31 ޖެނުއަރީ 2021 - 21:04

ކޮވިޑް-19 އަށް ފަރުވާ ހޯދަމުންދިޔަ 88 އަހަރުގެ މީހަކު މިރޭ މަރުވެ، ރާއްޖޭގައި މި ބަލީގައި މަރުވި މީހުންގެ އަދަދު 52 އަށް އަރައިފި އެވެ.
އެޗްޕީއޭ އިން ބުނީ މިރޭ 7:33 ގައި މަރުވީ ކޮވިޑް ޖެހިގެން ހުޅުމާލޭ ކޮވިޑް ފެސިލިޓީގައި ފަރުވާ ދެމުން ދިޔަ ދިވެހި ފިރިހެނެއް ކަމަށެވެ.
މިއީ މި އަހަރު ރާއްޖޭން ކޮވިޑްގައި މަރުވި ހަތަރު ވަނަ މީހާ އެވެ. މި މަހު 7، 21 އަދި 24 ވަނަ ދުވަހު ވެސް ވަނީ ކޮވިޑްގައި މީހަކު މަރުވެފަ އެވެ.
ރާއްޖޭން މިހާތަނަށް 15,736 މީހަކަށް ކޮވިޑް ޖެހިފައި ވާއިރު އޭގެ ތެރެއިން 14,096 މީހަކު ވަނީ ރަނގަޅުވެފަ އެވެ.
ކޮވިޑް ޖެހޭ މީހުންގެ އަދަދު ވަރަށް ބޮޑަށް މަދުވެފައި އޮތުމަށް ފަހު ކުއްލިއަކަށް ކޭސްތައް ވަނީ އިތުރުވެފަ އެވެ. މިހާރު ކޮންމެ 24 ގަޑިއިރަކު 100 އަށް ވުރެ ގިނަ ކޭސް ފެންނަމުން ދާއިރު ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދޭން ޖެހޭ މީހުންގެ އަދަދު ވެސް ވަނީ އިތުރުވެފަ އެވެ. އިއްޔެއާ ހަމަ އަށް 152 މީހަކު އެޓްމިކޮށްފައި އެބަތިއްބެވެ. މިއީ މި އަދަދު 50 އަށް ވުރެ ވެސް ދަށުގައި ހުރުމަށް ފަހު އައި ބޮޑު އިތުރުވުމެކެވެ.
ބަލި ޖެހޭ މީހުންގެ އިތުރުވެފައި ވާތީ ބަލިން ރައްކާތެރިވެ ތިބުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭ އިން ވަނީ އިލްތިމާސްކޮށްފަ އެވެ.