ކޮވިޝީލްޑަކީ އޮކްސްފޯޑް ވެކްސިން: ރައްކާތެރި!
ކޮވިޝީލްޑަކީ އޮކްސްފޯޑް ވެކްސިން: ރައްކާތެރި!

އޮކްސްފޯޑް-އަސްޓްރާޒެނެކާ އިން އިނގިރޭސި ވިލާތުގައި އުފެއްދި ކޮވިޑް ވެކްސިން އާއި ދުނިޔޭގެ އެންމެ ބޮޑު ވެކްސިން ކުންފުނި ކަމަށްވާ އިންޑިއާގެ ސީރަމް އިންސްޓިޓިއުޓް (އެސްއައިއައި) ގައި ހަދާ "ކޮވިޝީލްޑް" އަކީ، ކިޔާ ނަމުގެ ގޮތުން ދެ އުފެއްދުމެއް ކަމަށް ހީކުރެވުނަސް އެއީ އެކައްޗެކެވެ.

މި ވެކްސިނަކީ ChAdOx1 nCoV-19 އެވެ. އެކަމަކު މި ވެކްސިން އެސްއައިއައި އިން މާކެޓްކުރަނީ "ކޮވިޝީލްޑް" ގެ ނަމުގަ އެވެ.

އެސްއައިއައި އަކީ މިގޮތަށް އެތައް ކުންފުންޏެއްގެ ވެކްސިން އުފައްދައި ބަންދުކޮށް ދުނިޔެ ގަބޫލުކުރާ ފެންވަރުގައި އެކަން ކުރާ އެންމެ އިތުބާރު ބޮޑު އެއް ކުންފުންޏެވެ. މުޅި ދުނިޔޭގައި ވެސް ވެކްސިން އުފައްދާ އެންމެ ބޮޑު ކުންފުންޏެވެ. އެ ކުންފުނިން އަހަރަކު 1.5 ބިލިއަން ޑޯޒް ވެކްސިން އުފައްދަ އެވެ. އޭގެ ތެރެއިން ބޮޑު ބައެއް ދަނީ ތަރައްގީވަމުން އަންނަ ގައުމުތަކަށާއި ފަގީރު ގައުމުތަކަށެވެ.

އެސްއައިއައި އިން ބުނެފައިވާ ގޮތުގައި މަހަކު 50 މިލިއަން ޑޯޒްގެ ކޮވިޝީލްޑް އުފެއްދޭނެ އެވެ. އެ ކުންފުންޏަށް މި ވެކްސިން އުފެއްދުމުގައި މިހާ ކާމިޔާބުކޮށް މަސައްކަތް ކުރެވޭ އެއް ސަބަބަކަށް ވީ އޮކްސްފޯޑުން މި ވެކްސިންގެ ޔަގީންކަން ކަށަވަރުކުރުމުގެ ހުރިހާ މަރުހަލާއެއް ނިމުމުގެ ކުރިން ވެސް، އޮތް ޔަގީންކަމާއި އިތުބާރަށް ބަލައި، ވެކްސިން އުފައްދަން (ނުވަތަ ފުޅިފުޅިއަށް އަޅައި، ބަންދުކުރަން) ފެށުމެވެ.

"އޮކްސްފޯޑްގައި އެ ތިއްބެވީ ވަރަށް މޮޅު، ކުޅަދާނަ ސައިންސްވެރިން. އެހެންވެ އަޅުގަނޑުމެން އެހާ ޔަގީންކަމާ އެކު މި މަސައްކަތް ކުރިން ފަށައިގަތީ،" އެސްއައިއައިގެ ޗީފް އެގްޒެކަޓިވް އޮފިސަރު އަޑާރް ޕޫނަވާލާ، ކުރިން ރޮއިޓާސް އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެސްއައިއައި އަކީ ޕަބްލިކް ކުންފުންޏަކަށް ނުވާތީ މިވަރުގެ "ކުޑަ ރިސްކެއް" ނަގަން ނިންމެވީ ކަމަށެވެ.

