންނަށް އެ ގަވައިދު އިސްތިސްނާވެ އެވެ. ޝަރުތަކީ މާލެއަށް ނުފޭބުމެވެ. ސުވާލަކީ އެކަން ރަނގަޅަށް މޮނީޓާކުރެވޭ ހެއްޔެވެ؟ މާލޭ ނުފޭބުމަށް، ގަވައިދުގައި އޮތް ނަމަވެސް އެއްވެސް ބަޔަކު އެ މީހުން އެކަމަށް ބޯލަނބާތޯ ބަލާ ހެއްޔެވެ؟
މާލެ ދަތުރުކުރާ ގިނަ ބޯޓުފަހަރުންނާއި މަސް ދޯނިތަކުން މާލެ އަދި ހުޅުމާލެއަށް ފައިބަ އެވެ. އަނބިދަރިން ކައިރިއަށް ދާން، އެނބުރި ދޯންޏަށް އަރަނީ، ބަލި ފެތުރިފައިވާ ތަނަކުން ވިޔަފާރިކޮށްގެން، އެހެން ހިދުމަތްތައް ވެސް ހޯދައިގެންނެވެ. މިއީ ގިނަ ބަޔަކަށް އެނގޭ ކަމެކެވެ.
މާލެ ފޭބި ބޯޓުގެ ފަޅުވެރިންގެ ފަރާތުން، ވަރަށް ގިނަ ރަށްރަށަށް ބަލި ހިނގައްޖެ އެވެ. ބައެއް މީހުންގެ އާއިލާއާ ބައްދަލުވެ އެ މީހުންނަށް ބަލި ޖެހިއްޖެ އެވެ. ބޯޓުގެ ކައްޕި ނުވަތަ ފަޅުވެރިއަކު ޕޮޒިޓިވް ވެގެން، ގިނަ ރަށްތަކެއް އެތައް ފަހަރަކު މޮނީޓަރިންއަށް ވެސް ލައިފި އެވެ. މިއީ ހަމައެކަނި، އެޗްޕީއޭގެ ރެކޯޑްތަކުން ފެންނަން ހުރި ރަށްރަށުގެ ވާހަކަ އެވެ. ނޭނގި ބަލި ހިފައިގެން ދެވިފައި ހުރީ ކިތައް ރަށަށް ކަމެއް ވެސް ނޭނގެ އެވެ.
ކޮވިޑާ ހެދި ވަޅުޖެހިފައިވާ ޓޫރިޒަމް ފައްކާވާން ފެށީ އަދި ކިރިޔާ އެވެ. ގެސްޓްހައުސް ހިންގާ ރަށްރަށަށް މިހާރު ހިންދެމިލެވިއްޖެ އެވެ. އެކަމަކު ރާއްޖެއަށް ޓޫރިސްޓުން ގެނައުމުގެ ހުއްދަ ދިނީ ވެސް ބޮޑެތި ގަވައިދުތަކަކާ އެކުގަ އެވެ. މީހުން ދިރިއުޅޭ ރަށްރަށަށް ދާ ޓޫރިސްޓުން، މާސްކް އެޅުމަކީ މަޖުބޫރު ކަމެކެވެ. ޓޫރިސްޓުންނަށް ހިދުމަތް ދޭއިރު، ގެސްޓްހައުސްތަކުގެ މުވައްޒަފުން ވަކި ޔުނީފޯމެއްގައި ތިބުމާއި އެނބުރި ގެއަށް ދާއިރު ހެދުން ބަދަލުކޮށްގެން ދިޔުން މަޖުބޫރެވެ. ގެސްޓްހައުސްތަކުގައި ބޭނުން ކުރާ ތުވާއްޔާއި ބެޑްޝީޓް ފަދަ ތަކެތި ދޮންނަން ޖެހެނީ އެތަނުގެ ތެރޭގަ އެވެ.
