31 ޖެނުއަރީ 2021 - 14:43

ދުބާއީ (ޖެނުއަރީ 31) - ބިދޭސީންނަށް ރަށްވެހިިކަން ދޭން ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިން ނިންމައިފި އެވެ.
ޔޫއޭއީގެ ނައިބް ރައީސް އަދި ދުބާއީގެ ވެރިޔާ ޝެއިޚް މުހައްމަދު ބިން ރާޝިދު އަލް މަޚްތޫމް ވިދާޅުވީ އެ ގައުމުގެ ރަށްވެހިކަން ދޭ މީހުންގެ ތެރޭގައި ހިމެނޭނީ އިންވެސްޓަރުންނާއި އެކި ދާއިރާތަކުގެ ޚާއްސަ ހުނަރުވެރިންނާއި ޑޮކްޓަރުންނާއި އިންޖިނޭރުން އަދި އާޓިސްޓުން ކަމަށެވެ. އެ ދާއިރާތަކުގެ މީހުންނާއި އެ މީހުންގެ އާއިލާތަކަށް ވެސް ރަށްވެހިކަން ދޭނެ އެވެ. އެހެންކަމުން މަދުން އާމްދަނީ ލިބޭ އެއްވެސް ބިދޭސީއަކު މި މިންގަނޑަކަށް ނުފެތޭނެ އެވެ.
ޝެއިޚް މުހައްމަދު ވިދާޅުވީ އެ ބަދަލު ގެންނަން ނިންމީ "ގައުމުގެ ތަރައްގީގެ ދަތުރުގައި އެހީތެރިވާނެ މީހުން ޝައުގުވެރި ކުރުވަން" ކަމަށެވެ.
ރަށްވެހިކަން ދިނުމުގައި އެޕްލިކޭޝަން ފުރިހަމަ ކުރުން ފަދަ ކަމެއް ނޯވެ އެވެ. ރަށްވެހިކަން ދޭނެ ފަރާތްތައް ނިންމާނީ ޔޫއޭއީގެ ޝާހީ އާއިލާގެ ބޭފުޅުންނާއި ސަރުކާރުގެ އެހެން އޮފިޝަލުންނެވެ. އޭގެ ފަހުން އެ މީހަކަށް ރަށްވެހިކަން ދޭނެތޯ ނުވަތަ ނޫންތޯ ކަނޑައަޅާނީ ޔޫއޭއީގެ ކެބިނެޓުންނެވެ.
ޔޫއޭއީ އިން މި ބަދަލު ގެންނަން ނިންމާފައި ވަނީ ކޮރޯނާވައިރަހުގެ ސަބަބުން ގައުމުގެ އިގްތިސާދު ދަށްވެ، ތެލުގެ އަގު ވެސް ވެއްޓި އަދި ބިދޭސީ އެތައް ހާސް ބަޔަކު އެ ގައުމު ދޫކޮށް ދާން ފަށާފައިވާ ދުވަސްވަރެއްގަ އެވެ. ދުބާއީގައި ވަޒީފާ އަދާކުރާ މީހުންގެ 90 ޕަސެންޓަކީ ބިދޭސީންނެވެ.
ޔޫއޭއީގައި އެތައް އަހަރެއް ވަންދެން މަސައްކަތް ކުރާ ބިދޭސީންނަށް ވެސް ރަށްވެހިކަން އަދި ޕާމަނެންޓް ރެސިޑެންސީ ވެސް ލިބޭ ގޮތެއް ނޯވެ އެވެ. އަދި އެ ގައުމުގައި އޮންނަ ސޯޝަލް ވެލްފެއާ ބެނެފިޓްސް ވެސް ނުލިބެ އެވެ.
ޔޫއޭއީ އިން މިދިޔަ އަހަރު ވަނީ 10 އަހަރުގެ ވިސާ ލިބޭ "ގޯލްޑް ކާޑެއް" ތައާރަފްކޮށްފަ އެވެ. އެ ކެޓަގަރީ އަށް ފެތެނީ ޑޮކްޓަރުންނާއި ސައެންޓިސްޓުން އަދި ވަރަށް މޮޅު ދަރިވަރުންނެވެ.