ނިއު ޔޯކް ޓައިމްސްއަށް ދެއްވި އިންޓަވިއުއެއްގައި އޭނާ ވިދާޅުވީ، އަޖުމަބަލައި، ރައްކާތެރިކަން ކަށަވަރުކުރުމުގެ މަރުހަލާތައް ނުނިމެނީސް، ވެކްސިން އުފައްދަން ފަށާ ފަހުން، ނާކާމިޔާބު އެއްޗަކަށް އެ ވެއްޖެ ނަމަ ގާތްގަނޑަކަށް 400 މިލިއަން ޑޮލަރުގެ ގެއްލުމަކާ ކުރިމަތިލާން ޖެހޭނެ ކަމަށެވެ. ނަމަވެސް ކޮވިޑް ފެތުރޭލެއް ހަލުއިކަމާއި މުޅި ދުނިޔެއަށް ކުރިމަތިވި ބޮޑު ހުއްޓުމުން އަރައިގަތުމުގެ އުއްމީދުގައި، އެފަދަ ގެއްލުމަކާ ވެސް ކުރިމަތިލާން ޖެހުނަސް އެންމެ ރަނގަޅު ކަމަށް، މިދިއަ އަހަރު ދެއްވި އިންޓަވިއުގައި ވިދާޅުވި އެވެ.

މި ވެކްސިން އުފައްދަނީ ޗިމްޕެންޒީ އަށް ޖެހޭ އާންމު ރޯގާއެއްގެ ވައިރަސްއެއް ކަމަށްވާ "އެޑެނޯވައިރަސް" މޮޑިފައިކޮށް، ކޮރޯނާވައިރަސްއާ ވައްތަރުވާ ގޮތަކަށް ބަދަލުކޮށްގެންނެވެ. ވެކްސިނުގައި ބޭނުންކުރަން މޮޑިފައިކުރާ މި ވައިރަސްއަކުން ބައްޔެއް ނުޖެހޭނެ އެވެ.

ކޮވިޝީލްޑް ވެކްސިން ހަށިގަނޑަށް ޖެހުމުން، ދިފާއީ ނިޒާމުން އެ ދެނެގަންނަނީ ކޮރޯނާވައިރަސްގެ ގޮތުގަ އެވެ. އެހެންވެ އެ ވައިރަސް ވަނުމުން ހަށިގަނޑުން އެއާ ދެކޮޅަށް އެންޓިބޮޑީސް އުފައްދަން ފަށަ އެވެ. އެހެންވެ އެ މީހެއްގެ ހަށިގަނޑުގައި ކޮރޯނާވައިރަހާ ދެކޮޅަށް ހަމަލާ ދޭނެ ދިފާއު ލިބިގަނެ އެވެ.

މި ވެކްސިންގެ ދެ ޑޯޒް ދޭނެ އެވެ. ފުރަތަމަ ޑޯޒަށް ފަހު ދެ ވަނަ ޑޯޒް ދޭނީ 4-12 ހަފުތާ ފަހުންނެވެ. ކޮވިޑާ ދެކޮޅަށް އުފައްދާފައިވާ އެހެން ވެކްސިންތަކާ ހިލާފަށް މިއީ 2-8 ޑިގްރީސެލްސިއަސްގެ ފިނިހޫނުމިނުގައި ރައްކާކޮށްފައި ބެހެއްޓޭ ވެކްސިނެކެވެ. މިއީ ގޭގައި އާންމުކޮށް މި ބޭނުންކުރާ އައިސްއަލަމާރީގައި ވެސް ހުންނަ ފިނިހޫނުމިން ކަމަށް ވާތީ މިއީ އިތުރު ހަރަދުތަކެއް ނުކޮށް، މިހާރު ވެސް މި ހުރި ވަސީލަތްތަކުގެ ބޭނުންކޮށްގެން ރައްކާކޮށް އަދި އުފުލައި ގެންގުޅެވޭނެ ވެކްސިނެކެވެ.

އެހެން ވެކްސިންތަކަށް ވުރެ ކޮވިޝީލްޑް ވެކްސިން ގެންގުޅެން މާ ބޮޑަށް ވެސް ފަސޭހަ އެވެ. އެތައް ގައުމެއްގައި މިހާރު ކޮވިޑާ ދެކޮޅަށް ދެމުން އަންނަ ފައިޒާ-ބައިއޮންޓެކް ވެކްސިނަކީ މައިނަސް 70 ޑިގްރީސެލްސިއަސްގައި ބަހައްޓަން ޖެހޭ އެއްޗެކެވެ.

