08 ނޮވެމްބަރ 2016 - 12:57

މިޝިގަން (ނޮވެމްބަރު 8) - އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ވޯޓުލާން ރައްޔިތުން މިއަދު ނުކުންނަ އިރު ރައީސް ބަރަކް އޮބާމާ ފަހުގެ އިލްތިމާސްއެއް ކުރައްވައިފި އެވެ؛ މިޝިގަންގައި 40،000 މީހުންގެ އެއްވުމެއްގައި އޮބާމާ ވަނީ އެމަނިކުފާނަށް ވޯޓު ދެއްވާ އެމެރިކާގެ ރައީސް ކަމަށް ގެންނެވި ގޮތަށް ހިލަރީ ކްލިންޓަނަށް ވެސް ވޯޓު ދެއްވާ އެމެރިކާގެ ތާރީޚުގައި ފުރަތަމަ އަންހެން ރައީސަކަށް އެކަމަނާ ހެއްދެވުމަށް އެދިވަޑައިގެންފަ އެވެ.

ތިޔަ ބޭފުޅުންނަށް ވަނީ އެމެރިކާ ބައިބައި ކުރުމުގެ ސިޔާސަތަކަށް ވޯޓުލުމާއި ފުރަތަމަ އަންހެން ރައީސް އިންތިޚާބުކޮށްގެން ތާރީޚުން ޖާގަ ހޯދުމުގެ ފުރުސަތު ލިބިފައި،" ހިލަރީ އާއި ފިރިކަލުން ބިލް ކްލިންޓަން އަދި ފަސްޓް ލޭޑީ މިޝޭލް އެކު ކެމްޕޭން ކޮށްދެއްވަމުން އޮބާމާ ވިދާޅުވި އެވެ.

މިޝިގަން އަކީ ކުރިން ޑިމޮކްރެޓިކުންގެ ސްޓޭޓެއް ނަމަވެސް މި ފަހަރުގެ އިންތިޚާބުގައި އެ ސްޓޭޓުގެ ވާދަވެރިކަން ވަނީ ވަރަށް ބޮޑުވެފަ އެވެ. ޑޮނަލްޑް ޓްރަމްޕް ވެސް އުއްމީދު ކުރައްވަނީ މި ފަހަރު މިޝަންގެ ވޯޓު ލިބިވަޑައިގަންނަވާނެ ކަމަށެވެ.

އޮބާމާ ވަނީ އެ މަނިކުފާނުގެ ސަރުކާރުން، މިޝިގަންގެ އޮޓޯ އިންޑަސްޓްރީ ބަނގުރޫޓުވުން ސަލާމަތްކޮށްދިންކަން ހަނދާން ކޮށްދެއްވައިފަ އެވެ. އަދި މިއަދުގެ ވޯޓުގައި ހިލަރީ އަށް ކާމިޔާބު ނުލިބިއްޖެ ނަމަ އެ ސްޓޭޓުގެ ހުރިހާ ކުރިއެރުމެއް ފަނުފުލުން ދާނެ ކަމަށް އޮބާމާ ވިދާޅުވި އެވެ.

"ވޯޓު ދޭ މީހުންނަށް އޮތް އުފާވެރި ޚަބަރަކީ ރައްޔިތުން ދޭ ވޯޓުގެ އަގު ލިބޭވަރުގެ ރަނގަޅު ކެންޑިޑޭޓެއް ލިބިފައިވުން. އެއީ ޓެސްޓްކޮށްފައިވާ ކެންޑިޑޭޓެއް. އަދި އެއީ ވައިޓްހައުސް އަށް ވާދަކުރައްވާ އެންމެ ގާބިލް ކެންޑިޑޭޓް. އެމެރިކާގެ ވެރިކަމަށް ދެން ވަޑައިގަންނަވާނެ ރައީސް، ހިލަރީ ކްލިންޓަން،" އޮބާމާ ވިދާޅުވި އެވެ.
އޮބާމާ ވަނީ ހިލަރީއާ އެކު އިއްޔެ ނިއު ހެމްޝަޔާ އާއި ފިލެޑެލްފިއާގައި ވެސް ކެމްޕޭން ކުރައްވައިފަ އެވެ.