ވެކްސިނާ މެދު ބިރުވެރިކަން އުފެެދޭގޮތަށް ވާހަކަ ނުދައްކަން ސިޔާސީ ފަރާތްތަކަށް އިލްތިމާސްކޮށްފި
ވެކްސިނާ މެދު ބިރުވެރިކަން އުފެެދޭގޮތަށް ވާހަކަ ނުދައްކަން ސިޔާސީ ފަރާތްތަކަށް އިލްތިމާސްކޮށްފި

ރާއްޖެއަށް ގެނެސްފައިވާ ކޮވިޑް-19 ވެކްސިން ކަމަށްވާ "ކޮވިޝީލްޑް" އާ މެދު ރައްޔިތުންގެ ހިތުގައި ޝައްކާއި ބިރުވެތިކަން އުފެދޭގޮތަށް ސިޔާސީ ފަރާތްތަކުން ވާހަކަނުދައްކަން އިލެކްޝަންޝް ކޮމިޝަން (އީސީ) އިން މިއަދު އިލްތިމާސްކޮށްފި އެވެ.

އެ ކޮމިޝަންގެ ދެންނެވުމެއްގައި ބުނީ ބަލިމަޑުކަމުން އަރައިގަތުމަށްޓަކައި ރާއްޖެއިން ވެސް މަސައްކަތްކުރަމުން އަންނަ މި ދަނޑިވަޅުގައި ވެކްސިނާ މެދު ރައްޔިތުންގެ ހިތުގައި ބިރުވެރިކަން އުފެދޭ ގޮތަށް ސިޔާސީ ފޯރަމްތަކާއި ސިޔާސީ ޕާޓީތަކުގެ އިސް ބޭފުޅުން ވާހަކަދައްކާތީ ކަންބޮޑުވާ ކަމަށެވެ.

އަންނަ އޭޕްރީލް މަހު ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ކޮމިޓީގެ އިންތިޚާބު ބާއްވަން ނިންމާފައިވާއިރު، ކެމްޕޭނާއި އިންތިޚާބުގެ އެހެން މަސައްކަތްތަކަށް ރައްކާތެރި މާހައުލެއް ގާއިމްވެފައި އޮތުމަކީ ވޯޓުލާ މީހުންގެ އަދަދު އިތުރުވެގެންދާނެ ކަމަށް އީސީން ބުންޏެވެ.

"....ގިނަ ބައެއްގެ ބައިވެރިވުން އިންތިޚާބަށް ލިބިގެންދާނެ ކަމަކަށް ވާތީ، ކޮވިޑް-19 އަށް ރައްކާތެރިވުމަށް ދެވޭ ވެކްސިން ގުޅޭގޮތުން ސައްހަ ނޫން މައުލޫމާތު ނުފެތުރުއްވުމަށް އަދި މި ވެކްސިން ސިޔާސީ ނުކުރެއްވުމަށް ސިޔާސީ ޕާޓީތަކާއި ސިޔާސީ ޕާޓީގެ މެމްބަރުންނަށް މި ކޮމިޝަނުން އިލްތިމާސްކުރަމެވެ،" ދެންނެވުމުގައި ވެ އެވެ.

އީސީން އެހެން ބުނެފައިވަނީ މާދަމާ ރާއްޖޭގެ ތިން ސަރަހައްދެއްގައި ދޭން ފަށާ "ކޮވިޝީލްޑް" ވެކްސިނާ މެދު އިދިކޮޅު ކޯލިޝަންގެ ދެ ނައިބުން ކަމަށްވާ، ކުރީގެ މިނިސްޓަރު މުހައްމަދު ހުސައިން ޝަރީފު (މުންދު) އަދި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާޟް ދެއްކެވި ވާހަކަތަކަށް ފާޑުކިޔުން އަމާޒުވެފައި ވަނިކޮށެވެ.

އަމިއްލަ ނަމުގައި މުންދު ރޭ ނެރުއްވި ބަޔާނުގައި ވިދާޅުވީ މިދިޔަ ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހާމަކުރީ ޕީޕީއެމްގެ ހެލްތު އެޑްވައިޒަރީ ކޮމިޓީން ހެދި ދިރާސާއެއް ކަމަށާއި ދައްކާފައި ވާނީ މުހިންމު އަދި ސައްހަ ވާހަކަތަކެއް ކަމަށެވެ. އަދި ރާއްޖެ އަށް ގެނެސްފައިވާ ކޮވިޝީލްޑް ވެކްސިނަކީ އޮކްސްފޮޑް-އެކްސްޓްރަޒެނެކާގެ ސީޑް ފޯމިއުލާއިން އުފައްދާފައިވާ ވެކްސިނެއް ކަމަށާއި އެއީ އޮކްސްފޮޑް-އެކްސްޓްރަޒެނެކާ އިން ތައްޔާރުކުރާ ވެކްސިނެއް ނޫން ކަމަށް މުންދު ވިދާޅުވެ އޭނާގެ ވާހަކަތައް ދިފާއުކުރައްވާފައިވެ އެވެ.

މާދަމާ މާލެ އާއި އައްޑޫގެ އިތުރުން ހދ. ކުޅުދުއްފުށީގައި ވެކްސިން ދޭން ފަށާނެ އެވެ.

ރާއްޖޭގައި ދޭން ނިންމާފައިވާ އޮކްސްފޯޑް-އެސްޓްރަޒެނެކާގެ ކޮވިޑް-19 ވެކްސިނަށް ކަމަށްވާ "ކޮވިޝީލްޑް" އަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ވަނީ ހުއްދަ ދީފަ އެވެ. ކޮވިޝީލްޑަކީ އޮކްސްފޯޑް ޔުނިވަސިޓީ އާއި އެސްޓްރަޒެނެކާ ގުޅިގެން ތައްޔާރުކޮށްފައިވާ ވެކްސިންގެ ފޯމިއުލާއާ އެއްގޮތަށް، ދުނިޔޭގައި އެންމެ ގިނައިން ވެކްސިން އުފައްދާ ކުންފުނި، ސީރަމް އިންސްޓިޓިއުޓުން އުފައްދާ ވެކްސިނެވެ.

ރާއްޖޭގައި މިހާރު ހުރީ އިންޑިއާގައި އުފައްދާ އޮކްސްފޯޑް-އެސްޓްރަޒެނެކާގެ "ކޮވިޝީލްޑް" 100،000 ޑޯޒެވެ. އަދި އެސްޓްރަޒެނެކާގެ އިތުރު 700،000 ޑޯޒް ގަންނަން އެސްޓްރާޒެނެކާގެ ސިންގަޕޫރު ކުންފުންޏާ އެކު ވަނީ ރާއްޖޭން ސޮއިކޮށްފަ އެވެ.