01 ފެބުރުއަރީ 2021 - 07:20

މިދިޔަ އަހަރަކީ ކޮވިޑް-19 ގެ ބަލިމަޑުކަމާ ހެދި ސިނަމާތައް ބަންދުކުރަން ޖެހި އިންޑިއާގެ ފިލްމީ ފޯރި ވަރަށް ކުޑަވި އަހަރެކެވެ. މިކަމުގެ ސަބަބުން ގިނަ ފިލްމުތަކެއް ޑިޖިޓަލްކޮށް ޕްރިމިއާކުރަން މަޖުބޫރުވި އެވެ.
އިންޑިއާގެ ލޮކްޑައުންއާ އެކު މާޗް މަހުގެ ފަހުކޮޅު ސިނަމާތައް ބަންދުކޮށް އޮކްޓޯބަރު މަހުގެ މެދު ތެރޭގައި އަލުން ހުޅުވަން ހުއްދަ ދިން ނަމަވެސް އަދިވެސް ސިނަމާތަކުގެ ފޯރިއެއް ނެތެވެ. ގިނަ ބަޔަކު ތިބީ ކޮވިޑްގެ ބިރާ ހެދި އަދިވެސް ސިނަމާތަކަށް ދިއުމާ ދޭތެރޭ ދެ ހިޔާލެއްގަ އެވެ.
މިއާ އެކު ބޮލީވުޑްގެ ޒުވާން އެކްޓަރު ކާތިކް އާރިޔަން ޓްވިޓާގައި ސުވާލުކުރީ ފިލްމު ބަލާނީ ސިނާމަތަކުގައިތޯ ނުވަތަ ޑިޖިޓަލް ޕްލެޓްފޯމްތަކުންތޯ އެވެ؟ ކާތިކްގެ އެ ސުވާލަށް އޭނާ ފޮލޯކުރާ ފޭނުން ދީފައި ހުރި ޖަވާބުތަކަށް ބަލާ އިރު ހުރީ މަސްހުނި ޖަވާބުތަކެކެވެ. ބައެއް މީޑިއާތަކުން ބުނީ މިއީ އަހަރުގެ ބޮޑު ސުވާލު ކަމަށެވެ.
ކާތިކަކީ އޭނާގެ ފިލްމުތައް ޑިޖިޓަލްކޮށް ރިލީޒްކުރަން ގަޔާވާ އެކްޓަރެއް ނޫނެވެ. ޑިސެމްބަރު މަހުގެ ތެރޭގައި އޭނާ 10 ދުވަހުން ޝޫޓިން ނިންމައިލި "ދަމާކާ" އަށް އެއްބަސްވީ ވެސް އެގްރިމަންޓްގައި އެ ފިލްމަކީ ސިނަމާތަކުގައި ޕްރިމިއާކުރަން ޖެހޭނެ ފިލްމެއް ކަމަށް ޝަރުތުކޮށްފަ އެވެ.
ނަމަވެސް ރިޕޯޓްތައް މިހާރު ބުނާ ގޮތުން ރޯނީ ސްކްރޫވާލާ ޕްރޮޑިއުސްކޮށް، ރާމް މަދުވާނީ ޑައިރެކްޓްކޮށްފައިވާ ފިލްމު ބެލުންތެރިންނަށް ގެނެސްދޭނީ ނެޓްފްލިކްސް ޕްރިމިއާއާ އެކީގަ އެވެ. މި ނިންމުމާ ގުޅިގެން ކާތިކް ރުއްސަން އޭނާ ފިލްމަށް ސޮއިކުރި އަގުގެ އިތުރުން ވެސް، ބައެއް ދީފައިވާ ކަމަށް ބައެއް މީޑިއާތަކުން ދާދި ފަހުން ރިޕޯޓްކޮށްފައިވެ އެވެ.
ބޮލީވުޑްގެ ޚަބަރުތައް ގެނެސްދޭ ބައެއް ނޫސްތަކުން ބުނެފައިވާ ގޮތުގައި "ދަމާކާ" ގެ ޑިޖިޓަލް ރައިޓްސް މިހާރު ވަނީ ނެޓްފްލިކްސް އަށް 85 ކްރޯޑް ރުޕީސް (11.66 މިލިއަން ޑޮލަރު) އަށް ވިއްކާލައިފަ އެވެ. ނަމަވެސް މިކަން އަދި ފިލްމުގެ ޓީމުން ރަސްމީކޮށް އިއުލާނެއް ނުކުރެ އެވެ.
ކާތިކް އެންމެ ފަހުން ފެނިފައި ވަނީ މިދިޔަ އަހަރުގެ ފެބްރުއަރީގައި ރިލީޒްކުރި "ލަވް އާޖް ކަލް" އިންނެވެ. އޭނާގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "ދޯސްތާނާ 2" އާއި "ބޫލް ބުލައްޔާ 2" ގެ އިތުރުން "ފްރެޑީ" ހިމެނެ އެވެ.
އިންޑިއާގެ ސިނަމާތަކުގެ ފޯރި އަދި ވަރަށް ވަނދުކޮށް އޮތް އިރު، ސަރުކާރުން މިހާރު ވަނީ 100 ޕަސަންޓް ކެޕޭސިޓީއާ އެކު މިއަދުން ފެށިގެން ފިލްމުތައް ދައްކަން ހުއްދަ ވެސް ދީފަ އެވެ. ލޮކްޑައުން އަށް ފަހު އެންމެ ފުރަތަމަ ހުއްދަ ދިނީ 30 ޕަސަންޓް ކެޕޭސިޓީއަށެވެ. އޭގެ ފަހުން 50 ޕަސަންޓަށް އިތުރުކުރި އެވެ.
މިހާރު މަޑުމަޑުން އަންނަނީ ފިލްމުތައް ސިނަމާތަކުގައި ރިލީޒްކުރާ ތާރީހުތައް ވެސް އިއުލާންކުރަމުންނެވެ.