31 ޖެނުއަރީ 2021 - 19:49

ތެލް އަވީވް (ޖެނުއަރީ 31) - ފަލަސްތީނުގައި ކޮރޯނާވައިރަހާ ދެކޮޅަށް ފްރަންޓްލައިންގައި މަސައްކަތް ކުރާ ހެލްތު ވޯކަރުންނަށް ދިނުމަށް 5،000 ޑޯޒް ވެކްސިން ހިލޭ ދޭން އިޒްރޭލުން ނިންމައިފި އެވެ.
މުޅި ދުނިޔެ އަށް ބަލާއިރު ވެސް ވެކްސިން ދިނުމުގެ ޕްރޮގްރާމް އެންމެ ކާމިޔާބުކަމާ އެކު ކުރިއަށް ގެންދާ ގައުމަކީ އިޒްރޭލެވެ. އެ ގައުމުން މިހާރު ވަނީ އާބާދީގެ 20 ޕަސެންޓް ނުވަތަ 1.7 މިލިއަން މީހުންނަށް ވެކްސިންގެ ދެ ޑޯޒް ދީފަ އެވެ. ތިން މިލިއަނަށް ވުރެ ގިނަ މީހުންނަށް ވަނީ ފުރަތަމަ ޑޯޒް ދީފަ އެވެ. އެކަމަކު ފަލަސްތީނަށް އަދި ވެކްސިން ޖެހުމުގެ ފުރުސަތު ލިބިފައެއް ނުވެ އެވެ.
އިޒްރޭލުން ބުނެފައި ވަނީ ވެކްސިން ހަދިޔާ ކުރަނީ ފަލަސްތީނުން އެދިގެން ނޫން ކަމަށެވެ. އިޒްރޭލުން ދޭ ވެކްސިންއާ ގުޅޭ ގޮތުން ފަލަސްތީނުން އަދި އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ.
އިޒްރޭލުން މިހާތަނަށް 640،000 އަށް ވުރެ ގިނަ މީހުންނަށް ކޮވިޑް ޖެހިފައިވާ އިރު 4،700 މީހުން ވަނީ މަރުވެފަ އެވެ. ފަލަސްތީނުން 160،000 މީހުންނަށް ކޮވިޑް ޖެހުނު އިރު 1،833 މީހުން ވަނީ މަރުވެފަ އެވެ.
ވެކްސިން އުފައްދާ ބައެއް ކުންފުނިތަކާ އެކު މަޝްވަރާ ކުރި ނަމަވެސް ރަޝިޔާ އިން ދިން ވެކްސިން ޑޯޒްތަކެއް ފިޔަވައި ފަލަސްތީނަށް އެއްވެސް ވެކްސިނެއް އަދި ލިބިފައެއް ނުވެ އެވެ. އެ ގައުމުން އުއްމީދު ކުރަނީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ކޯވެކްސް ސްކީމުގެ ތެރޭން ވެކްސިން ލިބޭނެ ކަމަށެވެ. ފަލަސްތީނުގެ 2.7 މިލިއަން މީހުން ހުޅަނގު އައްސޭރީގައި ދިރިއުޅޭ އިރު 1.8 މިލިއަން މީހުން ގާޒާގައި ދިރިއުޅެ އެވެ.