31 ޖެނުއަރީ 2021 - 14:16

މާލެ ސަރަހައްދުގައި ކޮވިޑް-19 ފެތުރުން އިތުރުވެ، ހޮސްޕިޓަލްގެ އެނދުތައް ފުރެމުންދާތީ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ތަބާވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު އެދިއްޖެ އެވެ.
އެ އެޖެންސީން ރޭ ހާމަކުރި މައުލޫމާތުތަކަށް ބަލާއިރު ހޮސްޕިޓަލުގައި އެޑްމިޓުކޮށްގެން 152 މީހަކަށް އަންނަނީ ފަރުވާ ދެމުންނެވެ. ހޮސްޕިޓަލުގައި އެޑްމިޓުކޮށްގެން ފަރުވާ ދޭ މީހުންގެ އަދަދު މިދިޔަ ހަފުތާގެ ހޮނިހިރު ދުވަހު 77 ގައި ހުރި ނަމަވެސް، ހަފުތާއެއްގެ ތެރޭގައި ވަނީ އިތުރު 75 މީހުން އެޑްމިޓުކޮށްފަ އެވެ.
އެހެންވެ، ބަލިޖެހޭ މީހުންގެ އަދަދު އިތުރުވެ ސިއްހީ ހިދުމަތްދޭ ފެސިލިޓީތަކުގެ ޖާގަ ވެސް ފުލްވަމުންދާ ކަމަށް، އާއްމުންނަށް ފޮނުވި އެ މެސެޖުގައި ބުންޏެވެ.
"މިކަމުގެ ނޭދެވޭ އަސަރު ކޮވިޑް-19 އަދި ކޮވިޑު ނޫން ބަލިތަކަށް ވެސް ކުރާނެ،" އެ މެސެޖުގައި ވެ އެވެ.
"ވީހާ ވެސް ރަނގަޅަކަށް ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ބޯލެނބުމަށް އެދެން،"
ފާއިތުވި އެއް ހަފުތާގެ ތެރޭގައި 851 މީހުން ކޮވިޑަށް ޕޮޒިޓިވްވެފައިވެ އެވެ. އެއާ އެކު، މުޅި ރާއްޖޭން ބަލި ޖެހުނު މީހުންގެ އަދަދު 15،736 އަށް އެރީ އެވެ.
ކޮވިޑަށް ފަރުވާދޭން ޚާއްސަކޮށްފައިވާ ހުޅުމާލެ މެޑިކަލް ފެސިލިޓީގެ ޖާގަ އަކީ 250 އެވެ. އޭގެ އިތުރުން ހާލު ބޮޑު މީހުންނަށް ފަރުވާދޭ ދަރުމަންތަ ހޮސްޕިޓަލުގައި 16 އެނދުގައި ފަރުވާދެވޭނެ އިންތިޒާމް ވަނީ ހަމަޖައްސައިފަ އެވެ. އަދި ކޮވިޑް-19ގެ ބަލިމީހުންނަށް އަތޮޅުތަކުގައި ފަރުވާދެވޭ ގޮތް ވެސް ވަނީ ހަދައިފަ އެވެ.
ފިޔަވަޅުތަކަށް ލުއި ދިނުމާއެކު ކޮވިޑް ޖެހޭ މީހުންގެ އަދަދު ދަނީ އިތުރުވަމުންނެވެ. އެއާއެކު، އެޗްޕީއޭއީން ވަނީ އަނެއްކާ ވެސް އެ ލުއިތައް އަނބުރާ ނަގައި ފިޔަވަޅު އަޅައިފަ އެވެ. އޭގެ ތެރޭގައި ޕާޓީތަކާއި ހަފުލާތައް ބޭއްވުން މަނާކުރުމާއި ރޭގަނޑު 12:00 ން ފަތިހު 4:00 ވަންދެން ކާފިއު ހިންގުން ހިމެނެ އެވެ.