އޮކްސްފޯޑް-އަސްޓްރާޒެނެކާ ވެކްސިން އެކި ގައުމުތަކުގައި ދެމުން އަންނަ އިރު، މިހާތަނަށް އެނގިފައިވާ ގޮތުގައި، މި ވެކްސިންގެ ބައި ޑޯޒް އެންމެ ފުރަތަމަ ދިނުމަށް ފަހު، މުއްދަތު ހަމަކޮށްފައި ދެ ވަނަ ޑޯޒް ދިނުމުން ބަލިން ރައްކާތެރިކޮށްދިނުމުގެ ގާބިލްކަން 90 ޕަސެންޓަށް ހުރެ އެވެ. އެކަމަކު މިގޮތަށް ވެކްސިން ދިނުމުން ލިބޭ ރައްކާތެރިކަމާ ބެހޭ ގޮތުން ވަކި ގޮތަކަށް ކަނޑައަޅަން ބޭނުންވާ ވަރަށް އަދި މައުލޫމާތެއް ނެތެވެ.

ރަސްމީކޮށް އާންމުނުކޮށް ހުރި މައުލޫމާތުން ދައްކަނީ ވެކްސިންގެ ދެ ޑޯޒްގެ ދެމެދުގައި މުއްދަތު ދިގުކުރުމުން ވެކްސިނުން ރައްކާތެރިކަން އިތުރުކޮށްދޭ ކަމަށެވެ. މިގޮތަށް ވެކްސިން ދިން މީހުންގެ ތެރެއިން އެންމެ ޑޯޒަކުން ވެސް، ބަލިން ރައްކާތެރިކޮށްދިނުމުގެ ގާބިލްކަން 70 ޕަސެންޓަށް ހުރެ އެވެ.

އެސްއައިއައި އިން ބުނީ "ކޮވިޝީލްޑް" ތިން ވަނަ ކްލިނިކަލް ޓްރަޔަލް (ވެކްސިން ޓެސްޓްކުރުމުގެ ކްލިނިކަލް ތިން މަރުހަލާގެ ތެރެއިން ފަހު މަރުހަލާ) ބްރެޒިލް އާއި ޔޫކޭގައި ކުރިއަށް ގެންގޮސް ލިބުނު މައުލޫމާތުން މިއީ "ވަރަށް ފުރިހަމަ" ވެކްސިނެއް ކަމުގެ ޔަގީންކަން ލިބިފައިވާ ކަމަށެވެ. މި ވެކްސިނާ މެދު ޝައްކު އުފައްދާ މީހުންގެ ވާހަކަތަކާ ގުޅިގެން ތަޖުރިބާކާރުން ވިދާޅުވެފައިވަނީ އެކި އުމުރުފުރާތަކުގެ މީހުންނަށް މި ވެކްސިން ދީގެން ކޮށްފައިވާ ތަހުލީލުތަކަށް ބަލާއިރު ކޮވިޝީލްޑާ މެދު ޝައްކު އުދައްދަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ.

އޮކްސްފޯޑް-އެސްޓްރާޒެނެކާގެ ވެކްސިނާއި ކޮވިޝީލްޑަކީ އެކައްޗެއް ކަމަށް ވިޔަސް އުފައްދާ ތަނާއި އެ ތަނެއްގެ އުސޫލުތަކާއި ޕްރޮސެސް އަކީ ވެސް ބަލަން ޖެހޭ ކަންކަމެވެ. އަދި ކޮންމެ ކުންފުންޏެއްގެ ވެކްސިން ވެސް ވަކިން ބަލާނެ އެވެ. އިންޑިއާގައި މި ހަދާ ކޮވިޝީލްޑަކީ އެންމެ ވަރުގަދަ ކުންފުނީގެ މަސައްކަތެއް ކަމަށް ވުމުން މި ވެކްސިނާ މެދު ސިއްހީ އިދާރާތަކަށް ޝައްކެއް ނެތެވެ. ޑަބްލިޔުއެޗްއޯ އަށް ހުށަހަޅާފައިވާ ލިޔުންތަކަށް ބަލައި މި ހަފުތާ ތެރޭ ރަސްމީ ހުއްދަ ލިބުން އެކަށީގެންވެ އެވެ.