އެކަމަކު މިފަދަ ގިނަ ގަވައިދުތައް އޮތީ ހަމަ ފޮތުގަ އެވެ. ރަށުތެރޭގައި އުޅޭއިރު ވެސް ގިނަ ޓޫރިސްޓުން މާސްކެއް ނާޅަ އެވެ. މެދު ރާއްޖެ ތެރޭގައި ޓޫރިސްޓަކު ޕޮޒިޓިވްވި ރަށުގައި، ގެސްޓްހައުސްގެ އެއްޗެހި ދޮންނަން ގެންދަނީ އެ ރަށުން ބަލި ޖެހުނު އަންހެން މީހާގެ ގެއަށެވެ. ގެސްޓްހައުސް ހިންގާ މީހުންނާއި ޓޫރިސްޓުން ވެސް ގަވައިދުތަކަށް ނުބެލުމަކީ، އެ މީހުންގެ ސަބަބުން ރަށެއްގައި ބަލި މަޑުކަން ފެތުރިދާނެ ސަބަބެކެވެ.
ދެން އޮތީ، އެކި ސަބަބުތަކަށް، ހާއްސަ ހުއްދައިގެ ދަށުން މާލޭން ރަށްރަށަށް ދާ މީހުންގެ ވާހަކަ އެވެ. އެކި މަސައްކަތް ކުރުމަށް، އެޗްޕީއޭގެ ހުއްދައިގެ ދަށުން، ފަސް ދުވަހަށް ވުރެ ގިނަނުވާ ގޮތަށް މާލޭން ރަށްރަށަށް ދެވެ އެވެ. އެކަމަކު މިއީ ވެސް، ފަރުވާތެރި ނުވެއްޖެ ނަމަ ބަލިމަޑުކަމަށް އޮތް ފުރުސަތެކެވެ.
އެޗްޕީއޭގެ ހާއްސަ ހުއްދައެއްގެ ދަށުން މިދިޔަ ހަފުތާގައި ފ. ނިލަންދުއަށް ދިޔަ މީހަކު ވެސް ވަނީ ޕޮޒިޓިވްވެފަ އެވެ. ގަވައިދުގައި އޮންނަނީ، އެ މީހުން އާއްމުންގެ ތެރެއަށް ނުނިކުމެ އުޅުމެވެ. އެކަމަކު މާލެ ގޮސް، ޓެސްޓު ހެދި އިރު ޕޮޒިޓިވް ނަތީޖާ ދެއްކި އެ މީހާ ވަނީ، އާއްމުންގެ ތެރެއަށް ނުކުމެ ގައިގޯޅިކޮށް ވެސް އުޅެފަ އެވެ. ކުޅެން ވެސް ދިޔަ އެވެ. އެއާ އެކު ބަލި ޖެހިދާނެ ކަމަށް އެ ރަށުން ގިނަ ބަޔަކު އެކަހެރި ކުރި އެވެ.
ވޭތުވެ ދިޔަ ހަފުތާއެއްގެ ތެރޭގައި އެކި ރަށްރަށުން 70 އަށް ވުރެ ގިނަ މީހުންނަށް ބަލި ޖެހުމަކީ ކުރިއާ ބަލާއިރު ބޮޑު އަދަދެކެވެ. ރަށްރަށުގައި ބަލި ފެތުރެމުން ދާ ގޮތުން، އެންމެ ރައްކާތެރީ ކޮން ރަށެއް ކަމެއް ބުނާކަށް ނޭނގެ އެވެ. ކޮންމެ ރަށެއްގައި ވެސް ބަލި އުޅެދާނެ އެވެ. ބައެއް މީހުން ބުނާ ގޮތުން، ރަށު ތެރެއިން ރެންޑަމް ސާމްޕަލް ނަގައިފި ނަމަ، ކޮންމެ ރަށަކުން ވެސް މީހުން ޕޮޒިޓިވް ވެދާނެ މިންވަރަށް މިހާރު ވަނީ ފަރުވާކުޑަކޮށްލައިފަ އެވެ.
އެންމެ ރައްކާތެރިކަން ބޮޑީ ފަރުދީ ޒިންމާ ނަގައިގެންނެވެ. މާސްކް އަޅައިގެން، ގައިދުރުކަން ބަހައްޓައިގެންނެވެ. އުސޫލުތަކާ އެއްގޮތަށް އަމަލުކޮށްގެންނެވެ. ނޫނީ ކޮވިޑް-19ގެ މި ބަލިމަޑުކަމުން އަވަހަށް ސަލާމަތްވުން ދުރެވެ.