ޖޯން "ސަތިޔަމޭވް ޖަޔަތޭ 2" ނިންމާލައި "އެޓޭކް" ގެ މަސައްކަތް ފަށައިފި
ޖޯން "ސަތިޔަމޭވް ޖަޔަތޭ 2" ނިންމާލައި "އެޓޭކް" ގެ މަސައްކަތް ފަށައިފި

މިދިޔަ އަހަރުގެ ލޮކްޑައުންއާ ހެދި ޝޫޓިން ފަސްވި ޖޯން އަބްރަހަމްގެ "ސަތިޔަމޭވް ޖަޔަތޭ 2" ގެ ޝޫޓިން އެއްކޮށް ނިންމާލައި އޭނާ "އެޓޭކް" ގެ މަސައްކަތް ފަށައިފި އެވެ.

ލަކްޝިއާ އާނަންދު ރާޖް ޑައިރެކްޓްކުރާ މި އެކްޝަން ތުރިލާގެ މަންޒަރުތައް މި ވަގުތު ކުރިއަށް ދަނީ ނިއު ދިއްލީގަ އެވެ. "އެޓޭކް" ގެ ޝޫޓިން އޮތީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ފަށައިފަ އެވެ. ރިޕޯޓްތައް ބުނާގޮތުން ފިލްމުގެ ބާކީ މަންޒަރުތައް ނެގުމުގެ މަސައްކަތް މިހާރު ކުރިއަށްދާ އިރު، ފިލްމުގެ ޝޫޓިން ނިންމައިލެވޭނެ ދުވަހެއް ނޭނގެ އެވެ. ސަބަބަކީ ފިލްމުގައި އިނގިރޭސި އެކްޓަރަކު މަސައްކަތްކުރާތީ އާއި އޭނާ ކުރިން ފިލްމަށް ބައެއް މަންޒަރުތައް ޝޫޓްކޮށްފައި ވިޔަސް، އިނގިރޭސިވިލާތް މި ވަގުތު ކޮވިޑާ ހެދި ލޮކްޑައުންގައި އޮތުމުން ދަތުރުފަތުރު ކުރެވެން ނެތުމެވެ.

އެހެންވެ "އެޓޭކް" ގެ ޓީމުން ނިންމާފައި ވަނީ އޭނާ ހިމަނައިގެން ނަގަން ޖެހޭ މަންޒަރުތައް ފިޔަވައި އެހެން ހުރިހާ މަންޒަރުތަކެއް މި ފަހަރު ނިންމައިލާށެވެ. މި ފިލްމުގެ ބަތަލާއިންނަކީ ޖެލްކިން ފެނަންޑޭޒާއި ރަކުލް ޕްރީތު ސިންގް އެވެ.

"އެޓޭކް" ނިންމާފައި ދެން ޖޯން ވަގުތި ދޭނީ ޝާހްރުކް ޚާންގެ "ޕަތާން" އަށެވެ. މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ޝޫޓިން ފަށާފައި އޮތް ފިލްމުގެ މަންޒަރުތަކެއް ދާދި ފަހުން ދުބާއިގައި ވެސް ނަގާފައިވެ އެވެ. އަދި ވަރަށް އަވަހަށް އަބޫ ދާބީގައި ޝޫޓިން ކުރިއަށް ގެންދަން ރާވާފައިވާތީ އެ ޝެޑިއުލާ ޖޯން ގުޅޭނެ އެވެ.

ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) އިން ޕްރޮޑިއުސްކޮށް، ސިދާތު ޑައިރެކްޓްކުރާ "ޕަތާން" ގެ ކާސްޓްގައި ދީޕިކާ ޕަދްކޯނާއި ޑިމްޕަލް ކަޕާޑިއާ ވެސް ހިމެނެ އެވެ. މި ފިލްމު ސިނަމާތަކަށް ގެންނާނީ މި އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގަ އެވެ.

މި އަހަރު ޖޯން ފެންނާނެ ފިލްމުތަކުގެ ތެރޭގައި "ސަތިޔަމޭވް ޖަޔަތޭ 2" އާއި "ޕަތާން" ގެ އިތުރުން "މުމްބާއީ ސާގާ" އާއި "ސަރުދާރު އެންޑް ގްރޭންޑްސަން" ހިމެނެ އެވެ.

ޖޯންގެ 2018 ގެ ފިލްމު "ސަތިޔަމޭވް ޖަޔަތޭ" ގެ ސީކްއެލްގެ ގޮތުގައި ގެނެސްދޭ "ސަތިޔަމޭވް ޖަޔަތޭ 2" ރިލީޒްކުރާނީ މި އަހަރުގެ ފިތުރު އީދާ ދިމާކޮށް މެއި 14 ގަ އެވެ. ރިޕޯޓްތައް ބުނާގޮތުން "މުމްބާއީ ސާގާ" ގެނެސްދޭނީ އެމެޒޯން ޕްރައިމް ވީޑިއޯއިންނެވެ.