ދައުލަތުގެ އިސް ހިދުމަތްތެރިއެއް ކަމަށް ވާ ކަރަންކާ ރަޝީދު އަވަހާރަވެއްޖެ
ދައުލަތުގެ އިސް ހިދުމަތްތެރިއެއް ކަމަށް ވާ ކަރަންކާ ރަޝީދު އަވަހާރަވެއްޖެ

ދައުލަތުގެ އިސް މަގާމުތަކެއް އަދާކުރައްވައި، ދިގު މުއްދަތެއްގައި ހިދުމަތްކުރެއްވި، ނިޝާން ޣާޒީ އިއްޒަތުގެ ވެރިޔާ، އިބްރާހިމް ރަޝީދު (ކަރަންކާ ރަޝީދު) މިއަދު މާލޭގައި އަވަހާރަވެއްޖެ އެވެ.

ދައުލަތުގެ އިސް ހިދުމަތްތެރިއެއް ކަމަށް ވާ ކަރަންކާ ރަޝީދު އަވަހާރަވެއްޖެ
ދައުލަތުގެ އިސް ހިދުމަތްތެރިއެއް ކަމަށް ވާ ކަރަންކާ ރަޝީދު އަވަހާރަވެއްޖެ

ކަރަންކާ ރަޝީދު އަވަހާރަވި އިރު އުމުރުން 92 އަހަރެވެ.

ކަރަންކާ ރަޝީދަކީ ޑެޕިއުޓީ ޕްރައިމް މިނިސްޓަރުކަމުގެ އިތުރުން އެތައް މިނިސްޓްރީއެއްގެ މިނިސްޓަރުކަން ކުރެއްވި ބޭފުޅެކެވެ.

އެމަނިކުފާނު ސަރުކާރަށް ހިދުމަތްކުރައްވަން ފެއްޓެވީ ކުރީގެ ރައީސް މުހައްމަދު އަމީންގެ ވެރިކަމުގަ އެވެ. އޭގެ ފަހުން ހެލްތު މިނިސްޓަރުކަމާއި ހޯމް މިނިސްޓަރުކަމުގެ އިތުރުން 1962 ވަނަ އަހަރު ކެބިނެޓް ސެކްރެޓަރީކަން ވެސް ކުރެއްވި އެވެ.

ދެކުނުގެ ތިން އަތޮޅެއް ސަރުކާރާ ވަކިވުމުން އެކަން ހައްލުކުރަން ސަރުކާރުން އުފެއްދި ކޮމިޓީގެ މެމްބަރުކަން ވެސް ކަރަންކާ ރަޝީދު ކުރެއްވި އެވެ.

ރަޝީދަކީ ރާއްޖޭގެ މިނިވަންކަމުގެ ބާނީ އިބްރާހިމް ނާސިރުގެ އެންމެ އަރިސް އެއް ބޭފުޅެވެ. ނާސިރު 1978 ގައި ރާއްޖެ ދޫކުރައްވައި ސިންގަޕޫރަށް ވަޑައިގެންނެވި ގޮތަށް އެ ގައުމުގައި އުޅުއްވި އިރު ބައްދަލުކުރެއްވި މަދު ދިވެހިންގެ ތެރޭގައި ވެސް ރަޝީދު ހިމެނިވަޑައިގަތެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ރަޝީދު އަވަހާރަވުމުގެ ހިތާމާގައި މާދަމާއިން ފެށިގެން ތިން ދުވަސް ވަންދެން ދިވެހި ގައުމީ ދިދަ ބައި ދަނޑިއަށް ތިރިކުރަން ނިންމަވައިފަ އެވެ.

އެނގިފައިވާ ގޮތުގައި ކަރަންކާ ރަޝީދު އަވަހާރަވީ އާލާސްކަންފުޅާ އުޅުއްވާތާ ދުވަސްތަކެއް ފަހުންނެވެ. އެމަނިކުފާނުގެ ތިއްބަވަނީ މުހައްމަދު ރަޝީދާއި އައިސްތު ރަޝީދެވެ. މީގެ ތެރެއިން މުހައްމަދު ރަޝީދު ދިރިއުޅުއްވަނީ ސިންގަޕޫރުގަ އެވެ.

އިބްރާހީމް ރަޝީދަކީ ހުރަވީ ދަރިކޮޅުގެ ޝާހީ ރަސްކަމުގެ އާއިލާ އާއި ވެރިކަމުގެ އާއިލާއިން ވަޑައިގެންނެވި ބޭފުޅެކެވެ. އޭނާ ސަރުކާރުގެ ޚިދްމަތް ފެއްޓެވީ، ނޮވެމްބަރު 24، 1942 ގަ އެވެ.

އިނގިރޭސީންގެ ހިމާޔަތުގެ ދަށުން ރާއްޖެއަށް ފުރިހަމަ ސިޔާސީ މިނިވަންކަން ހޯދުމުގެ މަސައްކަތުގައި އޭރުގެ ބޮޑުވަޒީރު އަދި ފަހުން ރައީސް ނާސިރުގެ އަރިހުގައި މުހިންމު މަސައްކަތްތަކެއް ރަޝީދު ކުރެއްވި އެވެ. އަދި 1962 ގައި ވޯރާ ވިޔަފާރިވެރިންގެ އިގްތިސާދީ އަޅުވެތިކަމުން މިނިވަންކަން ހޯއްދަވައިދެއްވުމަށް ނާސިރު ކުރެއްވި މަސައްކަތާއި ރާއްޖޭގައި އިނގިރޭސި މީޑިއަމަށް ތައުލީމު ދޭން ފެށުމާއި، ގަވަމަންޓް ހޮސްޕިޓަލް ހުޅުވުމާއި، އަތޮޅުތަކުގައި ސިއްހީ މަރުކަޒު ހުޅުވުމާއި، އެއާޕޯޓް ބިނާކުރުމާއި، ދަތުރުފަތުރާއި މުއާސަލާތުގެ ރޮނގުތަކުން އެ ދުވަސްވަރު ގައުމަށް އައި ހުރިހާ ތަރައްގީއަކާއި ކުރިއެރުމެއްގައި އެމަނިކުފާނުގެ ބައިވެރިވެވަޑައިގަތުން އޮތެވެ.